ސިޔާސީ ޕާޓީތަކުގެ ބިލު ތަސްދީގު ކުރުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރުން އުނި ކުރި އެގާރާ ޕާޓީ އަލުން ދަފްތަރުގައި ހިމަނައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ގާނޫނުގައި ބުނެފައިވާ ފަދައިން 10،000 މެންބަރުން ހަމަވި ޕާޓީތައް އެ ގާނޫނުގެ ދަށުން ރަޖިސްޓްރީ ވީ ކަން އިއުލާންކޮށް، 10،000 މެންބަރުން ހަމަ ނުވާ ޕާޓީތައް ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުން މި ގޮތަށް ކަނޑައަޅައި 11 ޕާޓީއެއް ދަފުތަރުން އުނިކުރި އިރު، ސިޔާސީ ޕާޓީ ތަކުގެ ގާނޫނު ފާސް ކުރުމުގެ ކުރިން 10000 އަށް ވުރެ ގިނަ މެންބަރުން ހަމަކޮށް އެމްޑީއޭ އިން ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފަ އެވެ. އަދި ގާނޫނު ތަސްދީގު ކުރުމުގެ ކުރިން އެމްޑީއޭ އިން 12000 އަށް ވުރެ ގިނަ ފޯމު އިލެކްޝަންސް އަށް ހުށަހަޅައިފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި ގައުމީ އިއްތިހާދު ޕާޓީން ވެސް 10000 މެންބަރުން ހަމަކޮށް ގާނޫނު ތަސްދީގު ކުރުމުގެ ކުރިން އިލެކްޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވެސް ވަނީ ބުނެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނާ ގުޅޭ ގޮތުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅުމުގެ ކުރިން އެއްވެސް ޕާޓީއެއް އުވޭ ފަދަ ފިޔަވަޅެއް ނޭޅުމަށް އިއްޔެ ސުޕްރީމް ކޯޓުން ވެސް ވަނީ ވަގުތީ އަމުރެއް ނެރެފައެވެ.

"ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ އެއްވެސް ސިޔާސީ ޕާޓީއެއް އުވޭ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށާއި އަދި އެފަދަ ޕާޓީއެއް އުވިއްޖެ ކަމަށް ނުބެލުމަށް ދައުލަތުގެ މުއައްސަސާތަކަށާއި ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެއެވެ.