ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވާދަނުކުރެވޭ ގޮތަށް އިންތިހާބު ބާއްވާ ނަމަ އެ އިންތިހާބުގެ ސައްހަކަން ގަބޫލުކުރަން ދަތިވާނެ ކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އީޔޫއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށާއި އެމަނިކުފާނުގެ ޕާޓީ އަށް ބައިވެރި ނުވެވޭ ނަމަ، ނުވަތަ ކެމްޕޭން ނުކުރެވޭ ނަމަ އެ އިންތިހާބުގެ ސައްހަކަން ގަބޫލުކުރަން ދަތިވާނެ ކަމަށެވެ.

"އަންނަ އިންތިހާބު ކާމިޔާބު އިންތިހާބަކަށް ހެދުމަށް ޓަކައި ހުރިހާ ސިޔާސީ ޕާޓީއަކުން ވެސް އެޕާޓީއަކުން ކަނޑައަޅާ ކެންޑިޑޭޓެއް ބައިވެރި ކުރުމުގެ ފުރުސަތު ލިބޭނެކަން ކަށަވަރު ކުރުމަކީ މުހިއްމުކަމެއް ކަމަށް ދެކޭ ދެކުން އީޔޫއިން ތަކުރާރު ކުރަމެވެ. ނަޝީދުއާއި އޭނާގެ ޕާޓީ އިންތިހާބުގައި ވާދަކުރިޔަ ނުދޭ ނަމަ ނުވަތަ ކެމްޕޭން ކުރިޔަ ނުދޭ ނަމަ އިންތިހާބަކީ ސައްހަ، އަދި އެންމެންގެ ބައިވެރިވުން އޮތް އިންތިހާބެއް ކަމަށް ގަބޫލުކުރަން ދަތިވާނެއެވެ،" އީޔޫގެ ބަޔާނުގައިވެ އެވެ.

ދިފާއީ ވަކީލުން އެދުމުން ނަޝީދުގެ ޝަރީއަތް އަންނަ ސެޕްޓެމްބަރު މަހު އޮންނަ އިންތިހާބު ނިމެންދެން ލަސްކުރުމަށް އެއްބަސްވެފައިވާކަން ފާހަގަ ކަމަށް ވެސް ބަޔާނުގައިވެ އެވެ. އަދި އެނިންމުމުގެ ސަބަބުން ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ބައިވެރިވުމުގެ ފުރުސަތު ކަށަވަރުކޮށްދޭނެ ކަަމަށް އުއްމީދުކުރާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެންމެން ވެސް ކެތްތެރި ވުމަށާއި ޒިންމާދާރުކަމާ އެކު އަމަލުކުރުމަށް އީޔޫގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.

"ހުރިހާ އެންމެން ވެސް ކެތްތެރިވުމަށާއި ޒިންމާދާރުކަމާ އެކު އަމަލުކުރުމަށް އީޔޫއިން ހިޔޫއިން ހިތްވަރު ދެމެވެ، އަދި އަންނަ އިންތިހާބުގެ ނަތީޖާއަކީ ރަތްޔިތުން އެދޭ ގޮތް ކަމުގައިވެ، ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ރައްކާތެރި ކުރެވި، ގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ އިޖުތިމާއީ އަދި ތިމާވެށީގެ ސީރިޔަސް މައްސަލަތަކާ ކުރިމަތިލުމުގެ ގާބިލުކަން ދެން އަންނަ ސަރުކާރަކަށް ލިބިދިނުމަށް ޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް އީޔޫއިން ހިތްވަރު ދެެމެވެ."

ރިޔާސީ އިންތިހާބާ ޖެހެންދެން ރައީސް ނަޝީދުގެ ޝަރީއަތް ލަސްކުރުމަށް އެއްބަސްވެފައިވާ ކަން ފާހަގަ ކުރާ ކަމަށް އީޔޫ އިން ބުނި ނަމަވެސް ޝަރީއަތް ލަސްކުރުމަށް އެއްބަސް ވެފައި ވަނީ ހަތަރު ހަފުތާއަށެވެ.