އުތީމު ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ރަސްމީގޮތުން މިއަދު ހަވީރު ފައްޓަވައިދެއްވައިފި އެވެ.

ބަނދަރު ހެދުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި މިއަދު ހަވީރު ބޭއްވެވި ރަސްމިއްޔާތުގައި، ބަނދަރުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީގޮތުން ފައްޓަވައިދެއްވުމަށް ފަހު، އުތީމު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަދަކީ އުތީމުގެ ރައްޔިތުންނަށާއި އަދި ދިވެހި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު އުފަލެއް ލިބިގެން ދުވަހެއް ދުވަހެއް ކަމަށެވެ. އަދި ދިވެހިރާއްޖެ އަށް މިނިވަންކަން ހޯއްދަވައި ދެއްވުމުގައި އުތީމުގެ ލޮބުވެތި ދަރިން ވެވެޑައިގެންފައިވާ މަތިވެރިި ޤުރުބާނީގެ މަތިން މި އުފާވެރި ދުވަހު ހަނދާންކުރަން ޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިއަދު މި އިފްތިތާޙު ކުރެއްވި މަޝްރޫޢުގެ ސަބަބުން، އުތީމު ރައްޔިތުންނަށް އަމާންކަމާ އެކު އުތީމުން ފުރައިގެން ގޮސް، އެނބުރި އުތީމަށް އައުމުގެ މިނިވަންކަން ލިބިގެންދާނެ ކަމަށާއި އެ ބަނދަރުގެ ސަބަބުން އުތީމު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހަތަކެއް ލިބިގެންދާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެން އެންމެންނަކީ އެެއްބައެއް ކަމުގައި ދެކިގެން، އަބަދު ވެސް މަސައްކަތް ކުރަން ޖެހޭނީ، އަޅުގަނޑުމެންގެ މެދުގައި އުޚުއްވަތްތެރިކަމާއި އެއްބައިވަންތަކަން ވަރުގަދަކުރުމަށް ޓަކައި ކަމަށް ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ނުކުރެވޭ ކަމަށްވާ ނަމަ އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުފެދި، ބައިބައިވުމުގެ ތެރޭގައި އެކިއެކި ފަރާތް ފަރާތުގެ ނުފޫޒުތައް އަޅުގަނޑުމެންގެ ތެރެއަށް ވަދެ، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލާއި ސިޔާދަތު ގެއްލިގެން ހިނގައިދާނެ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

އުތީމަކީ، ވަރަށް އުޚުއްވަތްތެރި އެއްބަނޑުއެއްބަފާ ބަޔަކު އުޅެމުންދާ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، އެކަމަށް ޓަކައި އެމަނިކުފާނު އުފާފުޅު ކުރައްވާ ކަމުގައި ވިދާޅުވި އެވެ. އަދި އުތީމު ރައްޔިތުން ދައްކަވާ ރީތި ނަމޫނާއަށާއި ކުރައްވާ ހިތްވަރަށާއި ސަރުކާރަށް ދެއްވާ އެއްބާރުލެއްވުމަށް ޓަކައި އުތީމު ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި، "އުތީމަށް އެންމެ މަތީ ޚިދުމަތް ކޮށްދޭ ފަރާތަކަށް އުތީމު ރައްޔިތުންގެ ފަރާތުން އެރުވޭ އެންމެ މަތީ ޝަރަފު"ގެ ހަނދާނީ އައްޑަނަ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދަށް އެރުވި އެެވެ. އުތީމު ރައްޔިތުންގެ ފަރާތުން މި އައްޑަނަ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، އުތީމު ކައުންސިލުގެ ރައީސް އަސްރާރު އާދަމެވެ.