ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކޮންމެ މަހަކު އެއްފަހަރު އިއުލާނުކުރާ "ކޮކާކޯލާ ވޯލްޑް ރޭންކިން" ލިސްޓުގައި ފާއިތުވި ހަ މަސް ދުވަހު ދެކުނު އޭޝިއާ ސަރަހައްދުގެ އެއް ވަނައިގައި އޮތް ދިވެހި ރާއްޖެއަށް އެ މަގާމް މިފަހަރު ގެއްލިއްޖެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ފީފާއިން އިއުލާން ކުރި ރޭންކިން ލިސްޓަށް ބަލާއިރު ރާއްޖެ އޮތީ ސަރަހައްދުގެ ހަތަރު ވަނަ މަގާމް ގައެވެ. ދުނިޔޭގެ ރޭންކިންގައި މިވަގުތު 163 ވަނަ މަގާމްގައި އޮތް ރާއްޖެ ވަނީ މި ފަހަރު ދެ ދަރަޖަ ފަހަތަށް ޖެހިލައިފަ އެވެ.

މިފަހަރުގެ ރޭންކިން ލިސްޓުން ރާއްޖެ ދެ ދަރަޖަ ފަހަތަށް ޖެހުނުއިރު، މިދިޔަ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމުން ވަނީ ޕާކިސްތާނާ ދެކޮޅަށް އެކުވެރި ކަމުގެ ދެ މެޗެއް ކުޅެފައެވެ. ވެރިރަށް މާލޭގައި ކުޅުނު އެދެމެޗުގެ ތެރެއިން ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު ދެ ވަނަ މެޗު 3-0 އިން ރާއްޖެ ވަނީ ކާމިޔާބު ކޮށްފައެވެ. އޭރު ރާއްޖެ އޮތީ ދުނިޔޭގެ ރޭންކިންގެ 161 ވަނަ މަގާމްގަ އެވެ.

ސާކް ސަރަހައްދުން މިފަހަރު އެއް ވަނަ ލިބުނީ 48 ދަރަޖާގެ ކުރިއެރުމެއް ހޯދި އަފްގާނިސްތާނަށެވެ. އަދި އެއް ވަނަ މަގާމާއެކު ދުނިޔޭގެ ރޭންކިންގައި އަފްގާނިސްތާން އޮތީ 141 ވަނަ މާގްގައެވެ. ސަރަހއްދުގެ ދެ ވަނައިގައި އޮތީ 24 ދަރަޖައިގެ ކުރިއެރުމެއް ހޯދި އިންޑިޔާއެވެ. ދުނިޔޭގެ ރޭންކިންގައި އިންޑިޔާ އޮތީ 143 ވަނަ މަގާމްގައެވެ.

ސަރަހައްދުގެ ތިން ވަނަ މިފަހަރު ލިބުނީ ބަންގްލަދޭޝް އަށެވެ. އެގޮތުން 12 ދަރަޖާގެ ކުރިއެރުމެއް ބަގްލަދޭޝްއަށް މިފަހރު ލިބުނުއިރު ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 157 ވަނަ މަގާމްގައެވެ. ސަރަހައްދުގެ ފަސް ވަނަ މަގާމް ގައި މިފަހަރު އޮތީ އެއް ދަރަޖަ ފަހަތަށް ޖެހުނު ޕާކިސްތާނެވެ. އަދި ދުނިޔޭގެ ރޭންކިންގައި ޕާކިސްތާން އޮތީ 171 ވަނަ މަގާމްގައެވެ. މި ސަރަހައްދުގެ ހަ ވަނައިގައި އޮތީ 20 ދަރަޖައިގެ ކުރިއެރުމެއް ހޯދި ސްރީ ލަންކާ އެވެ. ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 173 ވަނަ މަގާމް ގައެވެ. އަދި އެއް ދަރަޖައިގެ ގެއްލުމަކާއެކު ސަރަހައްދުގެ ހަތް ވަނަ މަގާމަށް ނޭޕާލް މި ފަހަރު ވެއްޓުނުއިރު ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 175 ވަނަ މަގާމްގަ އެވެ.

މިފަހަރުވެސް ސަރަހައްދުގެ ފުލުގައި އޮތީ ބޫޓާނެވެ. އަދި ދުނިޔޭގެ ރޭންކިންގައި ބޫޓާން އޮތީ 207 ވަނަ މަގާމްގަ އެވެ.

ފީފާ ރޭންކިންގެ ދުނިޔޭގެ އެއްވަނައިގައި އަދިވެސް އޮތީ އެންމެ ފަހުގެ ދުނިޔޭގެ އަދި ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އެވެ. ސްޕެއިންގެ ފަހަތުން ދެވަނައިގައި އޮތީ ޖަރުމަނެވެ. އަދި ތިން ވަނަ މަގާމް ގައި އޮތީ އާޖެންޓީނާއެވެ.