ހއ. އިހަވަންދު އާއި ހޯރަފުއްޓާއި ކ. ހިންމަފުށީ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް 8.2 މިލިޔަން ޑޮލަރު (105 މިލިޔަން) ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.


މިކަމަށްޓަކައި ހައުސިން މިނިސްޓްރީގައި މިއަދު ހަވީރުއޮތް ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަހުމަދު ޝަރީފެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، ޗީފް އެގްޒެކްޓިވް އޮފިސަރު ހުސެއިން އަމްރޫ އެވެ.


ހައުސިން މިނިސްޓްރީން ބުނީ، މި އީ ސުނާމީ ކާރިސާގައި ގެއްލުން ލިބިފައި ހުރި ބަނދަރުތައް މަރާމާތުކޮށް އާރާސްތު ކުރުމަށް ސަރުކާރުން ހިންގާ މަސައްކަތުގައި ސައުދީ ފަންޑުގެ ލޯނު އެހީގެ ދަށުން ހިންގާ މަޝްރޫއެއްކަމަށެވެ. އަދި އެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައި ވަނީ، އެއް މަސް ދުވަހުގެ ތެރޭގައި، އަމަލީ މަސައްކަތްފަށައި، 12 މަސް ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށް ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ.


ހައުސިން މިނިސްޓްރީން ބުނީ، މި މަޝްރޫއުގައި، މުޅި އެކު ނުވަރަށް ހިމެނޭކަމަށެވެ. އަދި މިފަހަރުގެ މަޝްރޫއުގައި މަސައްކަތް  ފަށާ ތިން ރަށަކީ ސައުދީ ފަންޑުގެ ލޯނު އެހީގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތަކެއް ކަމަށާއި، ދެން ހުރި ޕްރޮޖެކްޓްތަކަށް ފައިސާ ލިބުނުހާ އަވަހަކަށް އެ ހަ ރަށުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުންޏެވެ. އަދި މި މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރި އެންމެ ބޮޑު އެއް ސަބަބަކީ އެ މަސައްކަތްތައް ކުރިއަށް ގެންދެވޭވަރުގެ ކެޕޭސިޓީ އެ ކުންފުނީގެ ކިބައިގައި ހުރުމުން ކަމަށާއި އެ ހުރިހާ ރަށެއްގެ މަސައްކަތް އެއްފަހަރާ އެކުންފުނިން ކުރިއަށް ގެންދާނެ ކަމަށް ވެސް ހައުސިން މިނިސްޓްރީން ބުނެ އެވެ.