14 Mar 2013, 19:31
ސިވިލް ސާވީސް ކޮމިޝަނުގެ މެންބަރުކަމުން އެ ކޮމިޝަނުގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ފަހުމީ ހަސަން ރައްޔިތުން މަޖިލީހުން ވަކިކޮށްފައި ވަނީ ގާނޫނު އަސާސީ އާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސިވިލް ސާވިސް ކޮމިޝަންގެ ރައީސްކަމުގެ މަގާމުގައި ހުންނަވައިގެން އެ ކޮމިޝަނުގެ މެންބަރަކާއި ޖިންސީ ގޮނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކަމަށް ބުނެ ރައްޔިތުން މަޖިލީހުގައި ނެގި ވޯޓުން ސިވިލް ސާވިސް ކޮމިޝަނުގެ މެންބަރުކަމުން ފަހުމީ ވަކިކޮށްފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށް ސުޕްރީމް ކަނޑައަޅާފައި ވަނީ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ރައްޔިތުންގެ މަޖިލީހާ ދެކޮޅަށް ފަހުމީ ހުށަހެޅުއްވި އެ މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ ފަހުމީ މަގާމުން ވަކިކުރުމަށް މަޖިލީހުން ނިންމި ނިންމުމަކީ ގާނޫނު އަސާސީ އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްވާތީ އެނިންމުމަކީ ބާތިލު ނިންމުމެއް ކަމަށެވެ.
ގާނޫނީ ވަކީލު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑޭ) ވަކާލާތު ކުރެއްވި އެ މައްސަލަ ބެލުމަށް ފަހު މިއަދު ކުރި ހުކުމްގައި ބުނަނީ ފަހުމީއާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު މައްސަލަ ބެލުމަށް އެ މަޖިލީހުން އަމަލުކޮށްފައި ވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭ މީހާއާ މެދު އަމަލުކުރަން ޖެހޭ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.
ޝަރުއީ ކޯޓެއްގައި އެ މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާ ހިނދަކު އެއްވެސް މީހަކަށް އެމީހަކީ ކުށްވެރިއެއް ކަމަށް ނުބުނެވޭނެ ކަމަށާއި ރައްޔިތުން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީން ފަހުމީ ވަކިކޮށްފައި ވަނީ ޖިނާއީ އަދުލުގެ ނިޒާމުން ބޭރުން ކަމަށް ވެސް އެ ހުކުމުގައި ބުނެފައިވެ އެވެ.
ފަހުމީ މަގާމުން ވަކިކޮށްފައި ވަނިކޮށް ދައުލަތުން އޭނާގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް އެ ދައުވާ ސާބިތުވެއްޖެ ނަމަ އެއީ އެއް ކުށަކަށް ދެ އަދަބު ލިބުން ކަމަށާއި އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް އެހެން އެއްވެސް ބާރަކަށް ނުބެހެވޭނެ ކަމަށް ދައުލަތުން ބުނި ނަމަވެސް ކޮންމެ މީހަކަށް ވެސް އޭނާ އަށް އަދަބެއް ލިބިއްޖެ ކަމަށް ގަބޫލު ކުރެއްވިގެން ޝަރުއީ ކޯޓަކަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ހުކުމްގައި ބުނެފައިވެ އެވެ.
ފަހުމީގެ މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ނެރުނު ހުކުމާއި ތަފާތު ރައުޔެއް ނެރުއްވި އެ ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުދާނުގެ ރައުޔުގައި ބުނެފައި ވަނީ ފަހުމީގެ މައްޗަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ އަށް އޭނާ ހާޒިރުކޮށް ސުވާލުކޮށްފައި ވާތީ ރައްޔިތުން މަޖިލީހަށް އެ ނިންމުން ނިންމިދާނެ ކަމަށެވެ.
ފަހުމީ ވަކި ކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމާ އެކު އެ މައްސަލަ ނިމެންދެން ސިވިލް ސާވިސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުކުރުމަށް ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުގެ މައްޗަށް ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ވެސް ނެރެފަ އެވެ.