ބިމުގެ އަޑީގެ ފަށަލަތަކުގެ ތެރޭގައި ތެޔޮ ހުންނަކަން އެނގި، އެ ތެޔޮ ނެގުމަށް ޓަކައި ތެޔޮވަޅު ކޮނެ ތެޔޮ ނެގުމަކީ ދުނިޔޭގައި އިހަކަށް ދުވަހު ކުރާން ފެށި ކަމެއް ނޫނެވެ. ތާރީޚުން އެނގޭ ގޮތުގައި، މީލާދީން 347 ވަނަ އަހަރު، ނުވަތަ އެއަށްވުރެ ވެސް ކުރީން، ޗައިނާ މީހުން ވަނީ ބިން ކޮނެގެން ތެޔޮ ނަގައިފައެވެ. ތެޔޮ ނެގުމަށް ޓަކައި ޗައިނާ މީހުން 800 ފޫޓު ފުންމިނުގެ ވަޅު ކޮނެފައި ވެއެވެ.

އޭގެ ތަންކޮޅެއް ފަހަށް ބަލާނަމަ، އިސްލާމީ ވަރުގަދަ އަމްބަރާތޫރިއްޔާގެ ވެރިރަށުގެ ގޮތުގައި މަޝްހޫރު ބަޣްދާދު ބިނާ ކުރެވުނު އިރު ވެސް ތެޔޮ ބޭނުން ކުރެވުނެވެ. ދުނިޔޭގައި ފުރަތަމަ ފަހަރަށް ތާރު އަޅައިގެން ހެދި މަގުތައް، ބަޣްދާދުގައި ހެދީ އެ ސަރަހައްދުގައި ތެޔޮވަޅު ކޮނެ ތެޔޮ ނަގައިގެން އެއިން ތާރު އުފައްދައިގެންނެވެ. އެއިރު ކޮނެވުނު ތެޔޮވަޅުތައް ޒަމާންތަކެއް ވަންދެން ބޭނުން ކުރެވުނެވެ. މީލާދީން ނުވަވަނަ ޤަރުނުގެ ތެރޭގައި، މުސްލިމް އަލްކެމިސްޓް އައްރާޒީ ވަނީ އެ ތެޔޮވަޅުތަކުން ނެގޭ ރޯތެލުން އެންމެ ފުރަތަމަ ފަހަރަށް ކަރާސީނު ތެޔޮ އުފައްދަވައިފައެވެ.

މި ޒަމާނުގެ ޓެކްނޮލޮޖީގެ އެހީގައި، ސިނާއީ ފެންވަރުގައި ތެޔޮ އުފެއްދުމުގެ ދައުރު ފެށުނީ 1823 އިން ފެށިގެން 1859 އާ ދެމެދުގައި ފާއިތުވެދިޔަ 40 ވަރަކަށް އަހަރުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ދުނިޔޭގެ ތެލުގެ ސިނާއަތުގައި ރަސްކަން ކުރީ އަމްބަރާތޫރީ ރޫސީވިލާތެވެ. ފަހުން ޔޫރަޕާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ އާއި ކެނެޑާގެ ސަރަހައްދު ތަކުން ތެޔޮދަނޑުތައް ހޯދި، އެ ތެޔޮދަނޑުތަކުގައި ތެޔޮވަޅުތައް ކޮނެވުނެވެ. 1859 ވަނަ އަހަރަކީ ސިނާއީ ފެންވަރުގައި ތެޔޮ ނެގޭ ގޮތަށް ފުރަތަމަ ތެޔޮވަޅެއް ބިނާކޮށް ނިމުނު އަހަރެވެ. އެއީ އެމެރިކާގެ ޕެންސިލްވޭނިއާގަ އެވެ. ދުނިޔޭގެ އެންމެ ފުރަތަމަ ތެޔޮ ރިފައިނަރީ ބިނާ ކުރެވުނީ 1854 ވަނަ އަހަރު، ޕޮލެންޑުގަ އެވެ. 1878 ވަނަ އަހަރު، ތެޔޮ އެއްތަނުން އަނެއް ތަނަށް ގެންދިޔުމުގެ މަސައްކަތަށް ބޮޑު އިންޤިލާބެއް އައެވެ. އެއީ ދުނިޔޭގެ ފުރަތަމަ "ތެޔޮ ޓޭންކަރު" ސްވިޑްންގައި އީޖާދު ކުރުމާ ގުޅިގެންނެވެ.

1900 އިގެ އަހަރުތަކުގެ ކުރީކޮޅުގެ ދަހަތަކުގައި، ދުނިޔޭގެ ތެލުގެ ސިނާއަތުގެ ބޮޑުބާރަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއެވެ. ނަމަވެސް، ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ނިމުމާ ހަމަޔަށް ދިޔައިރު، ތެލުގެ ސިނާއަތުގެ ނާރެހަކީ ޢަރަބި ފާރިސީ ގަލްފް ކަމަށް ވެގެން ދިޔައެވެ. 1930 އިން ފެށިގެން 1950 އާ ދެމެދުގެ މުއްދަތުގެ ތެރޭގައި ސަޢޫދީ ޢަރަބިއްޔާ އާއި ޢިރާޤާއި އީރާނާއި ޤަޠަރާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް އާއި ކުވައިތު ފަދަ ޤައުމުތަކުން ތެލުގެ ބޮޑެތި ރިޒާވްތައް ފެނުނެވެ. އަދި އެ ތެޔޮ ނެގުމަށް ޓަކައި، ވަރުގަދަ ސިނާއީ އުމްރާނިއްޔަތެއް ބިނާ ކުރެވުނެވެ. 1960 ގެ އަހަރުތަކަށް އައިއިރު، ދުނިޔޭގެ ބާޒާރަށް ނެރެވޭ ތެލުގެ 15 އިންސައްތަ އުފައްދަމުން ގެންދިޔައީ މެދުއިރުމަތީގެ ޤައުމުތަކުންނެވެ.

މީލާދީން 1800 އިގެ އަހަރުތަކުގެ ތެރޭގައި ރޯތެލުން އެންމެ ޢާއްމުކޮށް އުފައްދާ ބާވަތަކީ ކަރާސީނެވެ. އޭގެ މައިގަނޑު ބޭނުމަކީ ތެޔޮ އަޅައިގެން ދިއްލާ ބައްތިތަކުގައި ބޭނުން ކުރުމެވެ. ނަމަވެސް 1800 އިގެ އަހަރުތައް ނިމި 1900 އިގެ އަހަރުތަކަށް ފެށުމާ ހަމައަށް ދިޔައިރު، ތޯމަސް އެޑިސަންގެ މަޝްހޫރު އެލެކްޓްރިކް ބޮކި އާއްމުކޮށް ގަނެވިއްކާ މުދަލަކަށް ވެ، ތެލުގެ އެންމެ އަސާސީ ބޭނުން އޮތީ ބަދަލުވެފަ އެވެ. އެހިސާބަށް ދިޔައިރު، ތެލަކީ ދުނިޔޭގެ ސިނާއަތްތެރިކަމާއި، އަލަށް އީޖާދު ކުރެވުނު އިންޖީނުލީ ދުއްވާ ތަކެއްޗަށް ބޭނުންވާ ހަކަތައިގެ މައިނާރެވެ.

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ފެށުމާ ހަމަޔަށް ދިޔައިރު، ތެލުގެ މުހިއްމުކަން ދުނިޔޭގެ ބޮޑެތި ބާރުތަކަށް އޮތީ ރަނގަޅަށް ވަޒަން ކުރެވިފަ އެވެ. އެއިރު ތެލަކީ ކަނޑާއި އެއްގަމާއި ވައިގައި ދަތުރުކުރާ ހަނގުރާމަވެރި އަދި އެނޫން ވެސް އުޅަނދުފަހަރުގެ އިތުރުން، ސިނާއީ ޤައުމުތަކުގެ ކާރުޚާނާ ތަކުގައި ބޭނުން ކުރާ އިންޖީނު ތަކާއި މެޝިނުތަކަށް ވެސް ބޭނުންވާ އަސާސީ ކާނާ އެވެ. ނަތީޖާއެއްގެ ގޮތުން ބައިނަލްއަޤްވާމީ ސިޔާސަތުގައި ވެސް ތެލަށް މުހިއްމު މަޤާމެއް ލިބިގެން ދިޔަ އެވެ. އެކަން ފެނިގެން ދިޔަ އެއް ޙާދިސާ އަކީ އީރާނުގެ އަބަދާނުގެ ތެލުގެ ސަޕްލައި ކޮންޓްރޯލް ކުރުމަށް ޓަކައި، 1908 ވަނަ އަހަރުން ފެށިގެން އަހަރުތަކެއް ވާންދެން އިނގިރޭސީންނާއި ޖަރުމަނުންނާއި ޢުޘްމާނީ ތުރުކީންގެ މެދުގައި ހިނގި ކޯޅުންތަކެވެ. ބެލެވޭ ގޮތުގައި، މިއީ ތެލާ ހުރެ ހިނގި ބައިނަލްއަޤްވާމީ ފުރަތަމަ ކޯޅުމެވެ.

ރޯތެލާއި އެއިން އުފައްދާ ބާވަތްތައް
ރޯތެޔޮ ނުވަތަ "ކްރޫޑް އޮއިލް" އަކީ"ފޮސިލް ފިޔުލް" ގެ ތެރޭގައި ހިމެނޭ އެއް ބާވަތެވެ. "ފޮސިލް ފިޔުލް" އަޅުގަނޑު ތަރުޖަމާ ކުރަނީ "ފުރަނަކަށިދަރު"ގެ ގޮތުގައެވެ. ފުރަނަކަށިދަރުގެ ތެރޭގައި ހިމެނޭ މައިގަނޑު ބާވަތް ތަކަކީ ރޯތެލާއި، ބޯޓުދެއްޔާއި، ޤުދުރަތީ ގޭހެވެ.

