14 Mar 2013, 15:10
ދެހާސް ދިހަ ވަނަ އަހަރު ޏ. ފުވައްމުލަކު ދޫޑިގަމް އާސްމާނުގޭ އަބްދުﷲ ޝުހާދު މަރާލި މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ވަޅިން ހަމަލާދީ ޝުހާދު މަރާލިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކޮށްފައި ވަނީ ޏ. ފުވައްމުލަކު ކަރަންކާއާގޭ ހަސަން ފަރީދުގެ މައްޗަށެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުލަތުންނާއި ދައުވާ ލިބޭ ފަރީދުގެ ފަރާތުން ޚުލާސާ ބަޔާން ހުށަހެޅުމެވެ.
ޚުލާސާ ބަޔާން ހުށަހަޅަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ޝުހާދު ގަޔަށް ފަރީދު ވަޅިހެރި މަންޒަރު ދުށްކަމަށް ހަތް މީހަކު ޝަރީއަތުގައި ހެކިބަސް ދީފައިވާ ކަމަށެވެ. އަދި އެމީހުން ހެކިބަސް ދީފައި ވަނީ ތަހުގީގު ބަޔާނާ އެއްގޮތަށް ކަމަށާއި އެހެންކަމުން އެ މައްސަލަ ޝަރީއަތަށް ސާބިތުވާނެ ކަމަށް ދައުލަތުން ދެކޭ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ޚުލާސާ ބަޔާން ހުށަހަޅަމުން ދައުވާ ލިބޭ ފަރީދު ބުނީ އޭނާ ވަޅިހެރި މަންޒަރު ދުށްކަމަށް ހަތް ހެކީން ބުނެފައިވާއިރު އޭގެފަހުން ހެކީން ހަދާފައި ވަނީ ދޮގު ކަމަށެވެ.
އޭނާ ބުނީ ދައުލަތުން ހުށަހެޅި އެއްވެސް ހެއްކަކަށް ޝަރީއަތުން ކުރި ސުވާލުތަކަށް ރަނގަޅަށް ޖަވާބުދެވިފައި ނުވާކަމަށާއި އެއީ ބަޔަކު މީހުން އޭނާގެ ބޮލުގައި އަޅުވާފައިވާ ދޮގު އިލްޒާމެއް ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމާލައްވަމުން ކްރިމިނަލް ކޯޓުގެ ގާޒީ ވިދާޅުވީ އެ މައްސަލައާ ގުޅޭ އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ ޝަރީއަތުގެ މަޖިލީސް ކަމަށެވެ.
ދެހާސް އެގާރަވަނަ އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހެކިބަސް ދިން ހަތް މީހުން ބުނެފައި ވަނީ ޝުހާދު ގަޔަށް ފަރީދު ވަޅިހެރި މަންޒަރު އެމީހުންނަށް ފެނުނު ކަމަށެވެ. އަދި އޭނާ އަށް ހަމަލާދީފައި 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:30 ހާއިރު ފުވައްމުލަކު ދޫޑިގަމް ބޮޑުފަންނު މަގާއި ބަހާރު މަގު ގުޅޭ ހަތަރު އަނގޮޅީގައި ހުންނަ ކެޔޮފިނި ގޭގެ ކުރިމަތީގައި ހުރި ފަޅުގެއެއްގެ ފަރުމަތީގައި ޝުހާދު އިންދާ ފަރީދު އޭނާގެ މެއާއި ދިމާލުން ކަނައަތު އަރިކައްޓަށް ކަމަށް ވެސް ހެކީން ވަނީ ބުނެފަ އެވެ.
ޝުހާދު މަރުވެފައި ވަނީ ވަޅިހެރުމުން ލިބުނު ޒަޚަމްތަކަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް 2010 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.