އިންގިރޭސި ޕްރިމިއާ ލީގުގެ ގަދަ ގަރެއްގެ ތެރޭގައި އާސެނަލް ހިމެނެން ބޭނުން ނަމަ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި ބަޔާން މިޔުނިކާ ދެކޮޅަށް ނެރުނުފަދަ ވަރުގަދަ ރޫހެއް ޓީމުގެ ފަރާތުން ނެރެން ޖެހޭ ކަމަށް ކޯޗް އާސީން ވެންގާ ބުނެފި އެވެ.

އުތުރު ލަންޑަންގެ ކުލަބު ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ފުރަތަމަ ލެގުން 3-1 ން އެމިރޭޓްސްގައި ބަލިވެފައި ވަނިކޮށް ދެވަނަ ލެގުގައި ބަޔާންއާ ދެކޮޅަށް މިޔުނިކުގައި ކުޅުނު މެޗު ގިނަވަޔަކު ހައިރާން ކުރުވުމަށްފަހު ކާމިޔާބު ކޮށްފައި ވަނީ ދެލަނޑު ސުންލަޑުން ނެވެ. އަދި އެގްރިގޭޓް ނަތީޖާ ތިނެއް ތިނަކުން އެއްވަރުވީ ނަމަވެސް އާސެނަލް ޗެމްޕިއަންސް ލީގާ އަލްވަދާއު ކިޔަންޖެހުނީ ރަށުން ބޭރުގައި ޖެހި ގޯލްގެ ތަފާތުން ނެވެ.

ތަށްޓެއް ނުލިބި ޖެހިޖެހިގެން އަށް އަހަރު ފާއިތުވެފައިވާ އާސެނަލްއަށް މިހާރު އޮތީ ކުރިއަށް އޮތް ސީޒަންގައި ޗެމްޕިއަންސް ލީގު ކުޅުމުގެ ފުރުސަތު ހޯދަން ބޭނުން ކަމުގައި ވާނަމަ ލީގުގެ ގަދަ ހަތަރަކަށް ކޮންމެފަދަ ގުރުބާނީ އެއް ވެގެންވެސް އެރުމެވެ.

ޕްރިމިއާލީގުގައި މިހާތަނަށް 28 މެޗު ކުޅެގެން ފަސްވަނައިގައި 47 ޕޮއިންޓާއެކު އޮތް އާސެނަލް، ތާވަލުގެ ނުވަވަނައިގައި އޮތް ސުވާންސީ ސިޓީއާއި ރަށުން ބޭރުގައި ކުޅެން ޖެހޭ މެޗަށް ދިއުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެމުން ބުނެފައި ވަނީ ކުރިއަށް އޮތްތާނގައި އާސެނަލް ކުޅޭ ކޮންމެ މެޗަކީ ވެސް ދެކެން ޖެހޭނީ ފައިނަލު މެޗެއްގެ ގޮތުގައި ކަމަށެވެ.

އަދި ވެންގާ ބުނީ ސުވާންސީ އަކީ ކުޅެން ފަސޭހަ ތަނެއް ނޫން ކަމަށާއި އެހެން ކަމުން ބާޔާން މިޔުނިކާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅުނުފަދައިން އެ ހިތްވަރާއި އެ ރޫހުގައި ސުވަންސީއާ ދެކޮޅަށް ވެސް ކުޅެން ޖެހޭނެ ކަމަށެވެ.

ޕްރިމިއާ ލީގުގައި އާސެނަލްއަށް ދިހަ މެޗު ބާކީ އޮތް އިރު ތާވަލްގެ ހަތަރު ވަނައިގައި އޮތް ޗެލްސީއާ އެ ކުލަބާ ދޭތެރޭ ފަސް ޕޮއިންޓުގެ ތަފާތު އެބަ އުޅެ އެވެ. އަދި އެކުލަބު ކުޅެން ޖެހޭ ޓީމު ތަކުގެ ތެރޭގައި މެންސްޗެސްޓާ ޔުނައިޓެޑް، ނިއުކާސަލް ޔުނައިޓެޑް، އެވަޓަން، ފުލަމް، އެސްޓްބްރޮމް، ކިޔުޕީއާރު، ނޯވިޗް، ވިގަން އަދި ރެޑިން ހިމެނެ އެވެ.