ފުރަނަކަށިދަރު އުފެދިފައި ވަނީ އެތައް މިލިއަން އަހަރަކަށް ދެމިގެން ދިޔަ ޤުދުރަތީ މަރުހަލާއެއްގަ އެވެ. ކުދިބޮޑު އެކި ބާވަތް ބާވަތުގެ ޖަނަވާރާއި ދޫނިސޫފާސޫތްޕާއި ގަސްގަހާގެހި ފަދަ، އެއް އިރެއްގައި ދިރުން ހުރި އެއްޗެހިތައް މަރުވެ އެ ތަކެތީގެ ކަށި ފުރޭނިގެން ދިޔުމަށް ފަހު އެތަކެތީގެ ވީރާނާއިންނެވެ. ސައިންސްވެރީން ވިދާޅުވާ ގޮތުގައި ރޯތެލާއި ޤުދުރަތީ ގޭސް އުފެދިފައި ވަނީ ކަނޑުގެ ދިރުން ކަމުގައި ހިމެނޭ ތަކެތި މަރު ވުމަށް ފަހު އެ ތަކެތީގެ ވީރާނާއިންނެވެ. ބޯޓުދެލި އުފެދިފައި ވަނީ ބިމުގައި ހެދޭ ގަސްގަހާގެހި މަރުވުމަށް ފަހު، އޭގެ ވީރާނާއިންނެވެ.
މި ދެންނެވި ވީރާނާތައް ކަނޑުއަޑީގެ ބިމުގެ، ނުވަތަ ހިކިފަސް ބިމުގެ ބޭރު ފަށަލައިގެ ތެރެއަށް ފޭދިގެން ދެއެވެ. ބިމުއަޑީގައި ގާތްގަނޑަކަށް 7500 ފޫޓާއި 15000 ފޫޓާ ދެމެދުގެ ފުންމިނުގައި އެތައް މިލިއަން އަހަރެއް ވަންދެން ދެމިހުރެ، ޕްރެޝަރާއި ހޫނުގެ ސަބަބުން "ކެކި" ރޯތެލަށް ނުވަތަ ގޭހަށް ނުވަތަ ބޯޓުދެއްޔަށް ބަދަލުވެއެވެ. ކުރީން ވެސް ދެންނެވި ފަދައިން މި ކަމަށް ޓަކައި ޤުދުރަތީ ގޮތުން ހިނގާ މަރުހަލާތައް ފުރިހަމަވަނީ އެތައް މިލިއަން، ނުވަތަ އެތައް ސަތޭކަ މިލިއަން އަހަރުތަކެއްގެ ތެރޭގައެވެ. މިހާރު ދުނިޔޭގެ ބިމުގައި ހުރި ރޯތެލާއި ގޭސް އުފެދުނު ކަމަށް ބެލެވެނީ މީގެ 600 މިލިއަން އަހަރު ކުރީން ފެށިގެން މީގެ 15 މިލިއަން އަހަރު ކުރިއާ ދެމެދުގެ މުއްދަތުގަ އެވެ.

ރޯތެޔޮ ހުންނަ ތަންތަން ދެނެގަތުމުގެ މަސައްކަތް ކުރަނީ "ޖިއޮލޮޖީ" ގެ ޢިލްމު ކިޔަވައިގެން ތިބޭ ތަޖުރިބާކާރުންނެވެ. އެކަން ކުރުމަށް ޓަކައި އެމީހުން ތަފާތު ގޮތްތަކެއް ބޭނުން ކުރެއެވެ. އެންމެ ޢާއްމު ގޮތަށް ބަލާއިރު، މަސައްކަތް ފަށަނީ އެ ސަރަޙައްދެއްގައި ހުންނަ ހިލަތައް ނުވަތަ އެ ސަރަޙައްދެއްގެ ބިމުއަޑީގެ ހިލަދާނުގެ ސިފަތަކާއި ވައްތަރު ބާވަތް ދެނެގަންނާން ކުރާ ދިރާސާތަކުންނެވެ. މީގެ އިތުރަށް އެ ސަރަހައްދެއްގެ ސެޓަލައިޓް ފޮޓޯތައް ދިރާސާ ކުރުމަކީ ވެސް ކުރާ ކަމެކެވެ. މިގޮތުން ހޯދޭ މަޢުލޫމާތުގެ އަލީގައި، ތެޔޮ ހުރިތޯ ބަލަން އެކިއެކި ގޮތްގޮތަށް ޓެސްޓު ކުރަން ފަށަނީއެވެ. ޓެސްޓު ކުރާ އެއްގޮތަކީ ގްރެވިޓީ މީޓަރާއި މެގްނެޓޯމީޓަރު ފަދަ އާލާތްތައް ބޭނުން ކޮށްގެން އެ ސަރަހައްދެއްގެ ބިމުއަޑީގެ ޖިއޮލޮޖިކަލް ހާލަތު ބެލުމެވެ. އެ ސަރަހައްދެއްގައި ތެޔޮ ހުރިނަމަ، އެ ތެލުގެ ހަރަކާތް މި ދެންނެވި އާލާތްތަކުން ދެނެގަނެވެ އެވެ. ދެވަނަ ގޮތަކީ ހައިޑްރޯކާރބަންގެ ވަސް ދެނެގަންނަ "ސްނިފަރޒް" އެވެ ކިޔާ އާލާތެއް ބޭނުން ކުރުމެވެ.

ނަމަވެސް ތެޔޮ ހުރިތޯ ބެލުމަށް ޓަކައި އެންމެ އާއްމުކޮށް ބޭނުންކުރާ، އެންމެ އިތުބާރު ހުރި ޓެކްނޮލޮޖީއަކީ "ސީސްމިކް ވޭވްސް" ޓެކްނޮލޮޖީއެވެ. މި ޓެކްނޮލޮޖީގެ ބޭނުން ކުރާ އިރު، އަޑުގެ ޝޮކް ވޭވްތަކެއް ނުވަތަ "އަޑުރާޅުތަކެއް" ބިމުގެ ސަތުހުގެ އަޑިއަށް ފޮނުވާލެވެ އެވެ. އެ ސަރަހައްދެއްގެ ބިމު އަޑީގައި ތެޔޮ ހުރިކަން ނުވަތަ ނޫންކަން، ދެނެގަންނަނީ މި ދެންނެވި އަޑުރާޅުތައް ބިމުއަޑީގައި ތެޔޮ ހުންނަ ސަރަހައްދުގައި ޖެހުމަށް ފަހު، ރިވެލިވެގެން ރައްދުއަޑުގެ ގޮތުގައި އަންނަ އިރު، އެ އަޑުރާޅުތައް ހުންނަ ގޮތް ބަލާ އާލާތްތަކުގެ އެހީގައެވެ. ތެޔޮ ހުންނަ ސަރަހައްދެއްގައި، މިގޮތަށް ރައްދު އަޑުގެ ގޮތުގައި އަންނަ އަޑުރާޅުތައް ހުންނަނީ ތަފާތު ގޮތަކަށެވެ.

މިހެން ދެންނެވީމާ، ތެޔޮ ރިޒާވެއް ހޯދައިގަތުމަކީ ވަރަށް ފަސޭހަ މަސައްކަތެކޭ ހީފުޅު ވެދާނެއެވެ. ޙަޤީޤަތުގައި މިއީ ވަރަށް އުނދަގޫ، ވަރަށް ދިގު މުއްދަތެއް އެކަމަށް ޓަކައި ނަގާ، އެތައް މިލިއަން ޑޮލަރެއް އެ ކަމަށް ޚަރަދު ކުރާން ޖެހޭ ދިގު މިޢުލާޖެކެވެ. ކަނޑު އަޑީގެ ބިމުން ތެޔޮ ރިޒާވެއް ހޯދައި، އެ ސަރަޙައްދުގައި ތެޔޮވަޅުތަކާ އެކު ތެޔޮދަނޑެއް ތަރައްޤީކޮށް، ތެޔޮ އުފައްދާން ފެށުމަށް ޓަކައި އާދަވެގެން ދިހަ އަހަރާ ފަނަރަ އަހަރާ ދެމެދުގެ މުއްދަތެއް ނަގައެވެ. އަދި މި ދެންނެވި ގޮތުގެ މަތީން ތެޔޮ ދަނޑެއް ތަރައްޤީ ކުރުމަށް ޓަކައި ޢާއްމު ގޮތެއްގައި އެއް ބިލިއަން ޑޮލަރާއި ހަތަރު ބިލިއަން ޑޮލަރާ ދެމެދުގެ ޢަދަދަކަށް ފައިސާ ޚަރަދުވެ އެވެ. މި މަސައްކަތުގައި ކަނޑުއަޑީގެ، އެތައްހާސް ފޫޓެއްގެ ފުންމިނުގައި، ނުހަނު ވަރުގަދަ ޕްރެޝަރުގެ ތެރޭގައި، ތެޔޮވަޅެއް ނުވަތަ ވަޅުތަކެއް ބިނާކޮށް، އެ ތެޔޮވަޅުތަކުން ތެޔޮ ނެގޭނޭ ޢުމްރާނީ އޮނިގަނޑެއް ބިނާކުރާން ޖެހެ އެވެ. މިގޮތުން ބިނާކުރާ ޢުމްރާނީ އޮނިގަނޑުގެ އަގު، ހުޅަނގުގެ ޤައުމެއްގެ ކުޑަވަރެއްގެ ޝަހަރެއްގެ ޢުމްރާނީ އޮނިގަނޑާ އެއްފަދައެވެ.

ހަމައެހެންމެ، ބިމުގެ ބަނޑުތެރޭގައި އޮންނަ ތެޔޮ ރިޒާވް އޮންނަނިއްޔަކީ، ހިލަތަކުގެ ތެރޭގައި ހޮއި ހެދިފައި އޮންނަ ހުސް ޖާގައެއްގެ ތެރޭގައި، ތެލުގެ ޕޫލެއްގެ ސިފައިގައެއް ނޫނެވެ. އިސްޕަންޖުގަނޑެއް ފަދައިން ހުންނަ ހިލަތަކުގެ ތެރޭގައެވެ.

ކޮންމެއަކަސް، ރޯތެލަކީ ޤުދުރަތްތެރިކަމުގެ އަތުން ފަރުމާކޮށް، އިންސާނުންނަށް ޓަކައި ދުނިޔޭގައި ލެއްވެވި އެންމެ ހައިރާން ކުރުވަނިވި އެއް ހަދިޔާއެވެ. ކަޅުކުލައިގައި ވިދަވިދައި ހުންނަ، ނިކަން އޮލަ، ދިޔާ އެއްޗެއް ކަމަށްވާ ރޯތެލުން، ހަކަތަ އުފައްދާން ބޭނުން ކުރާ އެތައް ބާވަތެއް ނެރެވެ އެވެ. މި ދެންނެވި ބާވަތްތައް ނެރެނީ ރޯތެޔޮ އާދަޔާ ޚިލާފު ގަދަހޫނަކުން ކައްކައިގެންނެވެ. އެކަމަށް ޚާއްސަ މެޝިނެއް ބޭނުން ކޮށްގެން، "ފްރެކްޝަނަލް ޑިސްޓިލޭޝަން" ކިޔާ މިޢުލާޖެއްގައެވެ.

