15 Mar 2013, 13:25
ނިއުދިއްލީ (މާޗް 15): އިޓަލީގެ ކަނޑުގެ ސިފައިން، އިންޑިޔާގެ މަސްވެރިންގެ ދެ މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ މައްސަލާގެ ތަހްގީގުތަކަށް އިޓަލީ ސަރުކާރުން އެއްބާރުލުން ނުދިނުމުން ނިއުދިއްލީގައި ހުންނަވާ އިޓަލީގެ ސަފީރު އިންޑިޔާ އިން ފުރުން މަނާކުރުމަށް އިންޑިޔާގެ ހައކޯޓުން ނިންމައިފި އެވެ.
އިންޑިޔާގެ ޚާރިޖިއްޔާ އިން ބުނެފައި ވަނީ އިންޑިޔާގެ މަސްވެރިންގެ ދެމީހުންގެ ގަޔަށް ބަޑިޖެހި ކަމަށް ތުހުމަތު ކުރެވޭ އިޓަލީ ކަނޑުގެ ސިފައިންގެ ދެ މީހުން މި މައްސަލައިގެ ޝަރީޢަތަށް ޙާޒިރުވުމަށް ޓަކައި ނިއުދިއްލީގައި ތިބުމަށް ފަހު އެނބުރި އިޓަލީއަށް ގޮސްފައި އަލުން އަނބުރައި އިންޑިޔާ އަށް އައުމަށް ދެކޮޅު ހަދާފައިވާ ކަމަށާއި މި ދެ މީހުން އިންޑިޔާ އަށް ފޮނުވުމުގައި އިޓަލީ ސަރުކާރުގެ އެއްބާރުލުން ނުލިބޭކަމުގަ އެވެ. އިންޑިޔާގެ މަސްވެރިންގެ ދެ މީހުންގެ ގަޔަށް ބަޑިޖަހައި މަރާލިކަމަށް ކަމަށް ތުހުމަތު ކުރެވޭ އިޓަލީގެ ކަނޑުގެ ސިފައިންގެ ދެ މީހުންނަކީ މަސީމިލިޔާނޯ ލަތޯރީ އާއި ސެލްފާތޯރީ ޖިރޫނީ އެވެ.
މިމައްސަލައިގެ ޝަރީޢަތަށް ޙާޒިރު ވުމަށްޓަކައި އެ ދެ މީހުން ނިއުދިއްލީގައި ތިބުމަށް ފަހު އެނބުރި އިޓަލީއަށް ދިޔައީ ދާދިފަހުން އިޓަލީގައި ބޭއްވި އިންތިޚާބުގައި ވޯޓު ދިނުމަށް ޓަކައި ހަތަރު ހަފްތާގެ މުއްދަތަށް ކަމަށް އިންޑިޔާ އިން ބުނެ އެވެ. ނަމަވެސް އިޓަލީގެ އިންތިޚާބަށް ފަހު އަލުން އެނބުރި ދިއްލީ އަށް އައުމަށް އެ ދެ މީހުން ވަނީ ދެކޮޅުހަދާފަ އެވެ. މިކަމުގައި އިޓަލީ ސަރުކާރުގެ އެއްބާރުލުން ނުލިބުމާގުޅިގެން އިންޑިޔާގެ ހައިކޯޓުން ވަނީ ނިއުދިއްލީގައި ހުންނަވާ އިޓަލީގެ ސަފީރު ޑެނިއަލް މެންސީނީ، އިންޑިޔާ އިން ބޭރަށް ފުރުން މަނާކުރުމުގެ އަމުރެއް ނެރެފަ އެވެ. މިއަމުރު ނެރެފައިވާ ކަމާއި އިންޑިޔާ ސަރުކާރުން މިއަމުރު ތަންފީޒުކުރާނެކަން އިންޑިޔާގެ ޚާރިޖިއްޔާ އިން އިއްޔެ ވަނީ އިޓަލީގެ ސަފީރަށް އަންގާފަ އެވެ. އިޓަލީގެ ސަފީރު އިންޑިޔާ އިން ފުރުން މަނާކޮށްފައިވާކަން އިޓަލީ ސަރުކާރުން ވެސް މިހާރު ވަނީ ކަށަވަރުކޮށްދީފަ އެވެ.
މީގެއިތުރުން އިންޑިޔާގެ ޚާރިޖިއްޔާ އިން ވަނީ އިޓަލީގެ ސަފީރު އެވުޒާރާ އަށް ޙާޒިރުކޮށް އިޓަލީ ސަރުކާރަށް ރައްދުކުރުމަށް ޓަކައި ވަރަށް ހަރުކަށި ޢިބާރާތުން ލިޔެފައިވާ އިޙްތިޖާޖުގެ ލިޔުމެއްވެސް ޙަވާލުކޮށްފަ އެވެ. އިންޑިޔާގެ ހައިކޯޓުގެ މިނިންމުމާ އެކު ދިއްލީގައި ހުންނަވާ އިޓަލީގެ ސަފީރު މިހާރު ހިމެނިފައި ވަނީ އިންޑިޔާ އިން ފުރުންމަނާ މީހުންގެ ލިސްޓުގައި ކަމަށް ވެސް އިންޑިޔާ ސަރުކާރުން ބުނެއެވެ.
އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް ވަނީ އިޓަލީގެ މިޢަމަލަކީ އިންޑިޔާގެ ޙައްގަކަށް އަރައިގަތުން ކަމަށް ސިފަކުރައްވައި އިޓަލީ ކުށްވެރިކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)