ރާއްޖޭގައި ކުރިކެޓް މެޗްތަކެއް ކުޅުމަށް ޗައިނާގެ ބެއިޖިން ރޯޔަލް ފޮރިން ލޭންގުއޭ ސްކޫލްގެ ދަރިވަރުންގެ ކްރިކެޓް ޓީމެއް އިއްޔެ މާލެ އަތުވެއްޖެ އެވެ.

އިއްޔެ މާލެ އާ ޗައިނާގެ ސްކޫލް ކުރިކެޓް ޓީމުގައި 14 އަހަރުން ދަށުގެ 19 ކުރިކެޓް ކުޅުންތެރިން ތިއްބެވެ.

ރާއްޖޭގެ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްއާ ގުޅިގެން އިންތިޒާމްކޮށްފައިވާ އެ ދަތުރުގައި އެ ސްކޫލްގެ ކުރިކެޓް މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ މާލޭގަ އާއި ޏ. ފުވައްމުލަކުގަ އެވެ.

ކުރިކެޓް ބޯޑުން ބުނީ، ޗައިނާގެ ޓީމް މާލޭގައި ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ފުވައްމުލަކުގައި ފަސް މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ރާއްޖެ އިން އެ މެޗްތަކުގައި ވާދަކުރާނީ ސީބީއެމް ވައިޑީޕީގައި ހިމެނޭ ސްކޫލްތަކުގެ ޖޫނިއާ ކުރިކެޓް ޓީމް ތަކުންނެވެ. އަދި ޗައިނާގެ ޓީމް ވިވަގުތު ފުވައްމުލަކަށް ގޮސްފައިވާ އިރު، އެޓީމް މާލެ އައުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށް ވެސް ކުރިކެޓް ބޯޑުން މައުލޫމާތު ދެ އެވެ.