މަރުހަލާތަކަކަށް ބެހިގެންވާ މި މިޢުލާޖުގައި، އެތައް ސަތޭކަ ޑިގްރީ ސެލްސިއަސްގެ ހޫނުމިނުގައި ރޯތެޔޮ ކައްކަ އެވެ. މިކަން ކުރާ މެޝިނު ފަރުމާ ކުރެވިފައި ހުންނަނީ، ރޯތެޔޮގަނޑު ކެކި އާތްވަށް ވެގެން އަރަން ފެށުމުން، ތަފާތު ފިނިހޫނުމިންތަކުގައި އެ އާވި ފެންކުރެވޭ، ނުވަތަ "ކޮންޑެންސް" ކުރެވޭ ގޮތަށެވެ. މިގޮތަށް ތަފާތު ފިނިހޫނުމިންތަކުގައި ފެންކުރެވޭ އާވީގެ ސައިންސީ ސިފަތަކާއި ޠަބީޢަތް ތަފާތުވެ އެވެ. އެއިން ކޮންމެ ވައްތަރަކީ، ރޯތެލުން ނެރެވޭ ތަފާތު ބާވަތެކެވެ. އެ ބާވަތްތައް އިތުރަށް ސާފުކޮށް ފައްކާ ކުރުމުގެ މަރުޙަލާތަކެއް ވެސް ހުރެއެވެ. މި ދެންނެވި ގޮތުގެ މަތީން ރޯތެލުން، ހަކަތަ އުފައްދާން ބޭނުންކުރާ އެކިއެކި ބާވަތްތައް ނެރެ އެ ބާވަތްތައް ފައްކާ ކުރުމަށް އިނގިރޭސި ބަހުން ކިޔާ ނަމަކީ ތެޔޮ "ރިފައިން" ކުރުމެވެ. އިނގިރޭސި ބަހުން "އޮއިލް ރިފައިނަރީ" އޭ ކިޔަނީ އެކަން ކުރާން، އެކަމަށް ޓަކައި ބޭނުންވާ މެޝިނާއި އާލާތްތައް ހިމެނޭ ގޮތަށް ހަދައިފައި ހުންނަ ތަނަށެވެ.

ރޯތެޔޮ ކައްކައިގެން އެއިން ނެރޭ ބާވަތްތައް މައިގަނޑު އަށް ބަޔަކަށް ބަހައިލެވެ އެވެ. އެ އަށްބައި މި ދަންނަވާލަނީ، އޭގެ ކޮންމެ ބާވަތެއް ވެސް ނެރުމަށް ޓަކައި ފެންކުރާ ރޯތެޔޮ އާވީގެ ފިނިހޫނުމިން ހުންނާން ޖެހޭ މިންވަރަށް ބަލައިގެންނެވެ. އެންމެ ހޫނު އާވިން ނެގޭ ބާވަތަކީ އެންމެ ފުރަތަމަ ބާވަތް ކަމަށް، ދެވަނަޔަށް އެންމެ ހޫނު އާވިން ނެގޭ ބާވަތަކީ ދެވަނަ ބާވަތް ކަމަށް ބަލައިގެންނެވެ.

އެގޮތުން ބަލާއިރު، ފުރަތަމަ ބާވަތަކީ "ރެޒިޖުއަލްސް" މި ނަން ދެވިފައިވާ ބާވަތެވެ. މީގެ ތެރޭގައި ހިމެނެނީ ހަރުކޮށް ހުންނަ ވައްތަރުތަކެކެވެ. މިސާލަކީ ތާރު އުފައްދާން ބޭނުންކުރާ އަސާސީ މާއްދާ ކަމަށްވާ "ބިޓޫމެން" އެވެ. މި ބާވަތުގެ ތެރޭގައި ހިމެނޭ ވައްތަރު ތަކަކީ ތެޔޮ ރިފައިން ކުރުމުގެ މަރުޙަލާގައި ނެރެވޭ ދަގުއި ކަމަށް ވެސް ދެންނެވިދާނެ އެވެ. ދެވަނަ ބާވަތަކީ "ހެވީ ގޭސް އަދި ފިޔުލް އޮއިލް" އެވެ. މި ބާވަތަކީ ކަރަންޓު އުފައްދާ އިންޖީނުގެ ތަކުގައްޔާއި ކަނޑުގައި ދުއްވާ ބޯޓުފަހަރުގެ އިންޖީނުތަކުގައި ޢާއްމުކޮށް ބޭނުން ކުރާ ތެލެވެ.

ތިންވަނަ ބާވަތަކީ "ލުބްރިކަންޓްސް" އެވެ. މޮޓަރު ތެލާއި ގިރިސް ފަދަ ވައްތަރުތައް ފެތެނީ މި ބާވަތުގެ ތެރެއަށެވެ. ހަތަރުވަނަ ބާވަތަކީ "ޑީސަލް ޑިސްޓިލޭޓް" އެވެ. ފަސްވަނަ ބާވަތަކީ ކަރާސީނު ނުވަތަ "ޕެރަފިން" އެވެ. މަތިންދާބޯޓުގެ އިންޖީނަށާއި، އެއްގަމުގައި ދުއްވާ ބައެއް އުޅަނދުފަހަރުގައި ބޭނުންކުރާ އިންޖީނަށް އަޅަނީ މި ބާވަތުގެ ތެލެވެ. ހަވަނަ ބާވަތަކީ "ގޭސޮލިން" ނުވަތަ އަޅުގަނޑުމެން އާއްމުކޮށް ކިޔާ ގޮތަށް ނަމަ ޕެޓްރޯލެވެ. ހަތްވަނަ ބާވަތަކީ "ނަފްތާ" ނުވަތަ "ލިގްރޮއިން" އެވެ. މިއީ އިތުރަށް ފައްކާ ކޮށްގެން ޕެޓްރޯލް އުފެއްދުމަށް ބޭނުން ކުރާ ވައްތަރެކެވެ. އަށްވަނަ ބާވަތަކީ "ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް ނުވަތަ އެލްޕީޖީ" ގެ ނަން ދެވިފައިވާ ގިންތިއެވެ. މީތޭނާއި ޕްރޮޕޭނާއި ބިޔުޓޭން ފަދަ ގޭސްތައް ވަންނަނީ މި ގިންތިއަށެވެ. ކައްކާ ގޭހުގެ ގޮތުގައްޔާއި، ޕްލާސްޓިކް އުފެއްދުމަށާއި ހޫނު ކުރާ ނިޒާމުތަކުގައި ވެސް މި ބާވަތުގެ ގޭސް ބޭނުން ކުރެވެ އެވެ.

ތެލުގެ މުހިއްމުކަން
ތެލުގެ ބާވަތްތަކާއި ޤުދުރަތީ ގޭހާ ނުލައި ދުނިޔެ އާއި، ދުނިޔޭގެ މި ޒަމާނުގެ ޙަޟާރަތްތެރިކަން މިހާރު މިއޮތް ގޮތަކަށް ނޯންނާނެ އެވެ. ތެލާއި ޤުދުރަތީ ގޭހުގެ "ނާރު ބުރި ކޮށްލައިފި ނަމަ"، އިންސާނެއްގެ ހިތް ހުއްޓުމުން އޭނާގެ ހަށިގަނޑު ހުއްޓޭ ގޮތަށް، ދުނިޔެ ހުއްޓުމަކަށް އަންނާނެ އެވެ. އެފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ދުނިޔޭގެ މުއާސަލާތީ ނިޒާމު ފޭލިވާނެ އެވެ. ދަތުރުފަތުރުގެ ނިޒާމު ވައު ވާނެއެވެ. އެއިރުން "ދުނިޔެ ކުޑަކޮށްދޭ" މަތިންދާބޯޓު ތައް ޖެހޭނީ ބިންމަތި ކޮށްފައި ބައިތިއްބާށެވެ. މަގެއްގެ މަތީން ކާރެއް، ސައިކަލެއް ފަދަ އުޅަނދެއް ނުވަތަ ރޭލުމަގެއްގެ މަތީން ރޭލެއް ފެންނާނީ ނާދިރު ހާލަތެއްގަ އެވެ. ހަމައެހެންމެ، ތެލާއި ޤުދުރަތީ ގޭހުގެ ދޮރު ބަންދު ވުމުން، ދުނިޔޭގެ ކޮމްޕިއުޓަރުތައް މަސައްކަތްކުރުން ހުއްޓޭނެއެވެ. އޮފީސްތައް ބަންދު ކުރާން މަޖުބޫރުވާނެ އެވެ. ދުނިޔޭގެ ގާތްގަނޑަކަށް ހުރިހާ ތަނަކުން ކަރަންޓު ގޮސް، ދުނިޔޭގެ ބައްތިތައް ނިވި އަނދިރީގެ ފަރުދާއެއް ދުނިޔޭގެ އިރުން ހުޅަނގަށް، އުތުރުން ދެކުނަށް، ލެވިގެން ދާނެއެވެ. ދުނިޔޭގެ ކާރުޚާނާ ތަކުގެ މެޝިންތަކުގެ ހުރިހާ ފުރޮޅުތަކެއްގެ އެނބުރުން ހުއްޓި، އުފެއްދުންތެރިކަމުގެ ސިނާއަތު ކުޑަކަކޫ މައްޗަށް ތިރިވާނެއެވެ.

މި ދެންނެވި ހާލަތު ތަސައްވަރު ކޮށްލުމުން، ތެލުގެ މުހިއްމުކަން ނުހަނު ފަސޭހައިން އިހުސާސް ކުރެވޭ، އެހެން ނޫންތޯއެވެ!

