ވޮޝިންޓަން (މާޗް 16): އަހަރެއްހާ ދުވަހުގެ ތެރޭގައި ނިއުކްލިޔާ ބޮމެއް އީރާނުން އުފައްދާނެ ކަމަށް ކަމަށް ލަފާކުރެވޭ ކަމަށާއި ނަމަވެސް އެ ފުރްސަތު އީރާނަށް ނުދޭނެ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވާހަކަ ދައްކަވައިފި އެވެ.

އިސްރާއީލުގެ ޗެނަލް ދެ ޓީވީ ސްޓޭޝަނަށް ދެއްވި ބަސްދީގަތުމެއްގައި އޮބާމާ ވިދާޅުވީ ނިއުކްލިޔާ ބޮމެއް ތަރައްޤީ ކުރުމުގެ ފުރްސަތު އެމެރިކާ އިން އީރާނަށް ނުދޭނެ ކަމަށާއި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމް ހުއްޓުވުމުގެ ހުރިހާ ބާރެއް އެމެރިކާ އަށް ލިބިގެންވާކަމުގަ އެވެ. އީރާނަށް ނިއުކްލިޔާ ބޮން އުފެއްދުމުގެ ފުރްސަތު ނުދިނުމަށް ޓަކައި އެގައުމާ ދެކޮޅަށް ޢަސްކަރީ ބާރުގެ ބޭނުންކުރުމަކީ ވެސް "މޭޒުމަތީގައިއޮތް ޙައްލެއް" ކަމަށް އޮބާމާ ވިދާޅުވި އެވެ.

އީރާނުން ނިއުކްލިޔާ ހަތިޔާރެއް އުފައްދާކަން ކަށަވަރުވެއްޖެ ހިނދެއްގައި އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ބޮންއެޅުމަށް އަމުރުކުރައްވަފާނެތޯ ދެންނެވުނު ސުވާލެއްގެ ޖަވާބުގައި އޮބާމާ ވިދާޅުވީ އީރާނަށް ނިއުކްލިޔާ ބޮން އުފެއްދުމުގެ ފުރްސަތު ނުދިނުމަށް ޓަކައި ޢަސްކަރީ ބާރުގެ ބޭނުންކުރުމަކީ "މޭޒުމަތީގައި އޮތް ޙައްލެއް" ކަމަށް ވިދާޅުވި ވިދާޅުވުމަކީ ޙަގީގީ ވާހަކައެއް ކަމުގަ އެވެ.

އޮބާމާ ވިދާޅުވީ އީރާނުން ނިއުކްލިޔާ ހަތިޔާރެއް އުފައްދައިފި ނަމަ އިސްރާއީލަށް ނުރައްކާވުމުގެ އިތުރުން މެދުއިރުމަތީގެ އެހެން ގައުމުތަކުން ވެސް ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކޮށް ނިއުކްލިޔާ ރޭހެއް މެދުއިރުމަތީގައި ފެށިގެންދާނެ ކަމުގަ އެވެ. މިއީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށް އޮބާމާ ވިދާޅުވި އެވެ. އޮބާމާގެ ވާހަކާގައި އެމެރިކާ އިން ސިއްރިޔާތުގައި ނިއުކްލިޔާ ހަތިޔާރު އުފައްދައި އެއިން އަވަށްޓެރި ޢަރަބި އިސްލާމީ ގައުމުތަކަށް ބިރު ދައްކަމުން ގެންދާ މައްސަލައަށް އިޝާރާތެއް ނުކުރައްވަ އެވެ.

އެމެރިކާގެ ސިޔާސަތަކީ މެދުއިރުމަތީގައި އިސްރާއީލުގެ ނިއުކްލިޔާ މޮނޮޕޮލީއެއް ބާއްވައިގެން އިސްރާއީލަކީ އެހެން ގައުމުތަކަށް ގޯނާނުކުރެވޭ ފަދަ އާދަޔާ ޚިލާފު ބާރުގަދަ ގައުމެއް ކަމަށް ދައްކައިގެން އިސްރާއީލުގެ ނިއުކްލިޔާ ބިރުވެރިކަމުގެ ދަށުގައި ޢަރަބި އިސްލާމީ ގައުމުތައް ބޭތިއްބުން ކަމަށް މުޙައްލިލުން ދެކެ އެވެ. މިސިޔާސަތުގެ ބޭނުމަކީ އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ބިންތައް މިނިވަންކުރުމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ ކުރެވޭނެ ކަމެއްނޫންކަން އަރަބިންނަށް ވިސްނައިދީ އިސްރާއީލުގެ ނިއުކްލިޔާ ބިރުގެ ދަށުގައި އަރަބިން ބޭތިއްބުމެވެ. އީރާނުން ނިއުކްލިޔާ ހަތިޔާރެއް އުފައްދައިފި ނަމަ އިސްރާއީލުގެ ނިއުކްލިޔާ މޮނޮޕޮލީ މުޅިން ފުނޑުފުނޑުވެ އިސްރާއީލުގެ ޙިމާޔަތުގައި އެމެރިކާ ގެންގުޅޭ ހަރުކަށި ސިޔާސަތު ފޭލްވެ ފަލަސްތީނުގެ ބިންތައް މިނިވަންކުރުމަށް ޓަކައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރުމުގެ ހިއްވަރު އަރަބިންނަށް ލިބިގެންދާނެ ކަމުގެ ބިރު އެމެރިކާއާއި އިސްރާއީލު އިޙްސާސްކުރާ ކަމަށް މުޙައްލިލުން ދެކެ އެވެ.

