ޗައިނާގެ ރައީސްކަމުގެ މަގާމަށް އަލަށް ހޮވިވަޑައިގެންނެވި ޒީ ޖިންޕިން އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ހަސަން މަނިކު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، ޗައިނާގެ އާ ރައީސަށް ތަހުނިޔާ ވިދާޅުވެފައިވެއެވެ. އަދި ޗައިނާގެ ރައީސްކަމާ ޒީ ޖިންޕިންގއަށް ހަވާލުވެވަޑައިގަތީ، ތަރައްގީގެ ގޮތުން ޗައިނާއަށް ވަރަށް މުހިންމު ވަގުތެއްގައިކަން ފާހަގަކުރައްވައި، އެމަނިކުފާނުގެ ޒައާމަތުގައި ޗައިނާއަށް އިތުރު ތަރައްގީއާއި ކުރިއެރުން ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައި ރައީސް ޑރ. ވަހީދު ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައިވަނީ ވަރަށް ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، މިގުޅުން ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ތަރައްގީވެ، ކުރިއަރަމުންދާނެ ކަމަށް ޔަގީން ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ.