15 Mar 2013, 10:25
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން ވޯޓް ކަރުދާސް ކޮޅުގައި ނޯންނާނެ ކަމަށް އެއްވެސް ބޭފުޅަކު ދެކެވަޑައިނުގަންނަވާ ކަމަށާއި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ އިން ފަށާފައިވާ "ދޭތިން ފަހެތި" ކެމްޕެއިންގެ ތެރެއިން ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރުމަށް އޮލިމްޕަސް ކަންމަތީގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވާދަވެރި ސިޔާސީ ފަރާތްތަކުން "އެމްޑީޕީ ބަލިކުރެވޭނެ ވަރުގެ ޕާޓީއެއް ނެތޭ" ބުނަމުންދާ ކަމަށާއި އެމަނިކުފާނުގެ ނަން ވޯޓް ކަރުދާސް ކޮޅުގައި ނޯންނާނެ ކަމަށް އެއްވެސް ބޭފުޅަކު ގަބޫލް ނުކުރައްވާ ކަމަށެވެ.
"އެއްވެސް ބޭފުޅަކު މިހާރަކު ދެކެވަޑައެއް ނުގަންނަވާ އަޅުގަނޑުގެ ނަން ކަރުދާސްކޮޅުގައި ނޯންނާނެ ކަމަކަށް. ވަކި ހާއްސަކޮށް ވާދަވެރި ސިޔާސީ ބޭފުޅުން އަޅުގަނޑާ ގުޅޭގޮތުން ޓީވީ އާއި ރޭޑިއޯ އާއި ނޫސްތަކުން އެބަފެނޭ. އިއްޔެގައި ވެސް އަޅުގަނޑުމެންނާ ނުހަނު ޖަދަލު ކުރަމުން ގެންދެވި ބޭފުޅުނަށް ނުހަނު ސާފުކޮށް ރާއްޖޭގެ ސިޔާސީ ހަގީގަތްތަށް އެދަނީ އޮޅުން ފިލަމުން. އެބޭފުޅުން އަމިއްލަފުޅަށް އެ ވިދާޅުވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އެމްޑީޕީ ބަލިކުރެވޭވަރުގެ ޕާޓީއެއް ނެތޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އިމާދުއްދީން ސުކޫލަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް އަލިއަޅުވާލައްވައި ރައީސް ނަޝީދު ވިދާޅުވީ 2009 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރުން ވޯލްޑްބެންކުގެ އެހީގައި އައިއެފްސީގެ ލަފާގެ މަތިން ކުނި ނައްތާލުމަށް ޖަރުމަނާއި އިންޑިއާއާ ކުންފުއްޏަކާ ގުޅިގެން އުފައްދާފައިވާ ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ ދަށުން ޒަމާނީ ފެންވަރެއްގައި ކުނި ނައްތާލުމަށް ނިންމާފައި ވަނިކޮށް ސަރުކާރުން އެ މަސައްކަތް ހުއްޓާލާފައިވާ ކަމަށެވެ. އަދި މިއަދުގެ ސަރުކާރަށް އެއްވެސް ފަރާތަކުން ލޯނެއް ވެސް އަދި ހިލޭ އެހީއެއް ވެސް ދޭން ނޫޅޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.