މި މަހުގެ ކުރީކޮޅު ސްޕެނިޝް ލީގުގައި ރެއާލް މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރި މެޗުގައި ރެފްރީއާ ދިމާއަށް ބޭއަދަބީ ބަހުން މުހާތަބު ކުރުމުގެ ސަބަބުން ބާސެލޯނާގެ ގޯލްކީޕަރު ވިކްޓާ ވަލްދޭސް ހަތަރު މެޗަށް ކޮށްފައިވާ ސަސްޕެންޝަން އެޕީލް ކުރުމުން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާގެ ހަތަރު މެޗް ސަސްޕެންޝަން މައާފެއް ނުކުރި އެވެ.

ހުސްވި ހަފްތާގައި ޑިޕޯޓިވާ ލަ ކޮރޫނާ އަށް ދެކޮޅަށް ކުޅެ ބާސާ މޮޅުވި މެޗުގައި ވަލްދޭސްއަށް ނުކުޅެވުނު އިރު ލީގުގެ އަށްވަނައިގައި އޮތް ރާޔޯ ވަލެކާނޯ އާއި މާދަމާ ކުޅެން އޮތް މެޗާއި އަދި އޭގެ ފަހުން ރެއާލް މަޔޯކާއާއި ސެލްޓާ ވީގޯއާއި ދެކޮޅަށް ކުޅޭ މެޗުގައި ވެސް ވަލްދޭއަށް ބައިވެރިއެއް ނުވެވޭނެ އެވެ.

ރެފްރީ މިގުއެލް އެންޖެލް ޕެރޭޒް ލާސާއާއި ވިކްޓާ ވަލްދޭސް އާ ދެމެދު ކުރިމަތިލުން ހިނގާފައިވަނީ ރެއާލް މެޑްރިޑްގެ ޕެނަލްޓީއޭރިއާ ތެރެއިން ބާސާގެ އެޑްރިއާނޯ އަށް ސަޖިއޯރާމޯސް ކުރި ފައުލަކާގުޅިގެން ބާސާ ކުޅުންތެރިން ޕެނަލްޓީއަކަށް އެޕީލް ކުރުމުން ރެފްރީ އެކަމާއަޅާ ނުލުމުގެ ސަބަބުން ނެވެ. ޕެރޭޒްގެ މެޗު ރިޕޯޓުގައި ލިޔެފައިވާ ގޮތުން ވަލްދޭސް މެޗު ނިންމާފައި ޓަނެލްތެރެއިން ދިޔައިރު ވެސް ރެފްރީއާ ދިމާ ކޮށްފައިވެ އެވެ.

ބާސެލޯނާގެ ވެބްސައިޓުގައި ލިޔެފައިވަނީ ވިކްޓާ ވަލްދޭސްއަށް ހަތަރު މެޗަށް ނުކުޅެވޭގޮތަށް ކޮށްފައިވާ ސަސްޕެންޝަން މައާފުކޮށްދިނުމަށް އެދި އެޕީލްކޮމެޓީއަށް ހުށަހެޅި ހުށަހެޅުމަށް ހުކުރު ދުވަހު އެކޮމިޓީ ދެކޮޅު ހަދާފައިވާ ކަމަށެވެ.

ވަލްދޭސްއަށް ދެން އެންމެ އަވަހަށް ބާސާ މެޗެއްގައި ކުޅުމުގެ ފުރުސަތު ލިބޭނީ ޗެމްޕިއަންސް ލީގުގައި އަންނަ އެޕްރީލް މަހުގެ ދެވަނަ ދުވަހު ޕެރިސް އެސްޓީ ޖާމެއިން (ޕީއެސްޖީ)އާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.