16 Mar 2013, 09:34
ބެލަންސް ޑައެޓް އެއްގެ މައްޗަށް ބިނާވެފައިވާ ކެއުމުގެ ނިޒާމެއް ގެންގުޅެފައި ގަވައިދުން ކަސްރަތުކުރާނަމަ ކެންސަރު ޖެހުމުގެ ފުރްސަތު ކުޑަވާނެ ކަމަށް ޖަރުމަނުގެ ކެންސަރ ޖަމްއިއްޔާ އިން ބުނެފި އެވެ.
ބޮންގައި މަރުކަޒު ހުންނަ މިޖަމްޢިއްޔާ އިން ނެރުނު ސިއްޙަތާބެހޭ ރިޕޯޓެއް ބުނާ ގޮތުން ގަވައިދުން ކަސްރަތުކޮށް ސިއްޙީ ގޮތުން ރަނގަނޅު ގިނަ ބާވަތެއް ހިމެނޭ ގޮތަށް ކެއުމުގެ ނިޒާމް (ބެލަންސް ޑައެޓް) ބައްޓަންކުރާ ނަމަ އިންސާނުންގެ ދިރިއުޅުމުގެ ވައްޓަފާޅި ހުންނަ ގޮތުން ޖެހޭ ކެންސަރުން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ އެވެ.
މިރިޕޯޓް ބުނާ ގޮތުން އުރަމަތީ ކެންސަރާއި ރަޙިމުގެ ކެންސަރާއި ބޮޑު ގޮހޮރުގެ ކެންސަރާއި ކިޑްނީގެ ކެންސަރުފަދަ ކެންސަރުގެ ޖެހުމުގައި ބަރުދަން މައްޗަށް ދިޔުމާއި ކަސްރަތު ނުކުރުމާއި ކެއުމުގައި ތަރުކާރީ އާއި މޭވާ ގިނައިން ބޭނުން ނުކުރުން ފަދަ ސަބަބުތައް މުހިއްމު ދައުރެއް އަދާކުރާ ކަމުގަ އެވެ. ކެންސަރު ޖެހުމަށް މެދުވެރިވާ އެހެން ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދަޅުދަޅުގައި ބަންދުކޮށްފައިވާ ކާބޯތަކެއްޗާއި ބުއިންތައް ގިނައިން ބޭނުންކުރުމާއި މަސްތުވާ ދިޔާތަކެތި (އަލްކޮހޯލް) ގިނައިން ބޭނުން ކުރުމާއި ގަދައަވީގައި ގިނައިރު އުޅުން ހިމެނޭކަމަށް މިރިޕޯޓް ބުނެ އެވެ.
ކެންސަރުން ސަލާމަތްވުމަށް ޓަކައި ތާޒާތަކެތި ކެއުމުގެ މުހިއްމު ކަންވެސް މިރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ކެންސަރުން ސަލާމަތް ވުމަށްޓަކައި ކޮންމެ ދުވަހެއްގެ ކެއުމުގައި އެކިބާވަތުގެ ތަރުކާރީ ހިމެނޭ ގޮތަށް 350 ގްރާމުގެ ތަރުކާރީ އާއި 300 ގްރާމުގެ މޭވާ ހިމެނުމަށް ރެކޮމެންޑް ކޮށްފައިވެ އެވެ. އަދި ގިނައިން ފެންބުއިމާއި މޭވާއާއި ތަރުކާރީގެ ތާޒާ ޖޫސް ބޭނުން ކުރުމަށް ވެސް ރެކޮމެންޑް ކޮށްފައިވެ އެވެ. (ޑީޑީޕީ ޖަރުމަނު ނޫސްއެޖެންސީ)