ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް)ގެ ފިހާރައިގެ ވެހިކަލަށް ގެއްލުންދިން މީހުން ދެނެގަތުމަށް ރައްޔިތުންގެ އެހީތެރިކަމަށް އެދި ފުލުހުން އާންމު ކުރި ފުރަތަމަ ވީޑިއޯ އިން ފެންނަ މީހަކު ދެނެގަތުމަށް ފަހު އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ފުލުހުން ހޯދަން ފަށާފައި ވަނީ އެ ވީޑިއޯ އިން ފެންނަ މީހެއްކަމަށްވާ ގދ. ފިޔޯރީ ސްކޫލްދޮށުގޭ މުޙައްމަދު ރަޝީދު، 50، ކަމަށެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމަތެއް ލިބިފައިވާ ފަރާތެއްވާ ނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

"މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާ ނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.

މިއީ އެ ވީޑިއޯ އިން ފެންނަ މީހުންގެ ތެރެއިން ހޯދުމަށް ފުލުހުން ފޮޓޯ އާންމުކުރި ދެ ވަނަ މީހާ އެވެ.

މިފަދަ މީހުން ހޯދުމުގައި އާންމު ރައްޔިތުން ފުލުހުންނަށް ދޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.