މިއަދު ދުނިޔެ ވަނީ ހަކަތަ އުފެއްދުމަށް ޓަކައި ގާތްގަނޑަކަށް މުޅީންހެން ތެލާއި ޤުދުރަތީ ގޭހަށް ބަރޯސާ ވެފައެވެ. 1979 ވަނަ އަހަރު ނިމުނު އިރު، ދުނިޔޭގައި ތެޔޮ ބޭނުން ކުރާ މިންވަރު، 1980 ވަނަ އަހަރުން ފެށިގެން މިހާތަނަށް ވަނީ 3 ގުނަ އިތުރުވެފަ އެވެ. މިއަދުގެ ދުނިޔެ، ދުވާލަކު 85 މިލިއަން ފީފާގެ ތެޔޮ ބޭނުން ކުރެއެވެ. ޕެރިހުގައި ހުންނަ ބައިނަލްއަޤްވާމީ ހަކަތައާ ބެހޭ އިދާރާގެ އަންދާޒާތަކުން ދައްކާ ގޮތުގައި، 2030 ވަނަ އަހަރާ ހަމަޔަށް ދާއިރު، ދުނިޔޭގައި ތެލާއި ޤުދުރަތީ ގޭސް ބޭނުންކުރާ މިންވަރު، މިހާރާ އަޅާބަލާއިރު 50 އިންސައްތަ އިތުރުވާނެ އެވެ. އެހެންވީމާ ދުނިޔޭގެ މިއަދެކޭ އެއްފަދައިން މާދަމާ ވެސް ވަނީ ތެލާ ގުޅިފައެވެ.

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ނިމިގެން ދިޔަ އިރު، ބައިނަލްއަޤްވާމީ ސިޔާސަތުގެ ދާއިރާއަށް އައިސްފައި އޮތް އެންމެ ބޮޑު އެއް ބަދަލަކީ، ތެލުގެ ސަޕްލައި ޕޮއިންޓުތައް ކޮންޓްރޯލްކޮށް، އެތަންތަން ތިމާމެންގެ ބާރުގެ ދަށުގައި ބޭއްވުމަށް ހުޅަނގުގެ ބޮޑެތި ބާރުތަކުން ފައިނަގަން ފަށައިފައި އޮތް އޮތުމެވެ. ފުރަތަމަ ބޮޑު ހަނގުރާމަޔަށް ފަހު މިއަދާ ހަމަޔަށް ވެއަތުވެފައިވާ 90 ވަރަކަށް އަހަރުގެ ތާރީޚަށް ބަލައިލުމުން، ތެލަކީ ބައިނަލްއަޤްވާމީ ގުޅުންތަކާއި ސިޔާސަތުގެ ޗާޓު އޮންނާނޭ ގޮތް ކަނޑައަޅާ އެންމެ މުހިއްމު އެއް ބަހާ ކަން ފެނިގެން ދެއެވެ. ބައެއް މުހައްލިލުން ދެކޭގޮތުގައި ދުނިޔޭގެ ބޮޑުބާރު ކަމަށްވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، ދާދިފަހުން އަފްޣާނިސްތާނާއި ޢިރާޤާ ދެކޮޅަށް ކުރި ހަނގުރާމަ ތަކަކީ ވެސް ތެލުގެ ކޮންޓްރޯލް އެޤައުމުގެ އަތްމަތީގައި ބަދަހި ގޮތެއްގައި ބޭއްވުމުގެ މަޤްޞަދުގައި ކުރި ހަނގުރާމަ ތަކެކެވެ.

ތާރީޚުގެ ތެރެއިން ތަންކޮޅެއް ކުރިޔަށް ޖެހިލާ ނަމަ، 1973 ވަނަ އަހަރަކީ ވެސް ދުނިޔޭގެ އިޤްތިޞާދާއި ހަމަޖެހުމާއި އަމާންކަމަށް ތެލުގެ ނުފޫޒު ފޯރާ ވަރު ފެނިގެން ދިޔަ އަހަރެކެވެ. އެ އަހަރު ޢަރަބީންނާއި އިސްރާއީލާ ދެމެދުގައި ކުރެވުނު ހަނގުރާމަޔާ ގުޅިގެން، ތެޔޮ އުފައްދާ ޢަރަބި ޤައުމުތަކުން ހުޅަނގުގެ ޤައުމުތަކަށް ތެޔޮ ވިއްކުން ހުއްޓާލިއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އިޤްތިޞާދަށް އައި ލޮޅުން، ތަޖުރިބާކާރުން ސިފަކުރައްވަނީ 1930 ގެ އަހަރުތަކުގެ ތެރޭގައި ދުނިޔޭގެ އިޤްތިޞާދުގެ މައިކަށި ބިންދާލި "ގްރޭޓް ޑިޕްރެޝަން" އަށް ފަހު އައި އެންމެ ނުރައްކައުތެރި އިޤްތިޞާދީ ލޮޅުމުގެ ގޮތުގައެވެ. އިޤްތިޞާދީ މާހިރުން ވިދާޅުވާ ގޮތުގައި ޢަރަބި ޤައުމުތަކުން އެފަހަރު އެޅި އެ ފިޔަވަޅުގެ ނަތީޖާތަކުން އަދިވެސް ދުނިޔޭގެ އިޤްތިޞާދު މުޅީން ސަލާމަތެއް ނުވެއެވެ.

މިއަދުގެ ދުނިޔޭގެ އެންމެ މުއްސަނދި ކުންފުނިތަކަށް ބަލައިލުމުން ވެސް ތެލާއި ޤުދުރަތީ ގޭހުގެ އިޤްތިޞާދީ މުހިއްމުކަންއަޅުގަނޑުމެންނަށް ފެނެއެވެ. ތެލަކީ "ކަޅު ރަން" ކަމަށް ބުނެވެނީ ކީއްވެގެންކަން ވިސްނެއެވެ. "ފޯރބްސް" މަޖައްލާއިން ހޮވާ ދުނިޔޭގެ އެންމެ ބޮޑު، އެންމެ މުއްސަނދި ކުންފުނިތަކުގެ ލިސްޓުގައި މިހާރު ވެސް އެންމެ ކުރީގައި އޮތީ ތެލާއި ޤުދުރަތީ ގޭސް ނަގައި އޭގެ ވިޔަފާރި ކުރާ ކުންފުންޏެވެ. އެމެރިކާގެ އެކްސަންމޮބިލް ކޯރޕަރޭޝަނެވެ. މީގެ އިތުރުން، ދުނިޔޭގެ އެންމެ މުއްސަނދި ދިހަ ކުންފުނީގެ ތެރޭގައި ތެލާއި ގޭސް ނަގައި އޭގެ ވިޔަފާރި ކުރާ ހަ ކުންފުނި ހިމެނެއެވެ. އެއީ ދުނިޔޭގެ ދެވަނަޔަށް އެންމެ މުއްސަނދި ކުންފުނި ކަމަށްވާ ރޯޔަލް ޑަޗް ޝެލް (ނެދަރލޭންޑްސް) އާއި ހަތަރުވަނައިގައި އޮތް ސިނޮޕެކް ގްރޫޕް (ޗައިނާ) އާއި، ފަސްވަނައިގައި އޮތް ޗައިނާ ނެޝަނަލް ޕެޓްރޯލިއަމް ކޯރޕޮރޭޝަން (ޗައިނާ) އާއި، ހަވަނައިގައި އޮތް ބްރިޓިޝް ޕެޓްރޯލިއަމް (އިނގިރޭސި ވިލާތް) އާއި، ހަތްވަނައިގައި އޮތް ސައުދީ އަރާމްކޯ (ސަޢޫދީ ޢަރަބިއްޔާ އާއި އެމެރިކާ) އާއި، ޗެވްރަން ކޯރޕޮރޭޝަން (އެމެރިކާ) އެވެ. ދުނިޔޭގެ އެންމެ މުއްސަނދި 50 ކުންފުނީގެ ތެރެއިން 19 ކުންފުންޏަކީ ތެލާއި ޤުދުރަތީ ގޭސް ނަގައި އޭގެ ވިޔަފާރި ކުރާ ކުންފުނިތަކެވެ.

އިޤްތިޞާދީ ގޮތުން ބަލާއިރު، ތެލަކީ ޤައުމަކަށް ލިބޭނޭ އެންމެ ބޮޑު އެއް ޤުދުރަތީ ހަދިޔާއެވެ. ގަލްފުގެ ޤައުމުތަކަށް ބެލިޔަސް، ބްރޫނާއީ ފަދަ ޤައުމުތަކަށް ބެލިޔަސް އެކަން ފެނިގެން ދެއެވެ. މި ޤައުމުތަކަކީ ޤުދުރަތީ އެހެނިހެން ވަސީލަތްތަކުގެ ފުނިވަރެއް ނެތި، އެހެނިހެން ސިނާއަތްތައް ދުނިޔޭގެ ނިސްބަތުގައި ވާދަ ކުރެވޭ ވަރާ ގާތް ވެސް ނުވާއިރު، ހަމައެކަނި ތެލާއި ޤުދުރަތީ ގޭހުގެ އެހީގައި ދުނިޔޭގެ މުއްސަނދި ޤައުމުތަކުގެ ލިސްޓަށް އަރާފައި ވާ ޤައުމުތަކެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއާ ދާދި އެއްވަރެއްގެ އާބާދީއެއް އޮންނަ ބްރޫނާއީގެ ޖީޑީޕީން ބޮލަކަށް ޖެހޭ މިންވަރު 50000 ޔޫއެސް ޑޮލަރަށް ވުރެ މަތީގައި ހުރި އިރު، އެ ޤައުމުގެ އާމްދަނީގެ ބޮޑު ބަޔަކީ ތެލާއި ޤުދުރަތީ ގޭހުން ލިބޭ އާމްދަނީއެވެ.

