15 Mar 2013, 17:11
މިހާރު ކުރިއަށްދާ މައިލޯ އިންޓާ ސްކޫލް ފުޓްބޯޅަ މުބާރާތުގެ ތޭރަ އަހަރުން ދަށުގެ އުމުރުފުރައިގެ ފައިނަލްގައި ދެ ލަނޑު އެއް ލަނޑުން ޖަމާލުއްދީން ސްކޫލް ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލް ހޯދައިފި އެވެ.
އިއްޔެ ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު ތޭރައަހަރުން ދަށުގެ ފައިނަލު މެޗުގައި ކަލާ ފާނު ސްކޫލަށް މެޗުގެ ކުރި ހޯދައިދިނީ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ކެޕްޓަން އަހްމަދު ފިރާޝް އެވެ. އެހެން ނަމަވެސް ފަހު ހާފުގެ ކުޅުން ފެށިގެން ކުޑަ އިރުކޮޅެއް ތެރޭގައި ޖަމާލުއްދީން ސްކޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ކަލާފާނު ސްކޫލަށް މެޗު ކާމިޔާބުކޮށްދިން ލަނޑު ކާމިޔާބު ކޮށްދިނީ ފަހު ހާފުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ލަނޑުވެސް ކާމިޔާބު ކޮށްދިން ކެޕްޓަން ފިރާޝް އެވެ.
ފައިނަލް މެޗަށްފަހު ވަނަތަކަށް އައި ފަރާތްތަކަށް ހަނދާނީ ފިލަޔާއި ޝީލްޑް ދިނުން އޮތެވެ. އެގޮތުން ޗެމްޕިއަންޓީމަށް މެޑައްޔާއި ޝީލްޑް ހަމާލުކޮށްދެއްވީ، އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގެ ޑިރެކްޓަރު ޖެނެރަލް އާދަމް ޝަރީފް އެވެ.