ރާއްޖޭގެ "ޓޯޓަލް ފައިނޭންޝަލް އެސެޓް" ފެބުރުއަރީ މަހުގެ ތެރޭގައި 775 މިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާންމު ކޮށްފައިވާ ދައުލަތުގެ މާލީ ހާލަތު އަންގައިދޭ ހިސާބުތަކުން ދައްކާ ގޮތުން "ޓޯޓަލް ފޮރިން ކަރަންސީ ފައިނޭންސްޝިއަލް އެސެޓްސް" މަސް ދުވަހުގެ ތެރޭގައި 387 މިލިއަން ރުފިޔާ އިތުރުވެ، "ލޯކަލް ކަރަންސީ ފައިނޭންޝަލް އެސެޓް" ވަނީ 387.9 މިލިއަން ރުފިޔާ އިތުރުވެފަ އެވެ.

އެމްއެމްއޭ އިން މަހަކު އެއް ފަހަރު އާންމު ކުރާ ދައުލަތުގެ މާލީ ހާލަތު އަންގައިދޭ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ޖެނުއަރީގެ ނިޔަލަށް ދައުލަތުގެ ޓޯޓަލް ފައިނޭންޝަލް އެސެޓްގެ ޖުމްލައަކީ 10 ބިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ޓޯޓަލް ފައިނޭންޝިއަލް އެސެޓް 775 މިލިއަން ރުފިޔާ އިތުރުވެ އެ އަދަދު ވަނީ 10 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އަދި "ޓޯޓަލް އެސެޓް" 11 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

އެމްއެމްއޭގެ މާލީ ހާލަތު އަންގައިދޭ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ފެބުރުއަރީ މަހުގެ 28 އާ ހަމައަށް ދައުލަތުގެ ޓޯޓަލް ލައިބިލިޓީ ނުވަތަ ހަރަދުގެ ޖުމްލައަކީ 10،334،009،604.63 ބިލިއަން ރުފިޔާ އެވެ. އަދި ދައުލަތުގެ ޓޯޓަލް އިކުއިޓީގެ ގޮތުގައި ހުރީ 675 މިލިއަން ރުފިޔާ އެވެ.

އެމްއެމްއޭ އިން ހިމަނާފައި ހުރި ނޯޓުތަކުގައި ބުނެފައި ވަނީ ދައުލަތުގެ ރިޒާވު މަތިވުމާއި ދަށްވުން ބިނާވެފައި ވަނީ އެމްއެމްއޭގެ ރައުސްމާލުގައި ހިމެނޭ ރަނާއި ބޭރު ފައިސާއާ އަދި ރުފިޔާގެ އަގަށް އަންނަ ބަދަލުތަކުގެ މައްޗަށް ކަމަށެވެ.