ތެޔޮ ހުސްވެދާނެތަ؟
ދުނިޔޭގެ ބިމުން ތެޔޮ ނަގާ ގޮތާއި، ތެޔޮ ހުސްވާނޭ ގޮތް ދައްކުވައިދިނުމަށް ޓަކައި، ސައިންސްވެރީން ޑައިގުރާމެއް ކުރަހައެވެ. އެ ޑައިގުރާމުގައި ހުންނަނީ މައްޗަށް އަރައިފައި ވަކި ނުކުތާއަކާ ހަމައިން ގޮނިވެގެން ތިރިޔަށް ފައިބާ ރޮނގެކެވެ. މި ދެންނެވި ގޮނިރޮނގުގެ ގޮނިކަނަކީ ސައިންސްވެރީންގެ ބަހުރުވައިން ނަމަ "އޮއިލް ޕީކް" ނުކުތާއެވެ. މި ޢިބާރާތް ދިވެހި ބަހަށް ތަރުޖަމާ ކޮށްފައި "ތެޔޮ ކުންނު" މިހެން ބުނެވިދާނެއެވެ. ކުރިޔަށް އޮތް ފަސް އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތުގެ ތެރޭގައި، އަވަހަށް ނުވަތަ ލަހުން ވިޔަސް، ތެޔޮ ކުންނު އަންނާނޭ ކަމާމެދު ސައިންސްވެރީން އެއްބަސްވެއެވެ. އެމެރިކާގެ ބޮސްޓަން ޔުނިވަރުސިޓީގެ އިޤްތިޞާދީ މާހިރެއް ކަމަށްވާ ރޮބަރޓް ކޭ. ކައުފްމަން ވިދާޅުވާ ގޮތުގައި "އަހަރެމެން ދުނިޔޭގައި ތިއްބައި، ތެޔޮ ކުންނު ލައިގަންނާނެއެވެ. އެއަށްފަހު ދެން އަހަރެމެންނަށް ޖެހޭނީ އަގުހެޔޮ ތެލަށް އަލްވަދާޢު ކިޔާށެވެ."

ސިނާއީ ފެންވަރުގައި ދުނިޔޭގެ ބިމުން ރޯތެޔޮ ނަގާން ފެށީ 1800 އިގެ އަހަރުތަކުގެ، ނުވަތަ ނަވާރަވަނަ ޤަރުނުގެ މެދުތެރޭގައެވެ. އޭގެފަހުން މިއަދާ ހަމަޔަށް ދުނިޔޭގެ ބިމުން 150 ބިލިއަން ޓަނުގެ ރޯތެޔޮ ނެގިފައި ވެއެވެ. ރޯތެޔޮ ނެގުމަށް ޓަކައި ދުނިޔޭގައި މިހާރު އާއްމުކޮށް ބޭނުންކުރާ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން، ތެޔޮ ނެގޭނޭ ތެޔޮދަނޑުތަކުގައި ބާކީ ހުރިކަމަށް ވަނީ ގާތްގަނޑަކަށް 157 ބިލިއަން ޓަނުގެ ރޯތެލެވެ. ސައިންސްވެރީން ވިދާޅުވާ ގޮތުގައި މި 157 ބިލިއަން ޓަނު، ކުރިޔަށް އޮތްތިރީހަކަށް އަހަރުގެ ތެރޭގައި ހުސްވެދާނެއެވެ.

ނަމަވެސް، ތެޔޮ ކުންނު އައިސް، މިހާރުގެ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ރޯތެޔޮ ނަގާ ތެޔޮދަނޑުތައް ހުސްވުމުގެ މާނައަކީ، ދުނިޔޭގައި ހުރި ތެޔޮ ހުސްވުމެއް ނޫނެވެ. ދުނިޔޭގެ ހިކިފަސް ބިމާއި ކަނޑުއަޑީގެ ބިމުގެ ބޭރު ފަށަލައިގެ އެކި ހިސާބުތަކުގައި ރޯތެޔޮ ހުރީ ކިހައި މިންވަރަކަށް ކަން ކަނޑައެޅިގެން ބުނާކަށް ސައިންސްވެރީންނަކަށް ނޭނގެއެވެ. ދުނިޔޭގެ ބިމުގައި ޤުދުރަތުން ލައްވައިފައި ހުރި ތެލުގެ ޚަޒާނާގެ ޙަޤީޤީ މިންވަރެއް އިންސާނާއަކަށް ނޭނގެއެވެ. އެ ޚަޒާނާގެ ހުރިހާ ދޮރުތަކެއް އަދި ހުޅުވިފައެއް ވެސް ނުވެއެވެ. އެ ޚަޒާނާގެ އަޑީގެ ވަތްގަނޑުތަކާ ހަމަޔަށް ވާސިލުވެ، އެ ހިސާބުގައި ހުރި ބައި ނެގުމުގެ ސައިންސީ ކުޅަދާނަ ކަމެއް ވެސް އިންސާނާއަށް އަދި ލިބިފައެއް ނުވެއެވެ.

ޤުދުރަތުން ދުނިޔޭގައި ލެއްވެވި މާއްދީ ކޮންމެ ނިޢުމަތަކީ ވެސް ނެތިފަނާ ވާނެ އެއްޗެކެވެ. ހުސްވާނެ އެއްޗެކެވެ. އެހެންކަމުން، ތެޔޮ ވެސް ކޮންމެވެސް އެއް ދުވަހަކުން ހުސްވާނެ އެވެ. އެކަމާ މެދަކު ޝައްކެއް ނެތެވެ. ނަމަވެސް ސައިންސް ޔަޤީންކޮށްދޭ ކަމަކީ، މިހާރު ދުނިޔޭގައި ޢާއްމުކޮށް ބޭނުންކުރާ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ތެޔޮ ނަގާ ތެޔޮދަނޑުތަކުގެ އިތުރުން، ތެލުގެ ބޮޑެތި ރިޒާވްތަކެއް ދުނިޔޭގެ ބިމުގައި ވާކަމެވެ. މީގެ ބޮޑު ބައެއް އޮތީ ދުނިޔޭގެ މާކަނޑުތަކުގެ ބިމުއަޑީގައި ކަމަށް ވެސް ސައިންސްވެރީން ބުނެއެވެ. އެހެންކަމުން ދުނިޔޭގެ ތެލުގެ މުސްތަޤުބަލު ގުޅިފައި ވަނީ ދުނިޔޭގެ ކަނޑުތަކާ ކަމަށް ބުނެވިދާނެއެވެ.

ކަނޑުން ތެޔޮ ނެގުން
ދާދި ފަހަކާ ޖެހެންދެން، ދުނިޔޭގެ ޖިއޮލޮޖިސްޓުން ޤަބޫލު ކޮށްގެން ތިބީ މާކަނޑުތަކުގެ ބިމުގެ ބަނޑުތެރޭގައި ތެލެއް ނުހުންނާނެ ކަމަށެވެ. އެއިރު ބެލެވުނު ގޮތުގައި ދުނިޔޭގައި ހުރި ތެލަކީ މީގެ 65 މިލިއަން އަހަރު ކުރީން ދުނިޔޭގައި އުޅުނު ޑައިނަސޯރޭ ކިޔާ މާ ޖަނަވާރުތަކެއްގެ ވީރާނާއިން އުފެދުނު އެއްޗެކެވެ. މިއީ ޙަޤީޤަތެއް ނަމަ، ތެޔޮ ހުރީހީ އެސޮރުމެން ދިރިއުޅުނު ހިކިފަސް ސަރަހައްދުތަކުގަ އެވެ. ނަމަވެސް މިހާރުގެ ހޯދުންތަކުން އެނގޭ ގޮތުގައި ރޯތެލާއި ޤުދުރަތީ ގޭހުގެ އަޞްލަކީ ޑައިނަސޯރެއް ނޫނެވެ. ކަނޑުގެ ދިރުމެވެ. 1980 އިގެ އަހަރުތަކުން ފެށިގެން މިއަދާ ހަމަޔަށް ތެލުގެ ސިނާއަތާ ގުޅޭގޮތުން ކުރެވިފައިވާ ޖިއޮލޮޖިކަލް ދިރާސާތަކުން ދައްކާ ގޮތުގައި، ދުނިޔޭގެ ރޯތެލާއި ގޭހުގެ ރިޒާވްގެ ބޮޑު ބައެއް ހުރީ މާކަނޑުތަކުގެ އަޑީގެ ބިމުގަ އެވެ. މިހާރު އެ ސަރަޙައްދުތަކުން ތެޔޮ ނެގޭ ހިކިފަސް ތަންތަނަކީ ވެސް މީގެ އެތައް މިލިއަން އަހަރެއްގެ ކުރީން ކަނޑުގެ ގޮތުގައި އޮތް ތަންތަނެވެ. އޭގެ އެންމެ ރަނގަޅު މިސާލަކީ ސަޢޫދީ ޢަރަބިއްޔާގެ އިރުމަތީ ސަހަރާއެވެ.

ކަނޑުގެ އަޑީގެ ބިމުން ތެޔޮ ނެގުމަކީ މިހާރުވެސް އެކަށީގެންވާ މިންވަރަކަށް ކުރާ ކަމެކެވެ. 2007 ވަނަ އަހަރު ދުނިޔޭގައި ނެގުނު ތެލުގެ 37 އިންސައްތަ ނެގުނީ ހިކިފަސް ތަންތަނާ ކައިރީގައި، ކަނޑުގެ އަޑީގެ ބިމުގައި ހުރި ރިޒާވްތަކުންނެވެ. މި ޢަދަދު އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. ޔޫރަޕުގެ އުތުރު ކަނޑާއި، އެމެރިކާގެ އިރުދެކުނު އައްސޭރިއާ ދިމާއިން އޮންނަ "ގަލްފް އޮފް މެކްސިކޯ" ކަނޑާއި، "އެޓްލާންޓިކް" ކަނޑުގެ ބްރެޒިލާ ވީ ފަރާތު އައްސޭރި ސަރަހައްދާއި ހުޅަނގު އެފްރިކާ އާ ވީ ފަރާތު އައްސޭރި ސަރަހައްދާއި، ޢަރަބި ފާރިސީ ގަލްފުގެ ކަނޑާއި، ދެކުނުއިރުމަތީ އޭޝިއާގެ ކަނޑުގެ ބައެއް ސަރަޙައްދު ތަކަކީ އެތަންތަނުގައި ތެޔޮދަނޑުތައް ތަރައްޤީ ކުރެވިފައިވާ، އަދި އެތަންތަނުން އެކި މިންވަރަށް ތެޔޮ ނަގަމުންދާ ތަންތަނެވެ. މިހާރު ދުނިޔޭގެ ކަނޑުތަކުގައި، 500 މީޓަރު ފުންމިނުގެ ސަރަޙައްދުތަކުން ތެޔޮ ނަގާ 157 ތެޔޮ ދަނޑު އެބައޮތެވެ. 2000 ވަނަ އަހަރު މި ޢަދަދު އޮތީ 44 ދަނޑެވެ. މީގެ 91 އިންސައްތަ ހުރީ ގަލްފް އޮފް މެކްސިކޯ ސަރަޙައްދާއި، ބްރެޒިލްގެ އައްސޭރި ސަރަހައްދާއި، ހުޅަނގު އެފްރިކާގެ އައްސޭރި ސަރަހައްދުގަ އެވެ.

