މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ތަރައްގީ ކުރުމަށް މޮރިޝަސް ރެވެނިއު އޮތޯރިޓީ (އެމްއާރުއޭ)ގެ ތަޖުރިބާއާއި އެހީތެރިކަން ހޯދުމަށް ބޭނުންވާ ކަމަށް ރާއްޖޭ މާލީ ވަޒީރު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ޖިހާދު އެހެން ވިދާޅުވީ އެމަނިކުފާނު މިހާރު މޮރިޝަސް އަށް ކުރައްވަމުން ގެންދަވާ ރަސްމީ ޒިޔާރަތުގައި، ރާއްޖެއާއި މޮރިޝަސް އާއި ދެމެދު ގާއިމް ކުރެވޭ ގުޅިފައިވާ އިގްތިޞާދީ ކޮމިޝަން ގާއިމް ކުރުމަށް ދެގައުމުގެ ދެމެދުގައި އެއްބަސް ވުމުގައި ސޮއިކުރެއް ވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ނެވެ.

ރާއްޖޭގެ މާލީ ވަޒީރު ވިދާޅުވީ ދިވެހިރާއްޖެއަކީ އަދި އަލަށް ޓެކްސްގެ ނިޒާމެއް ގާއިމް ކޮށްގެން އެފަދަ މަސައްކަތެއް ފަށަގެން ކުރިއަށްދާ ގައުމަކަށް ވާތީ އެމްއާރުއޭއާއި އަދި އެމްއާރުއޭގެ ކަސްޓަމްސް ޑިޕާޓްމަންޓުގެ މަސައްކަތްތައް ކުރިއަށްދާގޮތަށް ރާއްޖޭގެ ޓެކްސް އޮތޯރިޓީވެސް ތަރައްގީ ކުރަށްވަން ބޭނުންފުޅު ކަމަށެވެ.

"އަޅުގަނޑުމެންގެ ރެވެނިއު އޮތޯރިޓީއަކީ އަދި ވަރަށް އަލަށް ފަށައިގަނެގެން އުޅޭ ތަނަކަށްވާތީ އެތަން ތަރައްގީ ކުރުމަށް، މޮރިޝަސް ރެވެނިއު އޮތޯރިޓީގެ އެހީތެރިކަން އަޅުގަނޑުމެން ހޯދާނަން" މާލީ ވަޒީރު ޖިހާދު ވިދާޅުވި އެވެ.

ޖިހާދުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ މި ޒިޔާރަތުގައި މޮރިޝަސްގެ އޯފްޝޯ ސެކްޓާއާއި ބެހޭ ވަރަށް ގިނަ މައުލޫމާތުތައް އޮޅުން ފިލައިފި ކަމަށާއި މޮރިޝަސްގެ ކާމިޔާބީގެ ވާހަކަތައް ހިއްސާކޮށް މިތަނުން އެކަންތައް ދަސްކޮށް ތަމްރީނު ހޯދުމަށް ރާއްޖޭގެ ވަފުދުތައް މިތަނަށް ފޮނުވަން އުއްމީދު ކުރަށްވާ ކަމަށެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު ގާއިމް ކުރެވުނު ގުޅިފައިވާ އިގްތިސާދީ ކޮމިޝަންގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ މާލީ ވަޒީރު ޢަބްދުﷲ ޖިހާދު އެވެ. އަދި މޮރިޝަސްގެ ފަރާތުން އެ އެއްބަސް ވުމުގައި ސޮއި ކުރެއްވީ އެ ގައުމުގެ ބޮޑުވަޒީރުގެ ނާއިބު އަދި މާލީވަޒީރު ޒާވިއާ ލުކް ދުވަލް އެވެ.

ރާއްޖެއާއި މޮރިޝަސްއާ ދެމެދު މިފަދަ އިގްތިސާދީ ގުޅުމެއް ގާއިމް ކުރުމުގެ ސަބަބުން ޖަޒީރާ ރައްތަކެއް އެކުލެވޭ މިދެގައުމުގެ ގުޅުމަށް އިތުރު ވަރުގަދަ ކަމެއް އައިސް ދެގައުމުގެ ފަތުރުވެރި ކަމާއި އިގްތިސާދަށް ވެސް އޭގެ ރަނގަޅު އަސަރުތައް ކުރާނޭ ކަމަށް ދެގައުމުގެ ވެރިންވެސް ދެކެވަޑައިގަންނަވެ އެވެ.

ޖިހާދުގެ ވާހަކަ ފުޅުގައި އަންނަ ޖުލައިމަހު ރާއްޖޭގެ މެގަ މޯލްޑިވްސް އެއާލައިނުން ރާއްޖެއާއި މޮރިޝަސްއާ ދެމެދު ސީދާ ވައިގެ ދަތުރުތައް ފެށުމުން ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި ގުޅުން ބަދަހިވެ ވިޔަފާރީގެ ތަޖުރިބާތައް ހިއްސާކުރެވި އޭގެ ރަނގަޅު އަސަރުތައް ވެސް ކުރާނޭ ކަން ފާހަގަ ކުރެއްވި އެވެ.

ބުރާސްފަތި ދުވަހު އޮތް އެއްބަސް ވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޒާވިއާ ލުކް ދުވަލް ދެއްކެވި ވާހަކަ ފުޅުގައި ވިދާޅުވެފައި ވަނީ ހިނދު ކަނޑުގައި ވާ ޖަޒީރާ ގައުމުތައް ހިމެނޭ ޖަމާއަތެއް ކަމަށްވާ ވެނީލާ އައިލެންޑް ކޮންސެޕްޓްގައި ބައިވެރިވުމަށް ރާއްޖެއަށް މިހާރު ވާނީ ދައުވަތު ދެއްވާފައި ކަމަށާއި، އަދި ރާއްޖޭގެ މަތީ ތައުލީމު ހޯދާ ދަރިވަރުންނަށް މޮރިޝަސްގައި ކިޔެވުމުގެ ފުރުސަތު ހޯދައި ދިނުމާއި، ރާއްޖޭގައި މޮރިޝަސްގެ ރައްޔިތުންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައި ދެއްވުމަށް ދެފަރާތުގެ ދެމެދުގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.