ބަނގްލަދޭޝްގެ ޖަމާއަތުލްއިސްލާމީގެ އިސް ލީޑަރަކަށް މަރުގެ ހުކުމް އިއްވުމާ ގުޅިގެން އެކަމާ ދެކޮޅަށް ރާއްޖޭގައި ދިރިއުޅޭ ބަނގްލަދޭޝްގެ ރައްޔިތުން މުޒާހަރާ ކުރަން އުޅޭ ވާހަކަތަކެއް ފެތުރޭތީ އަދާލަތު ޕާޓީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އަދާލަތު ޕާޓީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ދިރިއުޅޭ ބަންގުލަދޭޝްގެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިނަމަ އެކަމުގެ ސަބަބުން ރާއްޖޭގެ ވެށި އިތުރަށް ހަލަބޮލިވެ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން ފެތުރިދާނެ ކަމަށެވެ.

ކޮންމެ ފަދަ ސަބަބަކާ ހެދި ކަމަށް ވިޔަސް ބޭރު ގައުމުގެ ރައްޔިތުން ރާއްޖޭގައި މުޒާހަރާ ކޮށް ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންތައް ކުރުމަކީ އެޕާޓީން ގަބޫލުކުރާނެ ކަމެއް ނޫންކަމަށާއި އެފަދަ ކަންތައް ހުއްޓުވުމަށް ކަމާ ބެހޭ އިދާރާތަކަށް އިލްތިމާސް ކުރާ ކަމަށް ވެސް އަދާލަތުގެ ބަޔާނުގައި ވެއެވެ.

"ކޮންމެ ފަދަ ކަމަކާ ހެދި ކަމުގައި ވިޔަސް ބޭރު ގައުމުގެ ރައްޔިތުން ރާއްޖޭގައި މުޒާހަރާކޮށް ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންތައް ކުރުމަކީ އަދާލަތު ޕާޓީ ގަބޫލުކުރާ ކަމެއް ނޫނެވެ. ވީމާ މިފަދަ ކަންތަކުން ދުރުހެލި ވުމަށާއި އަދި ހުއްޓުވުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކަށް އިލްތިމާސް ކުރަމެވެ،" އަދާލަތުގެ ބަޔާނުގައި ވެއެވެ.

ބަނގްލަދޭޝްގެ ޖަމާއަތުލްއިސްލާމީގެ އިސް ލީޑަރަކަށް މަރުގެ ހުކުމް އިއްވުމުން އެއީ އިންސާފުން ބޭރުން ކޮށްފައިވާ ހުކުމެއް ކަމަށް ގިނަ ފަރާތްތަކަކުން ދަނީ ބުނަމުންނެވެ. އިސްލާމީ ދުނިޔޭގެ އެކިއެކި މުއައްސަސާތަކުން ދަނީ އެ ހުކުމާ މެދު ކަންބޮޑުވެ އެކަން ކުށްވެރިކުރަމުންނެވެ.

އެ ހުކުމާ މެދު ކަންބޮޑުވެ އެ ހުކުމް އަނބުރާ ގެނައުމަށާއި މުސްލިމު އިލްމުވެރިންނަށާއި ލީޑަރުންނަށް ނުހައްގުން އަނިޔާ ނުކުރުމަށް ބަނގްލަދޭޝްގެ ސަރުކާރަށް އިލްތިމާސްކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އިސްލާމީ އުންމަތުގެ އެންމެ ބޮޑު މަރުކަޒުކަމަށްވާ ޖާމިއުލްއަޒުހަރު ހިމެނޭ ކަމަށް އަދާލަތު ޕާޓީން ބުންޏެވެ.