މިއަދު އަޅުގަނޑުމެންނަށް ބޭނުން ވެފައި މި ވަނީ އިލާހީ ނަސްރާއި މަދަދު ކަމަށާއި، ނަމަވެސް އެ ނަސްރާއި މަދަދު މި ވަނީ ކެނޑިގެން ގޮސްފައި ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.

އިއްޔެގެ ހުކުރު ޚުތުބާގައި އިލްޔާސް ވިދާޅުވީ ގޭތެރެއާ މުޖުތަމައުގެ އަމާންކަން ގެއްލި އަދި ދަރިންގެ ކިބައިގައި ހުންނަން ޖެހޭ ކިޔަމަން ތެރިކަން ނެތިގޮސް ވެރިންގެ ކިބައިގައި އަދުލު އިންސާފު މިއަދު ނެތިގެން ގޮސްފައި ކަމަށެވެ.
~
"މިއަދު ގޭގެ ތެރޭގައި އަމާން ކަމެއް ނެތް. މުޖުތަމައުގެ އަމާން ކަމެއް ނެތް. ދަރިންގެ ކިބައިގައި ކިޔަމަންތެރި ކަމެއް ނެތް. ވެރިންގެ ކިބައިގައި އަދުލު އިންސާފެއް ނެތް. މުޖުތަމައުގެ ތެރޭގައި ދޭދޭ ފަރުދުންގެ މެދުގައި ހިތްހަމަ ނުޖެހުމުގެ އުސޫލުތައް ވަނީ އުތުރި އަރާފައި. ބައިބައި ވުމުގެ ރޫހު ވަނީ އާލާ ވެފައި. ﷲއަށް ބިރުވެތި ވުމުގެ ޒައްރެއްގެ މިންވަރު ވެސް އަޅުގަނޑުމެންގެ ހިތްތަކުގައި އެއް ނެތް،" އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ އަޅުގަނޑުމެންނަކީ މާތްﷲ އަށް ބިރުވެތިވެ އެއިލާހުގެ ދީނަށް ނަސްރުދޭ ބަޔަކަށް ވުމަށް އަވަސްވެ ގަންނަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ބަޔަކަށް އަޅުގަނޑުމެންނަށް ވެވިއްޖެނަމަ އެއިލާހު އަޅުގަނޑުމެންނަށް ނަސްރު ދެއްވައި، ދެ ދުނިޔޭގެ ބާއްޖަވެރިކަން މިންވަރު ކޮށްދެއްވާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އިސްލާމް ދީން ނޫން އެހެން ގޮތަކުން ކުރި އެރުން ހޯދާން އުޅެފިނަމަ ﷲ އަޅުގަނޑުމެން ނިކަމެތި ކުރައްވާނެ ކަމަށާއި، މިއަދު އަޅުގަނޑުމެންގެ މުސްލިމް މުޖުތަމައަށް ވެސް ކުރިމަތި ވެފައި މި ވަނީ އެކަމުގެ ސުންޕާ ކަމާއި، ނުބައި އަސަރު ކަމަށެވެ.

އޭނާ ވިދާޅުވީ މާތްﷲ ވަނީ ބަޔާންވެ ފާޅު ވެގެންވާ އާޔަތްތަކެއް ބާވައި ލައްވާފައި ކަމަށާއި، އެ އާޔަތް ތަކަށް އިންކާރު ކޮށްފިނަމަ އެ އިންކާރު ކުރާ މީހުންނަށްވަނީ އިހާނަތް ތެރިވެގެންވާ އަޒާބު ކަމަށެވެ.

"އިއްޒަތް ތެރި ލޮބުވެތި އަޚުންނޭ، މިއަދު އަޅުގަނޑުމެން ތަރައްގީގެ ނަމުގައި، ތަހްޒީބުގެ ނަމުގައި، މިނިވަން ކަމުގެ ނަމުގައި، އަދި އިންސާނީ ހައްގު ތަކުގެ ނަމުގައި، އިސްލާމް ދީނުގައި ކަނޑައެޅިފައިވާ ހުކުމް ތަކާ މެދުގައި، ވާހަކަ ދައްކަމުންދާ އިރު އަޅުގަނޑުމެންނަށް އެއްވެސް ކަހަލަ ބިރެއް ނާންނަނީތޯ. ﷲގެ އާޔަތްތަކަށް އަޅުގަނޑުމެންގެ ހިތްތައް ބިރުވެތިވާންވީ ވަގުތު ނާންނަނީ ތޯ. މިއަދު މިވަނީ ވަގުތު އައިސް ޖެހިފައި. ﷲގެ ދީނަށް ފުރައްސާރަ ކުރުން، ﷲގެ ދީނުގައި ކަނޑައެޅިފައިވާ ހުކުމްތަކާއި އިދިކޮޅަށް ވާހަކަ ދެއްކުމަކީ ނިކަމެތިވާނެ ކަމެއް. އެއީ ޝައްކެއް އޮތް ކަމެއް ނޫން. ﷲގެ މި ވައުދުގެ ބަސްފުޅު ތެދުވެގެންދާ ތަން އަޅުގަނޑުމެންގެ ދެ ލޮލުން ތާއަބަދު ފެނިގެންދާނެ،" އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެންމެ ބޮޑަށް ދެރަވެގެންވާ އަދި ނިކަމެތި ވެގެންވާ މީހުންނަކީ ﷲ އަށާއި އެއިލާހުގެ ރަސޫލާއަށް ދެކޮޅުވެރިވާ މީހުން ކަމަށާއި، އެފަދަ މީހުންނަށް އެއްވެސް ކުރި އެރުމެއް ނޯންނާނެ ކަމަށެވެ.

އަދި ވިދާޅުވީ އެފަދަ މީހުން ކިތަންމެ ވަރަކަށް ތަރައްގީގެ ވާހަކަ ދެއްކި ނަމަވެސް އިސްލާމް ދީނުގައި ކަނޑަ އެޅިފައިވާ އުސޫލްތަށް ފުނޑުފުނޑު ކުރުމަށް ފަހު އެ މީހުންނަކަށް ކުރިއެރުމެއް ނުލިބޭނެ ކަން ﷲ ވަހީ ކުރައްވާފައިވާ ކަމަށެވެ.