ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ކުރީގެ ހެޑް ޗީފް ސުޕްރިޓެންޑެންޓް މުހައްމަދު ހަމީދު ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ އެއްގޮތަކަށް ކަން ސާބިތުކޮޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ސިވިލް ކޯޓުން ކަނޑައަޅައިފި އެވެ.

ކޯޓުން އެގޮތަށް ނިންމާފައި ވަނީ ފުލުހުންގެ ވަޒީފާއިން ހަމީދު ވަކިކުރުމާ ގުޅިގެން އޭނާގެ ވަޒީފާ އަނބުރާ ހޯދުމަށް ސިވިލް ކޯޓުގައި އުފުލާފައިވާ ދަައުވާއާ ގުޅިގެން އެ ކޯޓުން ބަލަމުން ގެންދާ މައްސަލާގައި ހަމީދުގެ ފަރާތުން ހުށަހަޅުއްވާފާއިވާ އިޖުރާއީ މައްސަލައެއްގަ އެވެ. އެމައްސަލާގައި ހަމީދު ވަނީ އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާ އެއްގޮތަށް ކަން ސާބިތުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދިވަޑައިގެންފަ އެވެ.

އެ މައްސަލާގައި ހަމީދުގެ ފަރާތުން ދައްކަފައިވާ ވާހަކަތަކާއި ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކައާއި ކަމާ ގުޅޭ ދުސްތޫރީ، ގާނޫނީ އަދި ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ގާޒީ މަރިޔަމް ނިހާޔަތު އިއްވެވި ނިންމެވުމުގައި ބުނެފައި ވަނީ ވަޒީފާ އަދާކުރުމަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާއިން ކޮންމެ މީހަކަށް ވެސް ލިބިދީފައިވާ ހައްގަކަށްވާއިރު އެ ހައްގެއްގެ ނުވަތަ މިނިވަން ކަމެއްގެ އެއްވެސް މިންވަރެއް ހިފަހައްޓާފައިވަނީ ގާނޫނާ އެއްގޮތަށް ކަން ސާބިތުކޮށްދިނުމަކީ އެހައްގެއް ނުވަތަ އެ މިނިވަން ކަމެއް ހިފެހެއްޓި ފަރާތެއްގެ ޒިންމާއެއް ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގެ ހެޑްގެ މާގާމުގައި ހުންނެވި ހަމީދު އެ މަގާމުން އެހެން މަގާމަކަށް ބަދަލުކޮށްފައި ވަނީ ނަޝީީދުގެ ވެރިކަން ބަދަލުވިފަހުންނެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސްއާ ބެހޭ މައުލޫމާތުތަކެއް ލީކްކޮށްލި ކަމުގެ ތުހުމަތުގަ އެވެ.