14 Mar 2013, 20:44
ސިޔާސީ ޕާޓީތަކުގެ ގާނޫނާ ގުޅޭ ގޮތުން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު ޝަރީއަތުން ވަކިގޮތެއް ކަނޑައަޅުމުގެ ކުރިން އެއްވެސް ޕާޓީއެއް އުވޭ ފަދަ ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ސިޔާސީ ޕާޓީތައް އުވިދާނެ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފައި ވަނީ ދައުލަތުގެ މުއައްސަސާތަކަށާއި ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ މައްޗަށެވެ.
ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ދައުލަތުން ހުށަހެޅި އެ މައްސަލައާ ގުޅިގެން ވަގުތީ އަމުރެއް ނެރެފައި ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކެއް ހުރި ކަމަށް ދައުލަތުން ހުށަހެޅި މައްސަލައިގައި ބުނެފައިވާތީ ކަމަށެވެ.
"ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ސުޕްރީމް ކޯޓުން ވަކިގޮތެއް ކަނޑައަޅައި ނިމެންދެން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގާ އެއްވެސް ސިޔާސީ ޕާޓީއެއް އުވޭ ފަދަ އެއްވެސް އަމަލެއް ނުހިންގުމަށާއި އަދި އެފަދަ ޕާޓީއެއް އުވިއްޖެ ކަމަށް ނުބެލުމަށް ދައުލަތުގެ މުއައްސަސާތަކަށާއި ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާ އެކު އިލެކްޝަންސް ކޮމިޝަނުން ވަނީ ގާނޫނުގައި ބުނެފައިވާ ފަދައިން 10،000 މެންބަރުން ހަމަނުވާ ޕާޓީތައް ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ޕާޓީތައް އުނިކުރި އިރު 10،000 މެންބަރުންނަށް ވުރެ ގިނަ ފޯމް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ އެކަން މީޑިއާ އަށް ކަށަވަރުކޮށްދީފަ އެވެ.
ރައީސް ޑރ. މުހައްމަދު ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީން ވެސް 10،000 މެންބަރުންގެ ފޯމް ހުށަހަޅާފައިވާ ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. ނަމަވެސް އެކަން އިލެކްޝަންސް ކޮމިޝަނަކުން ކަށަވަރެއް ނުކޮށްދެ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނިންމުން ކުށްވެރިކޮށް އެ ދެ ޕާޓީން ބުނެފައި ވަނީ ގާނޫނުގައި ބުނާ އަދަދަށް އެ ދެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅާފައި ވަނިކޮށް ޕާޓީ ދަފްތަރުން އުނިކުރި ކަމަށް ވިޔަސް އެއީ ސައްޚަ ނިންމުމެއް ކަމަށް ގަބޫލު ނުކުރާނެ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު ވިދާޅުވެފައި ވަނީ 10،000 މެންބަރުން ހަމަވާ ވަރަށް ފޯމް ހުށަހަޅާފައި ވަނީ އެމްޑީއޭ އިން ކަމަށެވެ. އަދި ގައުމީ އިއްތިހާދު ޕާޓީގެ މެންބަރުންގެ އަދަދާއި އެ ޕާޓީން އަލަށް ހުށަހެޅި ފޯމްތަކަށް ބަލާ އިރު އެ ޕާޓީން، ސިޔާސީ ޕާޓީތަކުގެ ބިލް ތަސްދީގު ކުރުމާ ހަމަ އަށް، ހުށަހަޅާފައި ވަނީ 9،800 ފޯމް ކަމަށް ވެސް ފުވާދު ވިދާޅުވި އެވެ.
ގައުމީ އިއްތިހާދު ޕާޓީން ވަނީ އިލެކްޝަންގެ ނިންމުމާ މެދު ހިތްހަމަނުޖިހިގެން އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ހުށަހަޅާފަ އެވެ. އަދި އެމްޑީއޭ އިން ވެސް ދަނީ އެ މައްސަލަ ކޯޓަށް ވެއްދުމަށް ތައްޔާރުވަމުން ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ގިނަ މާއްދާތަކެއް ބާތިލް ކުރުމަށް ގައުމީ ޕާޓީގެ ނާއިބް ރައީސް އިމާދު ސޯލިހު ވެސް ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފަ އެވެ.
ބަންޑާރަ ނާއިބް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި އެގާނޫނަށް އަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭނެ ކަމަށް ކަނޑައަޅާފައިވާ އިރު، ޕާޓީތަކުން އެކި ފަރާތްތަކާ އެކު ކޮށްފައިވާ ގާނޫނީ މުއާމަލާތްތަކާ މެދު އަމަލުކުރަން ޖެހޭ އިންތިގާލީ އުސޫލުތަކެއް ހިމަނާފައި ނުވާ ކަމަށެވެ. އެހެންކަމުން އޭގެ ސަބަބުން ގާނޫނީ ގޮތުން ބޮޑެތި މައްސަލަތަކެއް ކުރިމަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.