14 Mar 2013, 14:44
ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތްތަކުގެ ދަށުން ވޯޓު ލިބުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ އަޕްގްރޭޑްކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނީ ވޯޓްލާ މީހުުންގެ ރަޖިސްޓްރީ އަޕްގްރޭޑް ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހާ ހަމައަށް 18 އަހަރު ފުރިފައިވާ މީހުންގެ ނަން ރަޖިސްޓްރީގައި ހިމެނިފައިވޭތޯ ބެލުމުގެ ފުރުސަތު ހުޅުވާލުން ކަމަށެވެ. އެގޮތުން ވޯޓު ލާ މީހުންގެ ރަޖިސްޓްރީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އަޕްގްރޭޑް ކުރުމަށް ޕޯސްޓް މެދުވެރިކޮށް އިލެކްޝަން ކޮމިޝަނުން ވަނީ މާލޭގެ ކޮންމެ ގެއަކަށް އެގެއެއްގައި ދިރިއުޅޭ މީހުންގެ ތެރެއިން ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ފޮނުވަން ފަށައިފަ އެވެ.
މާލޭގެ 90 އިންސައްތަ ގޭގެއަށް އިއްޔެއާ ހަމައަށް އިލެކްޝަނުން ވަނީ ރަޖިސްޓްރީ ފޮނުވާފަ އެވެ. އަދި އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
ވޯޓްލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީ ޕޯސްޓް މެދުވެރިކޮށް ލިބުމުން ރަޖިސްްޓްރީގައިވާ މައުލޫމާތު ޗެކްކުރުމަށްފަހު އެއްވެސް މައްސަލައެއް އުޅޭ ނަމަ އެކަން މިމަހުގެ 24 ވަނަ ދުވަހުގެ ކުރިން އިލެކްޝަނަށް ކޮމިޝަނަށް ހުށަހަޅާންވާނެ ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.
މީގެއިތުރުން އެކޮމިޝަނުން ވަނީ ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ މައުލޫމާތު އެސްއެމްއެސް މެދުވެރިކޮށް ވެސް ބެލޭނެ އިންތިޖާމްތައް ހަމަޖައްސައިފަ އެވެ. އެގޮތުން ވީ.އައި.އެެސް ސްޕޭސް އައިޑީކާޑު ނަމްބަރު ޖެހުމަށްފަހު 1414 އަށް ފޮނުވުމުން ވޯޓް ލުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީގައި އެމީހެއްގެ ނަން ހިމެނޭތޯ ބެލޭނެ ކަމަށް އިލެކްޝަން ކޮމިޝަނުން ބުންޏެވެ.
އެސްއެމްއެސް މެދުވެރިކޮށް އެމީހެއްގެ ނަމާއި އެޑްރެސް ރަނގަޅުތޯ ބެލުމަށްފަހު މައްސަލައެއް އުޅޭނަމަ " ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއާބެހޭ ޝަކުވާ ހުށަހަޅާ ފޯމް" ފުރުމަށްފަހު އެކޮމިޝަނަށް ހުށަހެޅުމުން އެމައުލޫމާތު އިސްލާހުކޮށްދެވޭނެ ކަމަށް ވެސް އިލެކްޝަނުން ބުންޏެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 2،40،000 މީހުނަށް ލިބިގެންވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.