ކަނޑުއަޑީގެ ބިމުގައި ތެޔޮދަނޑު ތަކާއި ތެޔޮވަޅުތައް ތަރައްޤީ ކުރެވިފައި ވަނީ ޢާއްމު ގޮތެއްގައި 150 މީޓަރު ފުންމިނުގެ، ނުވަތަ އެއަށްވުރެ ތިލަ ސަރަޙައްދުތަކުގަ އެވެ. ނަމަވެސް ކަނޑުއަޑީގައި ހުރި ތެލުގެ ބޮޑު ބަޔަކީ މިއަށްވުރެ އެތައް ގުނައެއް ފުން ސަރަޙައްދުތަކުގައި ހުރި ރިޒާވްތަކެވެ. އެތަންތަނުން ތެޔޮ ނެގުމަށް ޓަކައި ބިނާ ކުރާން ޖެހޭ ތަންތަނާއި ވަސީލަތްތައް ޤާއިމުކޮށް، އެތަންތަނުން ތެޔޮ ނެގުމަކީ ހިކިފަސްބިމުން، ނުވަތަ ކަނޑުތަކުގެ ތިލަ ސަރަޙައްދުތަކުން ތެޔޮ ހޯދައި ނެގުމާ އަޅާބަލާއިރު، ވަރަށް އުނދަގޫ، ހިރާސީ، އަދި އެހައިމެ ޚަރަދު ބޮޑު ކަމެކެވެ. މިހާރުގެ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ތެޔޮ ނަގާ ތެޔޮދަނޑުތައް ހުސްވުމުން ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ މިއެވެ.

މިހެން ދަންނަވާއިރު ވެސް، ވަރަށް ފުން ސަރަހައްދުތަކުގައި ވެސް ތެޔޮވަޅުތައް ތަރައްޤީ ކުރެވިފައިވާކަން ފާހަގަ ކޮށްލާން ޖެހެއެވެ. އެގޮތުން، ގަލްފް އޮފް މެކްސިކޯ ކަނޑުގައި، "ޝެލް" ކުންފުނީން 9300 ފޫޓުގެ ފުންމިނުގައި ކޮނެފައި ހުރި ތެޔޮވަޅެއް މިހާރު އެބަހުއްޓެވެ. ނަމަވެސް މިހައި ފުނުގައި ތެޔޮވަޅު ތަރައްޤީ ކުރުމަކީ ވަރަށް މަދުން ނޫނީ ކުރެވިފައި ނެތް ކަމެކެވެ. ދުނިޔޭގެ އެންމެ މުއްސަނދި ތެޔޮ ކުންފުނިތަކުން އެފަދަ ތިންހަތަރު ވަޅެއް ކޮނެފައި ވަނީ، އެ ވަޅުތަކުން ލިބޭނޭ ތެލުގެ ޢަދަދާއި އެފަދަ އެހެނިހެން ބަހާތަކާ މެދު ވަރަށް ބޮޑު އިތުބާރަކާއި ޔަޤީންކަމެއް އޮންނަ ޙާލަތު ތަކުގަ އެވެ. އާދަޔާޚިލާފަށް އަގުބޮޑު އިންވެސްޓްމަންޓްތަކެއް ކޮށްގެން، އާދަޔާޚިލާފަށް ކުރިއަރާފައިވާ ޓެކްނޮލޮޖީގެ ބޭނުން ކޮށްގެންނެވެ.

"ބްރިޓިޝް ޕެޓްރޯލިއަމް" ގެ ފަރާތުން 2003 ވަނަ އަހަރު "ޑިސްކަވަރަރ އެންޓަރޕްރައިޒް" ކިޔާ ތެޔޮދަނޑު ތަރައްޤީ ކުރާ އުޅަނދެއް ބޭނުންކޮށްގެން، ގަލްފް އޮފް މެކްސިކޯ ކަނޑުގެ ތަޅުމުގައި އައު ތެޔޮވަޅެއް ބިނާކުރުމުގެ މަސައްކަތް ކުރިއެވެ. އެ އުޅަނދަށް 17000 ފޫޓު ކޮނެވުނީ ދެމަސް ދުވަހުގެ މަސައްކަތުންނެވެ. ތެޔޮ ހުރި ހިސާބަށް ވާސިލު ވުމަށް ޓަކައި އިތުރު 2000 ފޫޓު ކޮންނާން ޖެހެއެވެ. އެހިސާބުން އެނގުނީ އިތުރަށް ކޮނެވޭން ނެތް ކަމެވެ. އިތުރަށް ކޮނެފި ނަމަ ރޯތެޔޮ ލީކުވެ، ގަލްފް އޮފް މެކްސިކޯގެ ކަނޑަށް ގިނަ ޢަދަދެއްގެ ރޯތެޔޮ ބޭރުވެދާނޭ ކަމެވެ. އެހިސާބުން އެ ވަޅުގެ މަސައްކަތް ޖެހުނީ ހުއްޓާލާށެވެ. އެތައް ސަތޭކަ މިލިއަން ޑޮލަރެއް ބޭކާރުވީއެވެ. މިއީ ކަނޑުގެ ތަޅުމުގައި ތެޔޮދަނޑުތައް ތަރައްޤީ ކުރުމުގެ މަސައްކަތުގެ ވިޔަފާރީގެ ހިރާހާއި، މަސައްކަތުގެ އުނދަގޫކަން ދައްކުވައިދޭ މިސާލެކެވެ.

މާކަނޑުގެ ފުން ސަރަޙައްދުތަކުގެ ބިމުން ތެޔޮ ނަގާން ބަލާއިރު، ދިމާވާ އެންމެ ބޮޑު މައްސަލައަކީ އިސްވެ ދެންނެވިފައި ވާނޭ ފަދައިން މިހާރު ޢާއްމުކޮށް ބޭނުންކުރާ ޓެކްނޮލޮޖީން އެކަން ކުރުމަށް ޓަކައި ހިނގާ ޚަރަދުގެ ބޮޑުކަމެވެ. ޢާއްމު ޓެކްނޮލޮޖީގެ އެހީގައި އެކަން ކުރާ ނަމަ، ތެޔޮ ފީފާއެއްގެ އަގު ދުއިސައްތަ ނުވަތަ ތިންހަތަރު ސަތޭކަ ޑޮލަރަށް ވުރެ މައްޗަށް އަރައިގެން ދިޔުމުގެ އިހުތިމާލު އެބައޮތެވެ. އެހެންކަމުން ކުރިމަގުގައި ކަނޑުތަކުގެ އަޑީގެ ބިމުން ވިޔަފާރި އުޞޫލުން ތެޔޮ ނަގާ ނަމަ، ތެލުގެ އަގު އަތްނުފޯރާ ހިސާބަށް ނުދާނޭ ގޮތަކަށް އެކަން ކުރެވޭނޭ ގޮތްތަކެއް އީޖާދުކުރާން ޖެހެއެވެ.

ތެޔޮ ނެގުމުގެ ޚަރަދު
ދެން އޮތީ ތެޔޮ ނެގުމަށް ކުރާން ޖެހޭ ޚަރަދުގެ ވާހަކައެވެ.
ބިމުގެ އަޑީގައި ހުންނަ ތެޔޮ ނެގުމަށް ހިނގާ ޚަރަދު ވަނީ ތަފާތު ބަހާތަކަކާ ގުޅިފައެވެ. ތެޔޮދަނޑުގެ ކުޑަބޮޑުމިނާއި، ތެޔޮދަނޑު އޮންނަ ފުންމިނާއި، ތެލުގެ ފަށަލަތަކުގެ މަތީގައި އޮންނަ ހިލަދާނުގެ ބޯމިނާއި، އެ ހިލަދާނުގައި ހުންނަ ހިލަތަކުގެ ބާވަތް ފަދަ ބަހާތަކެވެ.

ތެޔޮ އުފެއްދުމުގެ އަގާ ބެހޭގޮތުން ސައްތައިން ސައްތަ އިތުބާރު ކުރެވޭ މަޢުލޫމާތު ލިބޭކަށް ނުހުރެއެވެ. އޭގެ ސަބަބަކީ ތެޔޮ އުފެއްދުމުގެ ޚަރަދާ ބެހޭގޮތުން ތަފްޞީލީ މަޢުލޫމާތު ހާމަނުކުރުމުގެ އުޞޫލެއް ދުނިޔޭގެ ބޮޑެތި ތެޔޮ ކުންފުނިތަކުން ގެންގުޅުމެވެ. ނަމަވެސް ދިރާސާ ކުރާ ފަރާތްތަކުން އެކިއެކި ގޮތްގޮތުން ބަލައި، ވަލުދޮރާށި ތަކުން ވަދެ މަޢުލޫމާތު ހޯދައިގެން ތެޔޮ އުފެއްދުމުގެ ޚަރަދުތަކާ ބެހޭ މަޢުލޫމާތު ހާމަކޮށްފައި ހުރެއެވެ. މަޝްހޫރު "ރޮއިޓަރޒް ނިއުސް އޭޖެންސީ" އިން "އިންޓަރނޭޝަނަލް އެނަރޖީ އޭޖެންސީއާ ޙަވާލާދީ ބުނެފައިވާ ގޮތުގައި، ދުނިޔޭގައި އެންމެ އަގުހެޔޮކޮށް ތެޔޮ ނަގާ ޤައުމަކީ ސަޢޫދީ ޢަރަބިޔާއެވެ.

