14 Mar 2013, 16:06
ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލް ޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ އިތުބާރު އޮތްތޯ ބެލުމަށް ނަގާ ވޯޓުތައް ސިއްރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކީ ގާނޫނު އަސާސީއާ ހިލާފަށް ގެނެސްފައިވާ ބާތިލް އިސްލާހެއް ކަމަށް ސްޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ސްޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ތެރެއިން ހަ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވަކި ޚާއްސަ ހާލަތެއްގައި ނޫނީ ސިއްރު ނުކުރެވޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވަނިކޮށް ގަނޫނު އަސާސީއާ ޚިލާފަށް މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ނުގެނެވޭނެ ކަމަށެވެ.
ޕީޕީއެމް ކައުންސިލް މެންބަރު އަހްމަދު ސިއްދީގާއި ޖުމްހޫރީ ޕާޓީގެ މެންބަރު އިބްރާހިމް ހުސެއިން ސްޕްރީމް ކޯޓަށް ހުށަހެޅި އެ މައްސަލަ ބެލުމަށް ފަހު މިއަދު ކުރި ހުކުމްގައި ބުނަނީ މަޖިލީހުގައި ނަގާ އެފަދަ ވޯޓުތައް ސިއްރު ކުރުމަކީ ޓްރާންސް ޕޭރެންސީ ގޮތުން ހުޅުވާލައިގެން ކުރެވޭ ކަމެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށާއި އެކަމަކީ ދުސްތޫރީ ގޮތުން ސައްޚަ ކަމެއް ނޫން ކަމަށެވެ.
ވޯޓު ސިއްރު ކުރުމަށް ފެނޭތޯ ނެގި ވޯޓުގައި މެންބަރުކަމުން ވަކި ވާނެ ކަމަށް ބުނެފައިވާ ހާލަތެއްގައި ތިބި ދެ މެންބަރަކާއި އަދި އިސްލާމީ ޝަރީއަތާއި ހިލާފް އަމަލެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ މެންބަރުން ތަކެއް ތިބުމުން އެ ވޯޓު ސައްހަ ނުވާނެ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ބުނެފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނަނީ އެ މެންބަރުންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސްޕްރީމް ކޯޓުން ކަނޑައަޅާފައިނުވާތީ އެނުކުތާ ބަލައިގެންފައި ނުވާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ ހުކުމްގައި ވެއެވެ.
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނެސް ވޯޓު ސިއްރު ކުރުމަކީ މަޖިލީހަށް ލިބިފައިވާ އިހްތިޔާރެއް ކަމަށް ވިދާޅުވެ ރައުޔު ނެރުއްވާފައި ވަނީ އެ ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.
އެނާ ނެރުއްވި ރައުޔުގައި އިސްލާމް ދީނާއި ޚިލާފުނުވާ ގޮތަކަށް މަޖިލީހުގެ ގަވާއިދަށް ގެންނަ އިސްލާހަކީ އެހެން އެއްވެސް ފަރާތަކަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫންކަމަށް ބުނެފައި ވެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މަޖިލީހުގެ ގަވާއިދަށް ގެނެއި އިސްލާހުގައި ވޯޓުތައް ސިއްރު ކުރުމަށް ފާސްވީ 41 މެންބަރުން ވޯޓް ދެއްވައިގެންނެވެ. އެގޮތަށް ވޯޓުދެއްވީ އެމްޑީޕީ އާއި ޑީއާރްޕީގެ މެންބަރުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލު އަހްމަދާއި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީން ވަނީ މަޖިލީހަށް ވައްދާފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ވޯޓު ނެގިފައި ނުވަނީ މީގެ ކުރިން ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަކާ ގުޅިގެންނެވެ.