16 Mar 2013, 09:16
އިސްލާމްއާބާދު(މާޗް 16): ޕައިލެޓަކާނުލާ އުދުހޭ މަތިންދާބޯޓު ބޭނުންކޮށްގެން ޕާކިސްތާނުގެ ވަޒީރުސްތާނުގައި އެމެރިކާ ހިންގަމުން ގެންދާ މީހުން މެރުމުގެ ޖަރީމާތައް އދ. ން ކުށްވެރިކޮށްފި އެވެ.
އިންސާނީ ހައްޤުތައް ޙިމާޔަތްކޮށް ޓެރަރިޒަމާ ހަނގުރާމަކުރުމާ ބެހޭ އދ.ގެ މުޤައްރިރު ބެން އިމްރެސަން ވިދާޅުވީ އެމެރިކާ އިން ޕާކިސްތާނުގައި ހިންގަމުން ގެންދާ ދުރުން ޙަލާދީ މީހުން މެރުމުގެ ޢަމަލުތަކަކީ ހުރިހާ މާނައެއްގައި ވެސް ޝަރުޢީ ދާއިރާ އިން ބޭރުގައި މީހުންމެރުމުގެ ޢަމަލަކަށް ނޫނީ ނުވާނެ ކަމަށާއި މިއީ ބައިނަލްއަޤްވާމީ ޤާނޫނުގައި ބޮޑުވެގެންވާ ޖަރީމާއެއް ކަމުގަ އެވެ. ބެން އިމްރެސަން ވިދާޅުވީ އެމެރިކާ އިން މިޙަމަލާތައް ދެމުންގެންދަނީ ޕާކިސްތާން ސަރުކާރުގެ ހުއްދައާނުލައި ކަމަށްވާތީ ބައިނަލްއަޤްވާމީ ޤާނޫނަށް ބަލާއިރު މިއީ މިނިވަން މުސްތަޤިއްލު ދައުލަތެއްގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުންކަމަށް ވެސް އދ.ގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ.
ބެން އިމްރެސަން ވިދާޅުވީ ޕާކިސްތާނަކީ މިނިވަން މުސްތަޤިއްލު ގައުމަކަށްވާ އިރު ޕާކިސްތާނުގައި ހަރުކަށި ޖަމާޢަތްތަކުން ހިނގާ ޢަމަލުތަކާ ދެކޮޅަށް ޙަރަކާތްތެރިވެ ޕާކިސްތާނުގައި ސުލްޙަ ޤާއިމްކުރުމުގެ ފުރްސަތު ޕާކިސްތާނަށް ދޭން ޖެހޭނެ ކަމަށާއި ޕާކިސްތާނުގެ ހުއްދައަކާ ނުލައި އެ ގައުމުގެ ދާޚިލީ މައްސަލަތަކުގެ ތެރެއަށް ބޭރުގެ ބާރުތައް ވަނުމަކީ ބައިނަލްއަޤްވާމީ ޤާނޫނު ތަންދޭ ކަމެއް ނޫން ކަމަށް ވެސް ބެން އިމްރެސަން ވިދާޅުވި އެވެ. ޕާކިސްތާނުގެ ވަޒީރުސްތާނަށް އެމެރިކާ ބޭނުންވަގުތަކު ވައިގެ ޙަމަލާތައްދީ ޑަޒަންޑަޒަނަށް މީހުން މަރުމުންގެންދާ އިރު އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ގެންދަނީ މިޖަރީމާތައް ކުށްވެރިކުރަމުންނެވެ.
ޕާކިސްތާނުގައި އެމެރިކާ ހިންގާ މީހުން މެރުމުގެ މިޖަރީމާތަކަށް ފަސް އަހަރުވެފައިވާ އިރު އެމެރިކާ މިޖަރީމާތައް އެންމެ ބޮޑަށް ހިންގަމުން ގެންދަވަނީ މިހާރުގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގަ އެވެ. އެމެރިކާގެ މި ޙަމަލާތަކުގައި މިހާތަނަށް ޕާކިސްތާނުގެ 8000 މީހަކު މަރާލެވިފައިވާކަން އެމެރިކާގެ ސެނެޓްގެ ހަރުކަށި ޚިޔާލުގެ މެންބަރަކު ދާދިފަހުން ވަނީ ހާމަކުރައްވާފަ އެވެ. ވަޒީރުސްތާނަށް އެމެރިކާ ދޭ ޙަމަލާތަކުގެ ސަބަބުން އެސަރަޙައްދުގެ ބައެއް ޢާއިލާތައް ވިއްސިވިހާލިވެ ޙާލުގައިޖެހި އިންސާނީ މުސީބާތްތަކެއް އެޢާއިލާތަކަށް ކުރިމަތިވެފައިވާ އިރު މިކަމުގެ ސަބަބުން އެސަރަހައްދުގެ ޤަބީލާތަކުގެ އޮނިގަނޑުވެސް ހަލާކުވަމުންދާ ކަމަށް އދ.ގެ އިންސާނީ ޙައްޤުތަކާބެހޭ މުޤައްރިރު (ރެޕަޓުއާ) ވިދާޅުވި އެވެ.
ބެން އިމްރެސަން ޕާކިސްތާނަށް ވަޑައިގެން އުޅުއްވަނީ ޕާކިސްތާނުގައި އެމެރިކާ ހިންގަމުންގެންދާ މީހުންމެރުން ފަދަ އިންސާނިއްޔަތާ ޚިލާފު ޢަމަލުތައް ތަޙްޤީޤްކޮށް ބެލުމަށެވެ. ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން މީހުން މެރުމުގެ ޢަމަލުތައް އެމެރިކާ ހިންގަމުން ގެންދަނީ އިސްލާމީ ގައުމުތަކުގަ އެވެ. މިޙަމަލާތަކުގައި ގިނަ އަދަދަކަށް ޢާންމުން މަރުވަމުންދިޔަ ނަމަވެސް މިޙަމަލާތަކާ ދެކޮޅަށް ޙަރަކާތްތެރި ވުމުގައި އދ. އާއި ބައިނަލްއަޤްވާމީ މުޖްތަމަޢު ނާކާމިޔާބުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. ދުރުން ޙަމަލާދީ މީހުން މެރުމުގެ ޢަމަލުތައް އެމެރިކާ ހިންގާ ގައުމުތަކުގެތެރޭގައި ޕާކިސްތާން، ޔަމަން، ސޮމާލިޔާ އަދި އަފްޣާނިސްތާން ހިމެނެ އެވެ.
މިގައުމުތަކުގައި މީހުން މެރުމުގެ ޢަމަލުތައް އެމެރިކާ ހިންގަމުން ގެންދަނީ ތާލިބާނުންނާއި އަލްޤާޢިދާ ފަދަ ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކާ ހަނގުރާމަކުރުމުގެ ނަމުގަ އެވެ. ނަމަވެސް އެ ޖަމާއަތްތަކުން ހިންގާ ކަމަށް ބުނާ ޓެރަރިޒަމްގެ ޢަމަލުތަކަށް ރައްދު ދިނުމަށް ޚުދު އެމެރިކާ ވެސް ހިންގަނީ ޓެރަރިޒަމްގެ ޢަމަލުތައް ކަމަށް އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ސިފަކުރެ އެވެ. (ނޫސްއެޖެންސީތައް)