ސަރުކާރުން މިއަދު ރަށްތައް ގެޒެޓުކޮށް އިއުލާން ކުރި ނަމަވެސް، ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭނީ އަންނަ އަހަރުގެ ޖެނުއަރީ މަހު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.


ނަމަވެސް، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން އެއްބަސްވެފައިވަނީ ޑިސެމްބަރު 31 ގެ ކުރިން އިންތިހާބު ބޭއްވުމަށެވެ. އަދި އެ ތާރީހަށް އިންތިހާބު ބޭއްވުމަށް ސަރުކާރަށް ލާޒިމްކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ދަނީ މަޖިލީހަށް ބިލެއް ހުށަހެޅުމަށް ވެސް ތައްޔާރުވަމުންނެވެ.


ލޯކަލް ކައުންސިލްތަކުގެ އިންތިހާބު ބޭއްވޭނެ ތާރީހު ސުވާލު މާކެއްގެ ތެރޭގައި މިހާތަނަށް އޮތީ އިންތިހާބުގެ ކުރިން ނިންމަންޖެހޭ ރަށްތައް ގެޒެޓްކުރުމުގެ މަސައްކަތް ނުނިމި ލަސްވުމުގެ ސަބަބުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ގެންދިޔައީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ. އެހެންކަމުން، މިއަދު އެ މަސައްކަތް ސަރުކާރުން ނިންމުމާ ގުޅިގެން، ދެން އިންތިހާބު ބޭއްވޭނީ ކޮން އިރަކުންތޯ ދެންނެވުމުން ފުއާދު ވިދާޅުވީ، ޑިސެމްބަރު 31 ގެ ކުރިން އިންތިހާބު ބޭއްވޭނެ ކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. އަދި ކުރަން ހުރި މަސައްކަތްތަކަށް ބަލައި، އިންތިހާބު ބޭއްވޭނީ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީ ކޮޅު ކަމަށް ވެސް ފުއާދު ވިދާޅުވި އެވެ.


ނަމަވެސް، އަދި ވަކި ދުވަހެއް ކަނޑަނާޅާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


"ކުރަން ހުރި މަސައްކަތްތަކަށް ބަލާއިރު ޑިސެމްބަރު 31 އަށް އިންތިހާބު ބޭއްވޭނެ ކަމަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. ޖެނުއަރީ ވަރަށް ކުރީކޮޅު ބޭއްވޭވަރު ވާނެ ކަމުގައި އަޅުގަނޑުމެން އުއްމީދުކުރަނީ" އޭނާ ވިދާޅުވި އެވެ.


ފުއާދު އިތުރަށް ވިދާޅުވީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން އިންތިހާބުގެ މަސައްކަތް ވަރަށް ހަލުއިކަމާއެކު ކުރިއަށްގެންދާނެ ކަމަށެވެ.