15 Mar 2013, 19:17
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާ ބަރުތަކާ ބެހޭ ގާނޫނާ ދެކޮޅަށް ދިވެހި ރައްޔިތުންގެ ގައުމީ ހަރަކާތުން ހދ. ކުޅުދުއްފުށީގައި މުޒާހަރާ ކޮށްފި އެވެ.
މިއަދު ހަވީރު 4:30 ގައި އެ މުޒާހަރާ ކޮށްފައި ވަނީ އެރަށު އަމީރު އަމީރު ސްކޫލްގެ ހުޅަނގަށް އޮންނަ ބަންޑާރަ މައިދާނުގަ އެވެ.
ގިނަ އަދަދެއްގެ އަންހެނުން ބައިވެރިވި އެ މުޒާހަރާގައި ވާހަކަ ދެއްކި މީހުން ބުނީ ކެންޕޭން ދުވަސް ވަރު މަޖިލީހުގެ މެންބަރުން ރައްޔިތުން ކައިރީ ފޮނި ވާހަކަތަކެއް ދައްކާ ކަމަށާއި ނަމަވެސް ގޮނޑިއަށް އިންތިޚާބުވުމަށް ފަހު އެކަންތައް ހަނދާން ނެތިގެންދާ ކަމަށެވެ. އެގޮތުން އިމްތިޔާޒުގެ ގާނޫނު ފާސްކޮށްފައި ވަނީ ކެންޕޭން ދުވަސްވަރު މެންބަރުން ވެފައިވާ ވައުދުތަކާއި ދައްކާފައިވާ ފޮނި ވާހަކަތަކާ ޚިލާފަށް ކަމަށް ވެސް މުޒާހަރާގައި ވާހަކަ ދެއްކި މީހުން ބުންޏެވެ.
ރައްޔިތުންގެ މަޖިލީސް އަނބުރާ ރައްޔިތުންނަށް ލިބެންޖެހޭ ކަމަށާއި އެތަން ހަމަމަގަށް އެޅުވުމަށް ރައްޔިތުން ނުކުންނަށް ޖެހިފައިވާ ކަމަށް ބުނެ ތަފާތު ލިޔުންތަކާ ބެނާތައް ހިފައިގެން މުޒާހަރާގެ ބައިވެރިން ޝުއޫރު ފާޅުކޮށްފައިވެއެވެ.
ކުޅުދުއްފުށީގެ ގިނަ އަންހެނުންނާއި ބައެއް ފިރިހެނުން ވާހަކަދެއްކި އެ މުޒާހަރާގައި ގައުމީ އިއްތިހާދިގެ ނާއިބް ރައީސް އަބްދުﷲ މުހައްމަދު ވެސް ވަނީ މަޖިލީސް އިސްލާހު ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކާފައެވެ.
އަބްދުﷲ ވިދާޅުވީ މެންބަރުން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާތަނެއް ނުފެންނަ ކަމަށާއި އޭގެ ބަދަލުގައި ފެންނަނީ މަޖިލީސް ތެރޭގައި ފަރިއްކުޅުވައިގެން ތިބެ ހަމަނުޖެހުން ހިންގާތަން ކަމަށެވެ.
އިމްތިޔާޒުގެ ގާނޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ހުރުމަތް ކަނޑާލާ މެންބަރުން ޖަލަށް ލެވޭގޮތަށް އިމްތިޔާޒުގެ ގާނޫނުގައި ހިމަނާފައި ވަނީ މެންބަރުން ހިތްނޭދޭ މީހުން ޖަލަށް ލުމުގެ ބޭނުމުގައި ކަމަށެވެ.
ދައުލަތަށް ޓެކްސް ނުދައްކާ މީހުންނާއި ބޭންކުން ނަގާފައިވާ ލޯންތަކަށް ފައިސާ ނުދައްކާ މެންބަރުން މަޖިލީހުގައި އެބަތިބި ކަމަށާއި ނަމަވެސް އެ މެންބަރުންނާ މެދު ފިޔަވަޅު އެޅޭނެ އެއްވެސް އުސޫލެއް އެގާނޫނުގައި ހިމަނާފައި ނުވާ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ތެދުވެ އެތަނަށް އިސްލާހު ކުރަން ޖެހޭ ކަމަށާއި އެހެން ނޫނީ ރާއްޖެ އިސްލާހު ނުކުރެވޭނެ ކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ.
ރައްޔިތުންނަށް އިޚުލާސްތެރި މެންބަރުން ވެސް މަޖިލީހުގައި އެބަތިބި ކަމަށާއި ނަމަވެސް މެޖޯރިޓީ އޮތްގޮތުން އެ މެންބަރުނަށް ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރެވޭނެ ގޮތެއް ނެތްކަމަށް ވެސް އަބްދުﷲ ވިދާޅުވި އެވެ. އަދި އިމްތިޔާޒުގެ ގާނޫނާ ދެކޮޅަށް ވޯޓު ދެއްވި މެންބަރުން ނުކުމެ އެބިލް ބާތިލް ކުރުމަށް ބޮޑެތި މަސައްކަތް ތަކެއް ކުރަން ޖެހޭ ކަމަށް ވެސް އަބްދުﷲ ގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.
މިއަދުގެ މުޒާހަރާ ނިންމާލާފައި ވަނީ އިރުއޮއްސި 6:10 އެހާކަންހާއިރު އެވެ.