މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅާފައިވާތީ އެކަމުގެ ސަބަބުން ސީދާގޮތުންނާއި ނުސީދާ ގޮތުން ގެއްލުން ލިބިފައިވާ ކަމަށް ބުނެ ގެއްލުމުގެ ބަދަލު ހޯދުމަށް ރާއްޖެ ޓީވީން ދައުވާ ކޮށްފި އެވެ.

ރާއްޖެ ޓީވީން ސިވިލް ކޯޓުގައި އެދިފައި ވަނީ ގާނޫނީ ވަކީލުންގެ ފީ އާއި ކޯޓުން ކަނޑައަޅާ އަދުލުވެރި ބަދަލެއް ނަގައިދިނުމަށެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅާފައި ވަނީ އެ ކޮމިޝަނަށް ހުށަހެޅުނު ތިން މައްސަލައެއް ބެލުމަށް ފަހު އެވެ.

އެ މައްސަލަ ތަކުގެ ތެރެއިން ފުރަތަމަ މައްސަލަ އަކީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް އެ ސްޓޭޝަނާ ދެކޮޅަށް ހުށަހެޅި މައްސަލަ އެކެވެ.

ދެވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއާ ގުޅިގެން އެ ޓީވީން ލައިވްކޮށް ގެނެސްދިން ފީޑުގައި ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އަދި ތިން ވަނަ ފަހަރަށް މައްސަލަ ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް 30 ވަނަ ދުވަހާއި 31 ވަނަ ދުވަހު އެ ޓީވީން ބްރޯޑްކާސްޓް ކުރި ކޮންޓެންޓްތަކާ ގުޅިގެންނެވެ.

ސިވިލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ބްރޯޑްކާސްޓިން ކޮމިޝަންގެ މައްޗަށް ދައުވާ އިއްވަވަމުން ރާއްޖެ ޓީވީގެ ގާނޫނީ ވަކީލު އިބްރާހީމް ރިފްއަތު ވިދާޅުވީ އެ މައްސަލަތައް ބެލުމަށް ފަހު އެ ކޮމިޝަނުން ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅާފައި ވަނީ ގާނޫނު އަސާސީން ލިބިދީފައިވާ ބައެއް ހައްގުތަކާ ޚިލާފަށް ކަމަށެވެ. އެ ގޮތުން އެ ފިޔަވަޅު އަޅާފައި ވަނީ ގާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާ ނޫސްވެރިކަމުގެ މިނިވަކަމާ ޚިލާފަށް ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ނިންމުންތައް ނިންމުމުގައި އަމަލު ކުރަން ޖެހޭ ވަކި އިޖުރާއަތްތަކެއް ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް، ރާއްޖެ ޓީވީއާ މެދު ފިޔަވަޅު އަޅަން ނިންމާފައި ވަނީ އެ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ވެސް ރިއްފަތު ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހާޒިރުވެފައި ވަނީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި ބައެއް މެންބަރުންނެވެ.

ސިވިލް ކޯޓުގެ ގާޒީ މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލެއްވީ ގާނޫނީ ވަކީލަކު އައްޔަންކޮށް ދައުވާ އަށް ޖަވާބުދާރީވުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ފުރުސަތު ދިނުމަށް ފަހު އެވެ.