15 Mar 2013, 15:33
ސައިކަލެއްގައި ދަނިކޮށް، ދަގަނޑު ބުރިއަކުން ޖަހައި ޒަޚަމްކޮށްލުމާ ގުޅިގެން ސްރީލަންކާގެ ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔަ ރާއްޖެ ޓީވީގެ ނޫސްވެރިޔާ އިބްރާހީމް ވަހީދު (އަސްވާޑު) ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ރާއްޖެ ޓީވީގެ ޑެޕިއުޓީ ސީއީއޯ އަބްދުﷲ ޔާމީން ވިދާޅުވީ ލަންކާ ހޮސްޕިޓަލުން އަސްވާޑު ދޫކޮށްލާފައި ވަނީ ރާއްޖޭގެ ގަޑިން ރޭ 8:15 އެހައިކަންހާއިރު ކަމަށެވެ.
އޭނާ ވިދާޅުވީ އަސްވާޑުގެ ހާލު މިހާރު ކުރިއަށް ވުރެ ރަނގަޅު ކަމަށާއި ނަމަވެސް ކަނައަތު ލޮލުގެ ފެނުނުން ރަނގަޅަށް އިއާދަވުމުގެ ފުރުސަތު ހަނިކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ. އަދި މިހާރު އެލޮލުން ފެނުނު ނަމަވެސް ފެނުން ވަރަށް ދަށްކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ހޮސްޕިޓަލުން ދޫކޮށްލި ނަމަވެސް ދެ ދުވަހުން އެއްދުވަހު ކަހަލަ ގޮތަކަށް ޑޮކްޓަރަށް ދައްކަން ޖެހޭ ކަމަށާއި އަސްވާޑު ރާއްޖެ އަންނަނީ "ރަނގަޅަށް ފިޓުވުމުން" ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
އަސްވާޑަށް ހަމަލާދީފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗް ސަރަހައްދު ބޮޑުތަކުރުފާނު މަގުން ސައިކަލެއްގައި ދަނިކޮށެވެ. އެރޭ ދަގަނޑު ބުރިއަކުން ހަމަލާދީފައި ވަނީ އޭނާގެ ބޮލަށެވެ.
ފުލުހުން ބުނީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަސްވާޑަށް ހަމަލާދިން ކަމުގެ ތުހުމަތުގައި ފުލުހުން ވަނީ މ. ކެރީންލައިޓް އުތުރުބައި، އަޙްމަދު ވިޝާން،21، ހައްޔަރުކޮށްފަ އެވެ.
އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައި ވަނީ އެއީ ދުރާލާ ރާވައިގެން ހިންގާފައިވާ ޖަރީމާއެއް ކަމަށާއި އެއީ ނޫސްވެރިއަކަށް ވީތީ ދިން ހަމަލާއެއް ނޫންކަން ތަހުގީގުން އެނގޭ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނައިރު އެ މައްސަލަ ޝަރީއަތަށް ސާބިތުކުރެވޭ ވަރުގެ ހެއްކާއި ގަރީނާ ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.