އުމަރު ނަސީރުއާ ގުޅުނީ ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކާ ވާހަކަ ދެއްކުމަށް ފަހު އެ ހުރިހާ ޕާޓީއަކުން އުމަރަށް ޓިކެޓް ލިބިއްޖެ ނަމަ އޭނާއާ ބައިއަތު ހިފަން ތައްޔާރަށް ތިބީމާ ކަމަށާއި އޭގެ ބަދަލުގައި އަބްދުﷲ ޔާމީނާ އެކު އެއްވެސް ޕާޓީއަކުން ނުދާނެ ކަމަށް ފާޅުގައި ބުނަމުން ގެންދާތީ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އިލްހާމް އަހްމަދު ވިދާޅުވެއްޖެ އެވެ.

ރޭ އާޓިފިޝަލް ބީޗްގައި ބޭއްވި އުމަރުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިލްހާމް ވިދާޅުވީ މަޖިލީހުގެ ހުރިހާ މެމްބަރުން ކަހަލަ ގޮތަކަށް ޔާމީންގެ ފަހަތުގައި ތިބި ނަމަވެސް އުމަރަކީ އެންމެންގެ ލޯބި ހޯއްދަވައިހެން ހުންނެވި އަބަދު އެއްގޮތަކަށް ދަތުރުކުރައްވާ ބޭފުޅެއް ކަމަށެވެ. އަދި ކަސިޔާރު ވެގެން ހޭރިޔާ ކުރަމުން އުމަރު ދަތުރު ކުރައްވާ ތަނެއް އެއްވެސް މީހަކަށް ނުފެންނާނެ ކަމަށެވެ. އެހެން ކަމުން ހުރިހާ ސިޔާސީ ޕާޓީއެއްގެ ފުރިހަމަ އިތުބާރު އުމަރު އަށް އެބައޮތް ކަމަށް އިލްހާމް ވިދާޅުވި އެވެ.

"އިލްހާމް އަހްމަދު އުމަރު ނަސީރާ ގުޅުނީ ހުރިހާ ސިޔާސީ ޕާޓީތަކާއި ވާހަކަ ދައްކާފައި އެ ބޭފުޅުން އުމަރު ނަސީރަށް ތާއީދު ކުރާތި. އަޅުގަނޑު މެންގެ އަނެއް ކެންޑިޑޭޓް އަބްދުﷲ ޔާމީންއާ އެކު ވަޑައި ނުގަންނަވާނެ ކަމަށް ފާޅުގައި ވިދާޅުވަމުން އެގެންދަވަނީ. އެހެން ވެގެން އަޅުގަނޑު ހުންނަން ޖެހެނީ މި އޮޑީގައި. މިއީ ރިއަލިޓީ އަކީ،" އިލްހާމް ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި ކޯލިޝަނެއް ހެދުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލައްވައި އިލްހާމްގެ އިތުރުން އުމަރު ނަސީރު ވެސް ވާހަކަފުޅު ދެއްކެވި އެވެ. އޭނާ ވިދާޅުވީ ކޯލިޝަނެއްގެ މުހިއްމުކަމުގެ ވާހަކަ ދައްކަވާތީ އުމަރު އުޅުއްވަނީ ޓިކެޓް ހޯއްދެވުމަށް ފަހު އެހެން މީހުންނަށް އެ ޓިކެޓް ދޭށޭ ކިޔައިގެން އިދިކޮޅު ވާދަވެރިން ވާހަކަ ދައްކަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދު ގައިވާ ގޮތުން ރިޔާސީ ޓިކެޓަކީ އެހެން މީހަކަށް ދެވޭނެ ނުވަތަ ވިއްކޭނެ އެއްޗެއް ނޫން ކަމަށެވެ. ނަމަވެސް އުމަރު އުޅުއްވަނީ ޓިކެޓް ހޯއްދެވުމަށް ފަހު އެހެން މީހަކަށް ދޭށޭ ކިޔައިގެން މެމްބަރުން ނަށް އޮޅޭ ގޮތަށް ވަގު ސިމްތަކުން އެސްއެމްއެސް ފޮނުވަމުން އަންނަ ކަމަށް ވިދާޅުވެ އެކަން ހުއްޓާލުމަށް ގޮވާ ލެއްވި އެވެ.

"އަޅުގަނޑުމެންގެ މެމްބަރުންނަށް އަޅުގަނޑު މިދޭ ޔަގީންކަމަކީ ކޯލިޝަނެއް އުފައްދައިގެން މެނުވީ މި ގައުމުގެ ވެރިކަމަށް އަޅުގަނޑުމެންނަށް ނާދެވޭ ނެތީވެ އަޅުގަނޑުގެ ޕާޓީގެ މެމްބަރުންގެ ހައްގުގައި އަޅުގަނޑު ކުރާ ކަމެއް މި މަސައްކަތަކީ. އަޅުގަނޑު މި އުޅެނީކީ އެއްވެސް މީހަކަށް ޓިކެޓް ހޯދާ ދޭކަށް ނޫން. ތިޔަ ބޭފުޅުން ގަބޫލްފުޅު ކުރައްވާ ތަބަކަށް ލާފައި އެއްޗެތި ދިނުމާއި އެންމެ ދެކޮޅު މީހާ އަޅުގަނޑަކީ. އެހެންވީމާ އަޅުގަނޑު މި ޓިކެޓް ހޯދާފައި އެއްވެސް މީހަކަށް ތަބަކަކަށް ލާފައެއް ނުދޭނެ. އެކަމަކު އަޅުގަނޑު މި ހުރީ ކޯލިޝަނެއް އުފެއްދުމަށް ޓަކައި ގެނަނަން ޖެހޭ ސިޔާސީ ހުރިހާ ބަދަލެއް ގެންނަން ތައްޔާރަށް. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު އެކަން ކުރާނަން. ދިވެހި ރާއްޖޭގެ ވެރިކަމަށް ޕީޕީއެމް 2013ގައި އަންނާނީ ފުޅާ ކޯލިޝަނެއްގެ ދަށުން،" އުމަރު ވިދާޅުވި އެވެ.

އިލްހާމް ދެއްކެވި ވާހަކަފުޅަށް ބާރު ދެއްވައި އުމަރު އިތުރަށް ވިދާޅުވީ އޭނާގެ ވާދަވެރިޔާ އަބްދުﷲ ޔާމިނާ އެކު އެއްވެސް ޕާޓީއަކުން ކޯލިޝަނެއް ނަހަދާނެ ކަން އުމަރަށް ޔަގީން ވެފައި އޮތް ކަމަށެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މާހައުލުގައި ހަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީއެއް ކަހަލަ ގޮތަކަށް އުމަރާ އެކު ކޯލިޝަން ހަދާނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށެވެ.

އުމަރު ވިދާޅުވީ އޭނާ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހޯއްދަވަނީ މީހުންނަށްދީ އަދި ބަހަން ނޫން ކަމަށާއި އެ ޓިކެޓް ހޯއްދަވަނީ ޕީޕީއެމް ވެރިކަމަށް ގެނެސް ކުރީގެ ރައީސް ނަޝީދު ޖަލުގެ ކުޑަގޮޅި ތެރޭގައި ބައިންދަން ކަމަށެވެ.

ނަމަވެސް އުމަރު ކުރިން ވިދާޅުވެފައި ވަނީ އޭނާ އަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ލިބިވަޑައިގެންފި ނަމަ އެ ޓިކެޓް އެހެން ބޭފުޅަކަށް ދެއްވިދާނެ ކަމަށެވެ.