14 Mar 2013, 15:26
ރައްޔިތުންގެ މަޖިލީހުގެ ދެތިން މެމްބަރަކު ޕީޕީއެމްއަށް ސޮއި ކުރައްވާފައިވާ ކަމަށް އިއްޔެ ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަހްމަދު މަހްލޫފު ވިދާޅުވެފައިވީނަމަވެސް މިރޭގެ ޖަލްސާގައި އެއްވެސް މަޖިލީސް މެމްބަރަކު ސޮއި ނުކުރައްވާނެ ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެއެވެ.
މަހުލޫފް ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއޭއެއްގައި ވިދާޅުވީ އެޕާޓިއަށް މެމްބަރުންތަކެއް ސޮއިކޮށްފައިވާކަމަށް އިއްޔެ ބުނެފައިވީނަމަވެސް މިރޭ އެއްވެސް މެމްބަރަކު އެޕާޓީއަށް ސޮއިނުކުރައްވާނެކަމަށެވެ.
"ޕުރެސް ކޮންފަރެންސްގެ ތެރެއިން ނިންމާލަންދިޔަ ގަޑީގަ ބުނިން، މީގެ ކުރިން ވެސް އެބަހުރި ވިއްޔަ ބައެއް މެމްބަރުން ސޮއިކޮށްލާފައި ފޯމްދީފައި ނަމަވެސް އަދި އެމެމްބަރުންވެސް އާންމު ތަނެއްގައި އެކަން ކުރާކަށް ބޭނުމެއް ނުވޭ" މަހުލޫފް ވިދާޅުވިއެވެ.
މަހުލޫފް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ދެތިން މެމްބަރަކު މިހާރުވެސް ޕީޕީއެމްއަށް ސޮއި ކުރައްވާފައިވާ ކަމަށާއި، އެ ބޭފުޅުންގެ ފޯމްތައް މިހާރު އެ ޕާޓީގެ އޮފީހުގައި އެބަހުރި ކަމަށެވެ. އަދި މިހާތަނަށް ސޮއި ކުރައްވައިގެން ތިއްބެވި މެމްބަރުންގެ ނަންތައް ހާމަ ނުކުރައްވަނީ އެ ބޭފުޅުންގެ އެދިވަޑައިގަތުމުގެ މަތިން ކަމަށާއި، އެކަމަށް އެންމެ މުނާސަބު ވަގުތުގައި އެ ނަންތައް އިއުލާން ކުރައްވާނެ ކަމަށެވެ.