ޕީޕީއެމްގެ ޕްރައިމަރީގައި ވާދަ ކުރައްވާ އަބްދުﷲ ޔާމީންގެ ކެމްޕޭން ރޭ ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.

ޔާމީން ރޭ ވިދާޅުވީ ޕީޕީއެމްގެ ސަރުކާރެއްގައި މަސްވެރިން މަސް "ބޭނިއަސް ނު ބޭނިއަސް" މަސްވެރިނަށް ފައިސާ ލިބޭނެ ނިޒާމެއް އޭނާގެ ސަރުކާރެއްގައި ގާއިމު ކުރައްވާނެ ކަމަށެވެ.

ޔާމީންގެ ކެމްޕޭން ރަސްމީކޮށް އިފްތިތާހު ކުރުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ މަސްވެރިކަން ދަށްވެ މަސް ނުބޭނޭ ދުވަސްތަކުގައި ވެސް މަސްވެރިންނަށް ފައިސާ ލިބޭނެ ނިޒާމެއް ގާއިމުކުރައްރާނީ އިންޝުއަރެންސް ސުކީމެއްގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ގައުމުތަކުން ވެސް ސަރުކާރުގެ ބަޖެޓުން ދާއިމީ ގޮތެއްގައި ސަބްސިޑީޒް ދެމުން ނުދާ ކަމަށާއި އެކަމަކީ ކުރެވޭނެ ކަމެއްވެސް ނޫން ކަމަށެވެ.

"މަސްވެރިނަށް ދަންނަވާލާ އުފާވެރި ހަބަރެއް އެއީ ދޯނި ފަހަރުން އެ ގޮތަށް އިންވެސްޓް ކުރާ ނަމަ، އަހަރަކަށް މި ދަންނަވަނީ ދޯންޏަކުން 20،000 ރުފިޔާ އެކަނި އިންޝުއަރެންސް ކުންފުންޏަކަށް ޗަންދާއެއްގެ ގޮތުގައި ދައްކަވައިފި ނަމަ [މަސް] ބޭނުނަސް ނުބޭނުނަސް މޫސުމުގައި އެ އިންޝްއުރަންސް ގޮތުގައި ބަހައްޓާ ފައިސާ އިން އެކަށީގެންވާ ވަރުގެ ރިޓާންއެއް ލިބޭނެ ކަމީ އަޅުގަނޑުގެ ހިތުގައި ޝައްކު ކުރެވޭ ކަމެއްނޫން،"

ޔާމީން ވިދާޅުވީ އިޝްއުރެސްގައި ބައިވެރިވެފައިވާ މަސްވެރިނަށް އެމީހުން ބޭނުންވާ ވަގުތުތަކުގައި ފައިސާ ލިބޭނެ ކަމަށާއި އެއީ "ހުސް ވައުދެއް ނޫން" ކަމަށެވެ.

"[މަސް] ބޭނިއަސް ނުބޭނިއަސް މަސްވެރިނަށް ފައިސާ ލިބޭނެ އޭ ބުނާ ބަހުގެ މާނަ އަޅުގަނޑު ދަންނަވާލާނަން. އަޅުގަނޑު މި ކަމުގައި ވަރަށް ގިނަ ތަހްލީލުތަކެއް ކޮށްފިން. ރާއްޖޭގައި ހުރި އިގްތިސާދީ ކުންފުނިތަކާ ވާހަކަ ދައްކަމުން މި ގެންދަނީ. އަޅުގަނޑު މި ދައްކާ ވާހަކައަކީ ހުސް ވައުދެއްގެ ގޮތުގައި ނުބައްލަވާ. އަޅުގަނޑުމި ދައްކާ ވާހަކަ އަކީ ތަހްލީލުތަކެއް ކޮށްގައި އެސެސްމެންޓްތަކެއް ހަދާފައި ރައްޔިތުންނަށް ހިސާބަށް ގެނެވިދާނެތީ އަދި ގެނައުމުން ﷲ ރަހްމަތްފުޅާއި ތިޔަ ބޭފުޅުންގެ ވޯޓާ އެކީ މި މަސްއޫލިއްތު ހަވާލު ކުރައްވައިފި ނަމަ މި ދެންނެވި ކަންތައްތަކަކީ ކުރުމާ ހަމައަށް އަޅުގަނޑުމެންގެ ތަހްލީލުތަކާއި ވިސްނުން ހުރި ކަންކަން ދަންވާލަން. މި ދައްކަނީ ހޮޅި ވާހަކައެއް ނޫން. ހުސް ވާހަކައެއް ނޫން. މި ދަންނަވަނީ ކުރެވޭނެ ކަންތައްތަކުގެ ވާހަކަ،"

އޭނާ ވިދާޅުވީ މަސްވެރިކަން ހުއްޓާލަން ޖެހޭ ފަދަ ނުކުޅެދުންތެރިކަމެއް ނުވަތަ އެކްސިޑެންޓެއް ފަދަ ކަމެއް ހިނގުމުން ނުވަތަ މަރުވުމުން އެ މީހަކަށް ގަނޑުކޮށް ފައިސާދެވޭނެ އިންޝުއަރެނެސް ސުކީމެއް ތައާރަފް ކުރައްވާނެ ކަމަށެވެ.

ޔާމީން ވިދާޅުވީ ހެޔޮ އަގުގައި ތެޔޮ ލިބޭނެ ގޮތްތަކެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އެކަން ކުރެއްވޭނެ ކަމުގެ ޔަގީންކަން ވެސް އެބައޮތް ކަމުގަ އެވެ. ތައުލީމީ ނިޒާމަށް އަލިއަޅުއްވާލައްވައި ޔާމީން ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މަތީ ތައުލީމުގައި ދިވެހި އިސްލާމް ކިޔަވާ ކުދިނަށް ހާއްސަ އިނާޔަތްތައް ދިނުމަށް ނިންމާނެ ކަމަށާއި ހުނަރުވެރި ކުދީން އުފެއްދުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި މިހާރު ހުރި ޕޮލިޓެކްނިކަކީ ދުނިޔޭގެ ނިސްބަތުން ފާހަގަ ކޮށްލެވޭ ތަނަކަށް ޕީޕީއެމްގެ ސަރުކާރެއްގައި ހައްދަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ވިދާޅުވީ "ޔާމީނަށް ޒުވާނުން އިސްލާހު ކުރެވޭނެ [ކަމަށާއި] ކުރާނަން" ކަމަށެވެ. އޭނާ ވިދާޅުވީ ކުރިން މަސްތުވާތަކެތި ބޭނުން ކުރުމަށް ރިހެބިލެޓޭޝަންގެ ދަށުން ފަރުވާ ހޯދަން ބޭނުންވާ ޒުވާނުނަށް ވަޒީފާގެ ފުރުސަތުދޭނެ ވިޔަފާރިވެރިނަށް ޕީޕީއެމް ސަރުކާރެއްގައި ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ކޮއްކޯފުޅު އަބްދުﷲ ޔާމީން އާ އެ ޕާޓީން ވާދަކުރައްވަނީ އުމަރު ނަސީރެވެ.