"ރޮއިޓަރޒް" ގެ ހިސާބުތަކަށް ބަލާއިރު، ސަޢޫދީ ޢަރަބިޔާގައި ރޯތެލުގެ ފީފާއެއް އުފެއްދުމުގެ އަގު އުޅެނީ 4 ޑޮލަރާއި 6 ޑޮލަރާ ދެމެދުގައެވެ. ސަޢޫދީ ޢަރަބިޔާގައި ތެޔޮ އުފެއްދުމުގެ އަގު މިހާ ކުޑައީ އެ ޤައުމުގެ ތެޔޮދަނޑުތަކުގެ ބޮޑުކަމާއި، ތެޔޮދަނޑުތައް ހުންނަ ހިސާބު އެހެން ތަންތަނަށް ވުރެ ތިލަވުމެވެ. ސަޢޫދީ ޢަރަބިޔާއަށް ފަހު، އެންމެ އަގުހެޔޮކޮށް ތެޔޮ އުފައްދާ ޤައުމަކީ ޢިރާޤެވެ. ޢިރާޤުގައި ވެސް ތެޔޮފީފާއެއް އުފެއްދުމުގެ އަގަކީ ގިނަވެގެން 6 ޑޮލަރެވެ. އަލްޖީރިއާ، އިރާން، ލީބިޔާ، ޢުމާން އަދި ޤަޠަރު މި ޤައުމުތަކުގައި ރޯތެޔޮ ފީފާއެއް އުފެއްދުމުގެ އަގަކީ 10 ޑޮލަރާއި 15 ޑޮލަރާ ދެމެދުގެ ޢަދަދެކެވެ. ނައިޖީރިއާގައި ރޯތެޔޮ ފީފާއެއް އުފެއްދުމަށް ޓަކައި 15 ޑޮލަރު ޚަރަދު ކުރާން ޖެހެއެވެ. ވެނެޒުއެލާގައި ރޯތެޔޮ ފީފާއެއް އުފައްދަނީ ގާތްގަނޑަކަށް 20 ޑޮލަރު ޚަރަދުކޮށްގެންނެވެ.

މި ދެންނެވީ ހިކިފަސް ބިމުގެ ސަރަހައްދުތަކުގައި ހުރި ތެޔޮދަނޑުތަކުން ތެޔޮ ނެގުމަށް ކުރާން ޖެހޭ ޚަރަދުގެ ވާހަކައެވެ. އުތުރު ކަނޑާއި އެޓްލާންޓިކް ކަނޑު ފަދަ ކަނޑުތަކުގައި ހުރި ތެޔޮދަނޑުތަކުން ރޯތެޔޮ ފީފާއެއް އުފެއްދުމުގެ އަގު އުޅެނީ 32 ޑޮލަރާއި 65 ޑޮލަރާ ދެމެދުގައެވެ.

ރާއްޖެއިން ތެޔޮ ނެގުން
ކުރީންވެސް ދެންނެވިފައި ވާނޭ ފަދައިން، ދުނިޔޭގެ ތެލާއި ޤުދުރަތީ ގޭހުގެ މުސްތަގުބަލް އޮތީ ދުނިޔޭގެ މާކަނޑުތަކުގެ ބިމުއަޑީގައެވެ. އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑާއި އިންޑިއާ ކަނޑުގައި ތެލާއި ޤުދުރަތީ ގޭހުގެ ބޮޑެތި ރިޒާވްތަކެއް ހުންނާނޭކަން ސައިންސްވެރީން ޔަޤީން ކޮށްދެއެވެ. ނަމަވެސް މިއިން ކޮންމެ ރިޒާވަކުން ތެލާއި ޤުދުރަތީ ގޭސް ނެގުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ތެޔޮދަނޑެއް ބިނާކުރެވިދާނީ ކޮން ތަނެއްގައިތޯ މި ސުވާލަކީ ޖިއޮލޮޖިސްޓުން ކުރާ ގިނަ ދިރާސާތަކަކުން މެނުވީ ޖަވާބު ނުލިބޭނޭ ސުވާލު ތަކެވެ.

އިންޑިއާ ކަނޑުގެ ސަރަޙައްދުތަކުގެ ތެރެއިން، ގިނަ ޢަދަދަކަށް ތެޔޮ ހުރި އެއް ސަރަޙައްދަކީ ދެކުނު އިރުމަތީ އޭޝިއާގެ ތައިލޭންޑާއި ވިއެޓްނާމާއި ބަރުމާ ފަދަ ޤައުމުތަކާ ދިމާއިން އައްސޭރި ސަރަހައްދެވެ. ދިވެހިރާއްޖޭގައި ތެޔޮ ހުރިތޯ އެކަށީގެންވާ ފަދަ ގޮތަކަށް ދިރާސާ ކުރެވިފައި އޮތް ކަމަކަށް ވެސް ނުފެނެ އެވެ. ތަންކޮޅެއް ކުރީން ދެ ފަހަރަކު ދިރާސާ ކުރެވުނު ކަމަށް ވެއެވެ. ނަމަވެސް އެ ދިރާސާތައް ކުރެވިފައި ވަނީ އެންމެ އެކަށީގެންވާ ގޮތަށްކަން ޔަޤީނެއް ނޫނެވެ. ހަމައެހެންމެ، ތެލުގެ ރިޒާވްތައް ހޯދުމަށް ޓަކައި ޓެސްޓު ކުރުމުގެ ފަންނު މިހާރު ވަނީ އެއިރާ އަޅާބަލާއިރު އެތައް ގުނައެއް ކުރިއަރައިފަ އެވެ. އެހެންކަމުން އަލުން ތަޙުލީލުތަކެއް ކުރުމަކީ ކުރުން ރަނގަޅު ކަމެއް ކަމަށް އަޅުގަނޑަށް ޤަބޫލު ކުރެވެއެވެ. އިތުރު ތަޙުލީލުތަކެއް ކުރެވިގެން ނޫނީ، ދިވެހިރާއްޖޭގެ ސަރަޙައްދުން ތެޔޮ ފެނިދާނެތޯ ނުވަތަ ނޫންތޯ މި ސުވާލަށް ޖަވާބު ދިނުމަކީ ކުރެވިދާނޭ ކަމެއް ނޫނެވެ.

ތެޔޮ އުފެދޭ ގޮތަށް ބަލާއިރު، ދިވެހިރާއްޖޭގެ ކަނޑުގެ އަޑީގެ ބިމުގައި ތެޔޮ ހުރުމުގެ އެކަށޭނަކަން އެބައޮތެވެ. ދެން އޮތް ސުވާލަކީ ދިވެހިރާއްޖޭގެ ކަނޑުގެ އަޑީގައި ހުރިނަމަ ހުރި ތެޔޮދަނޑުތަކެއްގެ ކުޑަބޮޑުމިނާއި، އެ ތެޔޮދަނޑުތަކުގެ މަތީގައި ހުރި ހިލައިގެ ފަށަލަތައް ހުރި ގޮތަށް ބަލާއިރު، އިޤްތިޞާދީ ގޮތުން ފައިދާ ހުރި ގޮތެއްގައި ތެޔޮ ނެގިދާނެތޯ މި ސުވާލެވެ. މި ސުވާލަށް ވެސް ޖަވާބު ދެވޭނީ ސައިންސުގެ އެހީގައި، މިހާރު ކުރެވިފައިވާ ވަރަށް ވުރެ ބޮޑަށް، އިތުރު ތަޙްލީލުތަކެއް ކޮށްގެން ކަމަށް އަޅުގަނޑަށް ފެނެއެވެ.

1967 ވަނަ އަހަރު، ނެޝަނަލް ޖިއޮގްރަފިކް ޗެނަލުން ތައްޔާރު ކުރި، އިންޑިއާ ކަނޑުގެ ތަޅުމުގެ ޗާޓަކުން އެނގޭ ގޮތުގައި ދެކުނުއިރުމަތީ އޭޝިއާގެ ތެޔޮ ނަގާ ސަރަހައްދުތަކާ ދިވެހިރާއްޖޭގެ ކަނޑުއަޑީގެ ބިމުގެ ޖިއޮލޮޖީ ތަފާތެވެ. ނަމަވެސް، އަވަށްޓެރި އިންޑިއާގެ ވެރިކަމުގެ ދަށުގައި އޮންނަ އަންޒަމާނާއި ނައްކަވާރު ޖަޒީރާތަކުގެ ސަރަޙައްދުގެ ކަނޑުއަޑީގެ ބިމުގެ ޖިއޮލޮޖީ އޮންނަނީ ދިވެހިރާއްޖެއާ ދާދި އެއްކަހަލަ ގޮތަކަށެވެ. އިންޑިއާ ސަރުކާރުން މިހާރުވެސް ގެންދަނީ "އޮއިލް އެންޑް ނެޗުރަލް ގޭސް ކޮމިޝަން" ގެ ނަމުގައި ޚާއްސަ މަރުކަޒެއް ޤާއިމުކޮށް، އަންޒަމާނާއި ނައްކަވާރުން ތެލާއި ޤުދުރަތީ ގޭސް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ދިވެހިރާއްޖޭގައި ވެސް މިފަދަ މަސައްކަތްތަކެއް ނުކުރާންވީ ސަބަބެއް ނެތެވެ.

ވިސްނާލަން ޖެހޭ ނުކުތާތައް
ދިވެހިރާއްޖޭގައި ތެލުގެ ސިނާއަތެއް ބިނާ ކުރުމުގެ ވާހަކަ ދައްކާން ފަށާއިރު، އެ ފަދަ ސިނާއަތެއްގެ ސަބަބުން ޤައުމަށް ލިބޭނޭ ފައިދާތަކުގެ އިތުރުން، އެއިން ނުކުމެދާނޭ މައްސަލަތަކަކާ މެދުވެސް ވިސްނާން ޖެހެއެވެ.
އެގޮތުން އެންމެ ފުރަތަމަ ވެސް ވިސްނާން ޖެހެނީ ރާއްޖޭގައި ފެތުރި މޫލައިފައި އޮތް ކޮރަޕްޝަނާ މެދުގައެވެ. އެފްރިކާގެ ޤައުމެއް ކަމަށްވާ ނައިޖީރިއާގެ ތަޖުރިބާއަށް ބަލައިލަމާތޯއެވެ! ނައިޖީރިއާއިން ސިނާއީ ފެންވަރުގައި ތެޔޮ ނަގަން ފެށިތާ މިހާރު ތިން ދަހަ ފާއިތުވެގެން ހިނގައްޖެއެވެ. މި ހިނގަނީ ހަތަރުވަނަ ދަހައެވެ. މި މުއްދަތުގެ ތެރޭގައި ޤައުމުގެ ފަޤީރުންގެ ފަޤީރުކަމުގެ ނިސްބަތް ތިން ގުނަ އިތުރުވެ، ޤައުމުގެ ފަޤީރުންގެ ނިސްބަތް 66 އިންސައްތައަށް ވަނީ އަރައިފައެވެ. ތެލުން ލިބުނު އާމްދަނީ ރައްޔިތުންގެ ޖީބަށް ދިޔުމުގެ ބަދަލުގައި ދަނީ ދައުލަތުގެ އިސް ބާރުވެރީންނާއި މުއްސަނދި ރައުސުލްމާލީންގެ ޖީބުތަކަށާއި، އެމީހުން ޤައުމުން ބޭރުގެ ބޭންކު ތަކުގައި ހުޅުވައިފައި ހުންނަ ބޭންކް އެކައުންޓްތަކަށެވެ. ދިވެހިރާއްޖެއިން ތެޔޮ ފެނި، އެ ތެޔޮ ސިނާއީ ފެންވަރުގައި އުފައްދާން ފަށައިފި ނަމަ، ކަންތައް ދާނީ މިކަހަލަ ގޮތަކަށް ނޫން ބާވައެވެ! އެހެން ކަންތައްތައް ދާނެ ނަމަ، ބިލިއަން ޑޮލަރު ޚަރަދުކޮށްގެން ތެޔޮ ނެގޭތޯ އުޅުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެމެވެ.

