ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައިގެން ކުރީގެ ރައީސް މުހައްމަދު ނަޝީދު، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި މައްސަލައިގެ ޝަރީއަތް އަންނަ މަހުގެ ހަތަރު ވަނަ ދުވަހަށް ޝެޑިއުލްކޮށްފި އެވެ.

ޖުޑީޝަރީގެ މީޑިއާ ޔުނިޓުގެ އޮފިޝަލަކު ވިދާޅުވީ ނަޝީދުގެ ޝަރީއަތް އަންނަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހަށް ޝެޑިއުލް ކުރުމަށް ފަހު މިހާރު އެމަނިކުފާނަށް ޗިޓް ފޮނުވާފައިވާ ކަމަށެވެ. އަދި އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ބައެއް ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގާނޫނުލް އުގޫބަތުގެ 81 ވަނަ މާއްދާގެ ދަށުން ނަޝީދުގެ މައްޗަށް ކޮށްފައިވާ ކުށް ނުކުރާ މީހަކު ގަސްތުގައި ހިފައި ހައްޔަރު ކުރުމުގެ ދައުވާގެ ޝަރީއަތް އެންމެ ފަހުން ބާއްވާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. އެ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުންގެ ބެންޗުން ވަނީ އެމަނިކުފާނުގެ ޝަރީއަތް ހަތަރު ހަތްތާއަށް ފަސްކޮށްފަ އެވެ.

ޝަރީއަތް ހަތަރު ހަފްތާއަށް ފަސްކޮށްފައި ވަނީ އެކަމަށް އެދި ނަޝީދު ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ސިޓީފޮނުވާފައިވާތީ ޕްރޮސެކިއުޓާ ޖެނެރާއި އެކަން ހިއްސާކުރުމުން އެގޮތަށް ނިންމިއަސް އިއުތިރާޒެއް ނެތްކަމަށް ވިދާޅުވުމުންނެވެ.