ޔުއެފާ ޔޫރަޕިއަން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ސްޕެއިންގެ ބާސެލޯނާ އާއި ފްރާންސްގެ ޕީއެސްޖީ އަދި މިދިޔަ ސީޒަނުގެ ފައިނަލްގައި ކުޅުނު ޖަރުމަނުގެ ބާޔާން މިޔުނިކާއި އިޓަލީގެ ޗެމްޕިއަންސް ޔުވެންޓާސް ކުޅޭގޮތަށް މިއަދު ނެގި ގުރުން ދިމާވެއްޖެ އެވެ.

ސްވިޒަލޭންޑްގެ ނިޔޯންގައި މިއަދު އޮތް ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ގުރުލުމުގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ތުރުކީގެ ގަލަތަސަރޭ ލައްވާލި އިރު ސްޕެއިންގެ މަލާގާ އަށް ލައްވައިލީ ޖަރުމަނުގެ ބޮރޫޝާ ޑޯޓްމަންޑް އެވެ.

ކުއާޓާ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ދެވަނަ ދުވަހާއި ތިންވަނަ ދުވަސް އަދި ނުވަ ވަނަ ދުވަހާއި ދިހަވަނަ ދުވަހު އެވެ.

ވިލާތުގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި މުބާރާތް ކަމަށްވާ ޗެމްޕިއަންސްލީގުގެ ކުއާޓާގައި މި ފަހަރަކީ، 1996 ވަނަ އަހަރުގެ ފަހުން އިނގިރޭވިލާތުގެ ކުލަބެއް ނެތި ކުޅޭ ފުރަތަމަ ކުއާޓާ ފައިނަލެވެ. އެގޮތުން މި މުބާރާތުގެ ގުރޫޕް ސްޓޭޖުން އެންމެ ފަހުގެ ޗެމްޕިއަންސް ޗެލްސީ އާއި އަދި އިނގިރޭސި ޗެމްޕިއަންސް މެންޗެސްޓާ ސިޓީ ކަޓާފައިވާ އިރު މުބާރާތުގެ ދެވަނަ ބުރުގައި މެންޗެސްޓާ ޔުނައިޓެޑް ރެއާލް މެޑްރިޑް އަތުން ބަލިވެ އަދި އާސެނަލް ވަނީ ބަޔާން މިޔުނިކް އަތުން ކަޓާފަ އެވެ. އޭގެ އިތުރުން ސްކޮޓިޝް ކުލަބް ސެލްޓިކް ވަނީ ޔުވެންޓާސް އަތުން ކަޓާފަ އެވެ.