16 Mar 2013, 10:10
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ ރާއްޖޭގެ ގައުމީ ފޯވާޑް އަލީ އަޝްފާގް (ދަނގަޑޭ)އަކީ ފަހުގެ ތާރީހެއްގައި މިވީހާ ތަނަށް ރާއްޖެ ދުށް އެންމެ މޮޅު ފުޓްބޯޅަ ތަރި ކަމަށް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ކޯޗް ސްލޮވާކިޔާގެ ލަޑިމިޔާ ގޮފާ ބުނެފި އެވެ.
ދެހާސް ހަ ވަނަ އަހަރު ނިއުގެ ކޯޗްކަން ވެސް ކޮށްފައިވާ ގޮފާ ބުނީ، މީގެ ހަތް އަހަރު ކުރިން ރާއްޖޭގެ ފުޓްބޯޅަ ކުޅުންތެރިންގެ ފެންވަރަށް ވުރެ މިހާރު ދިވެހި ކުޅުންތެރިންގެ ފަރާތުން ފެންނަނީ ތަފާތު މޮޅުކުޅުމެއް ކަމަށާއި އޭރަށް ވުރެ މިހާރު ފުޓްބޯޅަ ކުޅޭ ކުތުންތެރިން ރާއްޖޭގައި ގިނަ ކަމަށެވެ. އަދި ނިއުގެ ފޯވާޑް އަޝްފާގުގެ ކުޅުމާމެދު ވަރަށް ހިތް ހަމަޖެހޭ ކަމަށް ވެސް ގޮފާ ބުންޏެވެ.
"އޭރާ މިހާރާ އަޅާބަލައި އިރު ރާއްޖޭގެ ފުޓްބޯޅަ ވަރަށް ކުރިއަށް ޖެހިލައިފި. އަހަރެން ހީވެސް ނުކުރަން މިހާ ކުރިއަށް ދިވެހި ފުޓްބޯޅަ އަތުވެދާނެ ކަމަކަށް. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމް ދާދި ފަހުން ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ދިވެހި ޓީމުން ދެއްކި. ހަމައެޔާއެކު ގައުމީ ފޯވާޑް ދަނގަޑޭއާއެކު ގިނަ ކާމިޔާބީތައް އަދި ދިވެހިންނަށް ހޯދޭނެ. ދަނގަޑޭ އަކީ ރާއްޖެދުން އެންމެ މޮޅު ފުޓްބޯޅަ ތަރި،" ރާއްޖޭގެ ފުޓްބޯޅައާ މެދު ދެކޭގޮތް ހާމަކުރުމަށް ސަން އޮންލައިނުން ކުރި ސުވާލަށް ޖަވަބު ދެމުން ގޮފާ ބުންޏެވެ.
ގޮފާ ބުނީ، އޭއެފްސީ ކަޕްގެ ގްރޫޕް އެފްގައި މިދިޔަ އަންގާރަ ދުވަހު އިންޑޮނީޝިއާގެ ޕާސިބޯއާ ދޮޅަށް ރާއްޖޭގެ ނިއުރޭޑިއަންޓު ރަށުން ބޭރުގައި ކުޅުނު މެޗުގައި ވެސް އަޝްފާގުގެ ފަރާތުން ފެނުނީ ތަފާތު މޮޅު ކުޅުމެއް ކަމަށެވެ. އަދި ދާދި ފަހުން ޕާކިސްތާނާ ދެކޮޅަށް މާލޭގައި ދިވެހި ގައުމީ ޓީމު ކުޅުނު ދެ މެޗުގައި ވެސް އަޝްފާގުގެ ފަރާތުން އޭނަގެ އަސްލު ފެންވަރު ފެނުނު ކަމަށް ގޮފާ ބުންޏެވެ.
އޭފއެފް ސީ ކަޕްގައި މިދިޔަ އަންގާރަ ދުވަހު ނިއު ޕާސިބޯއާ ދެކޮޅަށް ކުޅުނު މެޗް 7-0 ލަނޑުން ނިއު ކާމިޔާބު ކުރި އިރު އެމެޗުގައި އަޝްފާގް ވަނީ ފަސް ލަނޑު ނިއުއަށް ކާމިޔާބު ކޮށްދީފަ އެވެ. އަދި އެމުބާރަތުގެ ގޯލް ލިސްޓުގެ ކުރީގައި ވެސް އަދި އޮތީ ގައުމީ ފޯވާޑް އަޝްފާގް އެވެ.
ސްލޮވާކިޔާގެ 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކޯޗް ކޮށްދިން ގޮފާ ބުނީ، ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާ ދާތަން އަބަދުވެސް ބަލަން ބޭނުންވާ ކަމަށާއި އެގޮތުން އެކަން ރާއްޖެއަށް ވާން އޮތީ ވީހާ ވެސް ގިނަ ގިނައިން އިންޓަނޭޝަނަލް މެޗްތައް ދިވެހި ޓީމުން ކުޅުމުން ކަމަށެވެ. އަދި ޓީމުގައި މިވަގުތި ތިބި ސްކޮޑަށް ބަލާ އިރު، އެތިބި ކުޅުންތެރިންނަކީ ރާއްޖެ އަށް ކާމިޔާބު ހޯދާދެވޭނެ ވަރުގެ ޔަގީން ކުޅުންތެރިން ތަކެއް ކަމަށް ވެސް ގޮފާ ބުންޏެވެ.
"ވީހާ ވެސް ގިނަގިނައިން އިންޓަނޭޝަނަލް މެޗްތައް ދިވެހި ޓީމުން ކުލޭ ނަމަ މިހާރަށް ވުރެ ގިނަ ގުނަ ކާމިޔާބީތައް ލިބޭނެ. ރާއްޖޭގެ ފުޓްބޯޅަ ކުރިއަރާ ދާތަން އަބަދުވެސް ބަލަން ބޭނުން." 2005 ވަނަ އަހަރު ހުއްރިޔާގެ ކޯޗްކަން ވެސް ކުރި ގޮފާ ބުންޏެވެ.