15 Mar 2013, 10:33
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓްގެ ޝަރީއަތަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން މި މަހުގެ ފަސް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގެ ތެރޭގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ފިހާރައިގެ ވޭނެއް ހުއްޓުވައި، އެ ވެހިކަލަށް ގެއްލުންދީ އެ ވެހިކަލް ފުރޮޅާލާ ވީޑިއޯ އާންމުކޮށް އިތުރު ތިން މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަނީ މި މަހުގެ ހަ ވަނަ ދުވަހު މަޖީދީމަގާއި އަލިކިލޭގެފާނު މަގު ގުޅުނު ހަތަރު އަގޮޅި ކަންމަތިން ވޭނެއް ހުއްޓުވައި، އެ ވޭނަށް ބަޔަކު ގެންލުންދިނުމަށް ފަހު ވޭނުގެ ޑްރައިވަރު ގަދަކަމުން ނެރެ އެ ވޭން ފްރޮޅާލާތަނެވެ. އެގޮތުން ފޮރޮޅުމުގެ ހަރަކާތުގައި ބައިވެރިވި މީހުންގެ ތެރެއިން ތިން މީހަކު ފާހަގަކޮށްފައި ވެއެވެ.
މި މަހުގެ ފަސް ވަނަ ދުވަހު އެމްޑީޕީން ކުރި މުޒާހަރާގެ ތެރޭގައި ރެޑްވޭވް ސަލީމްގެ ފިހާރައިގެ ވޭން ހުއްޓުވައި އޭގައި އިން ޑްރައިވަރަށް ބިރުދައްކައި އޭނާ އެ ވެހިކަލުން ނެރުމަށްފަހު ވޭން ފުރޮޅާލައި، އެ ވެހިކަލަށް ބޮޑެތި ގެންލުންތަކެއް ދީފައިވެ އެވެ. އެގޮތުން ވޭނުގެ ބިއްލޫރިގަނޑު ތަޅާލައި އޭގައި ހުރި މުދާތައް ބިންމައްޗަށް އަޅާލައި، މުޒާހަރާގެ ބައިވެރިންނަށް ބަހައި ހަދާފައިވެ އެވެ.
ފުލުހުން ބުނީ އެ ވީޑިއޯ އިން ފެންނަ ތިން މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ލަސްނުކޮށް އެކަން ފުލުހުންނަށް އެންގުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
"ވީމާ މި ތިން މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ. މި 03 މީހުންނާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމުގައި ދަންނަވަމެވެ،" ފުލުހުންގެ އިއުލާނުގައި ވެއެވެ.
ފުލުހުން ވަނީ މީގެ ކުރިން ވެސް އެ ވޭނަށް ގެއްލުންދިން ފަސް މީހަކު ހޯދުމަށް ވީޑިއޯ އެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯ އިން ފެންނަ ފަސް މީހުންނާ ބެހޭ މައުލޫމަތު އެނގޭ ފަރާތެއް ވާނަމަ އެކަން ލަސްނުކޮށް ފުލުހުންނަށް އެންގުމަށް މިއަދު އަނެއްކާވެސް ފުލުހުން ވަނީ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.
މި މީހުންނާ ބެހޭ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރާ ފަރާތަކަށް ދޭންޖެހޭ ފުރިހަމަ ހިމާޔަތާ ރައްކާތެރިކަން ދޭނެކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މިފަދަ ކަންކަމުގައި އާންމު ރައްޔިތުން ފުލުހުންނަށް ދޭ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.
މިލިޔުމާ ގުޅޭ ވީޑިއޯ ލިންކް
http://www.youtube.com/watch?feature=player_embedded&v=iYenA4TTj88