14 Mar 2013, 18:35
ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގެ އަމުރަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމުން މި މަހުގެ ފަސް ވަނަ ދުވަހު އެމްޑީޕީން މާލޭގައި ކުރި މުޒާހަރާގެ ތެރޭގައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ފިހާރައިގެ ވޭނެއް ހުއްޓުވައި، އެ ވެހިކަލަށް ގެއްލުންދީ ފުރޮޅާލި ވީޑިއޯ އިން ފެންނަ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.
ފުލުހުން ބުނީ މިހާރު ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ މާލޭ ދަފްތަރު 2523 މުހައްމަދު މާއިފް 41، ކަމަށެވެ.
މާއިފްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ވީއެންމެ އަވަހަކަށް ފުލުހުންނަށް އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
"މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިލައްވާފައިވާ ފަރާތެއްވާނަމަ ވީއެންމެ އަވަހަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާރޓްމަންޓްގެ ނަންބަރު 9631696 ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި މަޢުލޫމާތު ޙިއްސާ ކުރެއްވުން އެދެމެވެ،" ފުލުހުންގެ އިއުލާންގައި ވެއެވެ.
އޭނާއާ ބެހޭ މަޢުލޫމާތު ފުލުހުންނާ ހިއްސާކުރާ ފަރާތްތަކަށް ލިބިދޭންޖެހޭ ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް ފުލުހުން ބުންޏެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.