ތެލުގެ ސިނާއަތެއް ބިނާ ކުރުމުގެ ވާހަކަ ދައްކާ ނަމަ، އެ ސިނާއަތާ ގުޅިފައިވާ ތިމާވެށީގެ ހިރާސްތަކާ މެދުވެސް ވިސްނައިލާން ޖެހެއެވެ.

މި ރޮނގުން ވިސްނާއިރު، ދިމާވެދާނޭ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ "އޮއިލް ސްޕިލް" ނުވަތަ ކަނޑަށް ނުވަތަ ބިމަށް ތެޔޮ ލީކުވުމެވެ. ރާއްޖޭގައި ތެޔޮ ނަގާ ވާހަކަ މި ދައްކަނީ ކަނޑުންނެވެ. މިކަން ކުރުމަށް ޓަކައި ކަނޑުގައި ތެޔޮވަޅުތަކެއް ހަދައި، ތެޔޮނަގާ ތަންތަން ބިނާކޮށްގެން މަސައްކަތް ކުރަމުން ދަނިކޮށް، އެއިން ތަނަކުން ތެޔޮ ލީކު ވެއްޖެ ނަމަ، އޭގެ ސަބަބުން ޙަޤީޤަތުގައި ވެސް އެތައް ސަތޭކަ މިލިއަން ޑޮލަރަކުން މިނާން ޖެހޭ ފަދަ އިޤްތިޞާދީ ގެއްލުންތަކެއް ލިބިދާނެ އެވެ. ތެލަކީ ކަނޑަށް ލީކު ވެއްޖެ ނަމަ ނުހަނު އަވަހަށް ފެތުރިގެންދާ އެއްޗެކެވެ. މަސްމަހާމެއްސާއި ދޫނިސޫފާސޫތްޕާއި ދެންވެސް ކަނޑުގެ ދިރުންތައް އެސްފިޔަ ޖަހާލާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މަރާލާ އެއްޗެކެވެ. މިގޮތުން ތެޔޮ ލީކު ވުމުން، އެ ތެޔޮ ސާފު ކޮށް ނިންމުމަށް ޓަކައި ބައެއްފަހަރު ވިހި ތިރީހަކަށް އަހަރު ވެސް ނަގާފައި އެބަހުއްޓެވެ. އަނެއްކާ، މިގޮތަށް ތެޔޮ ލީކުވުމަކީ ޢާއްމު ނޫން ކަމެއް ވެސް ނޫނެވެ. މިހާރުވެސް ދުނިޔޭގައި އަހަރަކު ތެޔޮ ލީކުވުމުގެ 300 އާއި 500 އާ ދެމެދުގެ ހާދިސާ ހިނގައެވެ.

އެހެންކަމާއެކު ވެސް، ތެލާއި ޤުދުރަތީ ގޭސް ރާއްޖޭގައި ހުރިނަމަ، އޭގެ ފައިދާ ހޯދައިގަތުން ފިޔަވައި އެހެން ގޮތެއް ދިވެހީންނަށް އޮންނާނޭ ކަމަކަށް ނުފެނެއެވެ. އެހެނީ ދިވެހިރާއްޖެއަކީ ޤުދުރަތީ މާކަގިނަ ވަސީލަތްތަކެއް ހުރި ތަނެއް ނޫނެވެ. އެކި ބާވަތް ބާވަތުގެ މަޢުދަން ފަދަ ތަކެތި ހުރި ތަނެއް ނޫނެވެ. ފުޅާ ދާއިރާއެއްގައި، ޤައުމުން ބޭރަށް ވިއްކޭ ވަރަށް ދަނޑުވެރިކަމުގެ އެއްވެސް އުފެއްދުމެއް އުފެއްދޭނޭ ތަނެއް ނޫނެވެ. އެހެންކަމުން، ދިވެހިރާއްޖޭގެ ބިޔަ ކަނޑުގެ ސަރަޙައްދުގެ އަޑީގައި "ކަޅުރަން" އަދި ޤުދުރަތީ ގޭސް ހުރި ނަމަ، އޭގެ އިޤްތިޞާދީ ފައިދާ ނުހޯދުމަކީ މޮޔަކަމެއް ކަމަށް ބުނެވިދާނެއެވެ.

ތެލުގެ ސިނާއަތާ ގުޅިފައިވާ ހިރާސްތަކުގެ ވާހަކަ ދައްކާ ނަމަ، އަޅުގަނޑު ދަންނަވާނީ އެއްވެސް ސިނާއަތަކީ ހިރާސްތަކެއް ނެތް، އަނދިރި ފަރާތެއް ނެތް ސިނާއަތެއް ނޫން ކަމަށެވެ. ދިވެހީން ވަރަށް ދުރުވިސްނުމެއް ނެތް ގޮތެއްގައި އެ ސިނާއަތަކަށް މުޅީން ބަރޯސާ ވެގެން މިތިބަ ފަތުރުވެރިކަމުގެ ސިނާއަތް މިސާލަކަށް ނަންގަވާށެވެ. ފަތުރުވެރިކަމުގެ ސިނާއަތަކީ ޔޫރަޕުގެ ޤައުމުތަކުގެ ސިޔާސަތާއި، އެ ޤައުމުތަކުގެ އިޤްތިޞާދީ ޙާލަތަށް މުޅީން ބިނާވެފައި އޮންނަ ސިނާއަތެކެވެ. މާދަމާ ވެސް ދިމާވާ އާދައިގެ ސަބަބަކާ ހުރެ، ޔޫރަޕުން ރާއްޖެއަށް ފަތުރުވެރީން އައުން ހުއްޓިދާނެ އެވެ. މި ނުކުތާއަށް ވިސްނައިލުމުން، ފަތުރުވެރިކަމުގެ ސިނާއަތަކީ ދުވަހަކުވެސް، ދިވެހީންނަށް އެ ސިނާއަތުގެ ޙަޤީޤީ ކޮންޓްރޯލް ލިބޭނޭ ސިނާއަތެއް ނޫންކަން އެނގެއެވެ. ހަމައެހެންމެ، ފަތުރުވެރިކަމުގެ ސިނާއަތުގެ "އަނދިރި ފަރާތް" ވެސް އޮތީއެވެ.

"އިކޮނޮމިކް ޑައިވަރސިފިކޭޝަން" ގެ ނަޒަރުން ވިސްނިޔަސް، އަދި ތެލާއި ޤުދުރަތީ ގޭހުގެ ސިނާއަތުން އިޤްތިޞާދަށް ލިބޭ ބޮޑު ފައިދާއަށް ބެލިޔަސް، އެ ސިނާއަތް ތަރައްޤީ ކުރެވެން އޮވެ އެކަން ނުކުރުމަކީ ބުއްދިވެރި ކަމެއް ނޫނެވެ. މިއީ މިއަދު ދިވެހިރާއްޖޭގެ އިޤްތިޞާދުގެ ބަނުމާއި މޮހުމުގެ އަހުލުވެރީން ފުންކޮށް ވިސްނާން ޖެހިފައި އޮތް މައްސަލައެކެވެ. 2009 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ދިވެހިރާއްޖޭގައި ދުވާލަކު 6000 ފީފާގެ ތެޔޮ ބޭނުން ކުރެވެއެވެ. މިއީ ގްރީންލޭންޑާއި، ބޫޓާނާއި، އަފްޣާނިސްތާނު ފަދަ އެތައް ޤައުމަކަށް ވުރެ ބޮޑު ޢަދަދެކެވެ. ފައިސާއިން ބަލާނަމަ، މިހާރު ދުނިޔޭގައި ތެލުގެ އަގު ހުރި ގޮތަށް ބަލާ ނަމަ، މިއީ އަހަރަކަށް ދުއިސައްތަ މިލިއަން ޑޮލަރަށް ވުރެ ބޮޑު ޢަދަދެކެވެ. މި ޢަދަދު އަހަރުން އަހަރަށް ދާނީ އިތުރުވަމުންނެވެ. އެހެންކަމުން، ކޮންމެ އަހަރަކު ތެލާއި ޤުދުރަތީ ގޭސް ގަތުމަށް ޓަކައި އެތައް ސަތޭކަ މިލިއަން ޑޮލަރެއް ޚަރަދު ކުރާނީތޯ، ނުވަތަ ޤައުމަށް ބޭނުންވާ ވަރަށް ތެލާއި ޤުދުރަތީ ގޭސް އުފެއްދޭން ހުރި ނަމަ އެކަން ކުރާނީތޯ، މިއީ މިއަދު ދިވެހީން ގޮތެއް ނިންމާން ޖެހިފައިވާ އެންމެ މުހިއްމު އެއް ސުވާލެވެ.

(މަޢުލޫމާތު: ނެޝަނަލް ޖިއޮގްރަފިކް މަޖައްލާގައި ޓިމް އެޕެންޒެލަރ ލިޔުއްވައިފައިވާ މަޒުމޫނެއް، ރޮއިޓަރޒް، އިންޓަރނޭޝަނަލް އެނަރޖީ އޭޖެންސީގެ ޑޭޓާބޭސް، ބީބީސީ، އެމެރިކާގެ އެނަރޖީ އިންފޮރމޭޝަން އެޑްމިނިސްޓްރޭޝަންގެ ޑޭޓާބޭސް އަދި ފޯރބްސް މަޖައްލާގެ އޮންލައިން އެޑިޝަން، އެންސައިކްލޮޕީޑިއާ ބްރިޓޭނިކާ)