އޮބާމާ މިމޭރުމުން ވާހަކަ ދައްކަވާފައި މިވަނީ މިމަހުގެ 20 ވަނަ ދުވަހު އިސްރާއީލަށް ވަޑައިގަތުމަށް އޭނާ ނިންމަވާފައި ވަނިކޮށެވެ. އެމެރިކާ ވަނީ ޔޫރޭނިޔަމް ފައްކާކުރުމުގެ ފުރްސަތު ވެސް އީރާނަށް ނުލިބޭނެ ކަމަށް ބުނެ ފާއިތުވި ދިހަވަރަކަށް އަހަރު ތެރޭގައި ތަކުރާރުކޮށް އީރާނަށް އިންޒާރުތައް ދީފަ އެވެ. ނަމަވެސް އީރާން ވަނީ 20 އިންސައްތައަށް ޔޫރޭނިޔަމް ފައްކާކުރުމުގައި ކާމިޔާބު ހޯދާފަ އެވެ. އަދި އީރާން ވަނީ އެންމެ ދިހަވަރަކަށް މެޝިނުން ފެށި ޔޫރޭނިޔަމް ފައްކާކުރުމުގެ މަސައްކަތް ތިން ހާސް މެޝިނަށް އިތުރުކޮށްފަ އެވެ.

އީރާނުން ތިން އަހަރު ތެރޭގައި ނިއުކްލިޔާ ހަތިޔާރު އުފައްދާނެ ކަމަށް 2005 ވަނަ އަހަރު އެމެރިކާގެ އޭރުގެ ދިފާޢީ ވަޒީރު ޑޮނަލްޑް ރަމްސް ފެލްޑް ވިދާޅުވެފައިވެ އެވެ. އަދި އީރާނުން ދެ އަހަރު ތެރޭގައި ނިއުކްލިޔާ ހަތިޔާރު އުފައްދާނެ ކަމަށް 2007 ވަނަ އަހަރު އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭގެ އޭރުގެ ވެރިޔާ މައިކަލް ހައިޑެން ވެސް ވިދާޅުވެފައިވެ އެވެ. މީގެ އިތުރުން އީރާނުން ތިން އަހަރު ތެރޭގައި ނިއުކްލިޔާ ހަތިޔާރު އުފައްދާނެ ކަމަށް 2009 ވަނަ އަހަރު އެމެރިކާގެ އޭރުގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސް ވެސް ވިދާޅުވެފައިވެ އެވެ.

އީރާނުން ގެންދަނީ ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާކަމާއި އެގައުމުގެ ނިއުކްލިޔަރ ޕްރޮގްރާމަކީ ސުލްޙަވެރި ބޭނުންތަކަށް ތަރައްޤީކުރާ ޕްރޮގްރާމެއް ކަމަށް ބުނަމުންނެވެ. އީރާނުން ނިއުކްލިޔާ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށް އެމެރިކާ ކުރާ ތުހުމަތުތަކަށް އެއްވެސް ހެއްކެއް އަދި ދަލީލެއް އެމެރިކާއަށް ވެސް އަދި އިންޓަނޭޝަނަލް އެޓަމިކް އެނަރޖީ އެޖެންސީ އަށްވެސް މިހާތަނަށް ދެއްކިފައެއްނުވެ އެވެ. ނަމަވެސް އީރާނުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތްކުރާ ކަމަށްބުނެ އެމެރިކާ އިސްވެއޮގެން އދ.ގެ ސަލާމަތީ މަޖިލީހުންނާއި އެމެރިކާއާއި ޔޫރަޕްގެ ބާރުތަކުން މިހާތަނަށް ގައުމަކާ ދެކޮޅަށް ނާޅާފަދަ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އީރާނާ ދެކޮޅަށް އަޅާފަ އެވެ. (ނޫސްއެޖެންސީތައް)