14 Mar 2013, 14:29
ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން މިދިޔަ އަހަރު 724 މައްސަލައެއް ބަލައިފައިވާ އިރު އޭގެ ތެރެއިން 218 މައްސަލަ ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ރާއްޖޭގެ އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާގެ 2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓު ނެރެދެއްވުމަށް ފަހު ރިޕޯޓާ ބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް މިއަދު އެ ކޮމިޝަންގައި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ މުއައްސަސާގެ ރައީސް، މަރިޔަމް ޢަޒުރާ އަޙްމަދު ވިދާޅުވީ މިދިޔަ އަހަރަކީ ބޮޑެތި ގޮންޖެހުންތަކަކާ އެކު ވެސް ވަރަށް ކާމިޔާބުކަމާ އެކު އެ ކޮމިޝަންގެ މަސައްކަތްތައް ކުރިއަށް ގެންދެވުނު އަހަރެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރު އިންސާނީ ހައްގުތަކާ ގުޅުން ހުރި މައްސަލަތަކުގެ ތެރޭގައި އަސާސީ ހައްގުތަކާއި މިނިވަންކަން ނިގުޅައި ގަނެވިފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ 703 ޝަކުވާ އަކާއި އަދި އެކޮމިޝަނުން އިސް ނަގައިގެން ބަލަން ނިންމާފައިވާ 21 މައްސަލައާ އެކު ޖުމުލަ 724 މައްސަލަ ހިމެނޭ ކަމަށެވެ.
ކޮމިޝަންގެ ރައީސް ފާހަގަ ކުރެއްވި ގޮތުގައި މިދިޔަ އަހަރު އެކޮމިޝަނުގެ ހިލޭގުޅޭ ނަމްބަރުގެ ހިދުމަތުގެ ދަށުން އިންސާނީ ހައްގެއް ގެއްލިގެން ނުވަތަ ގެއްލުމުގެ ފުރުސަތު އޮތް ކަމަށް ގަބޫލު ކުރެވިގެން ރައްޔިތުންނަށް ފަސޭހައިން ކޮމިޝަނަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ޓަކައި ގާއިމުކޮށްފައިވާ ހިލޭ ގުޅޭ ނަންބަރު 1424 އަށް 1569 ކޯލް ލިބިފައިވާ އިރު އޭގެ ތެރެއިން 236 މައްސަލައަކީ އާ މައްސަލަތައް ކަމަށެވެ.
އިންސާނީ ހައްގުތަކާ ގުޅޭ ގާނޫނީ ނިޒާމު ހަރަދަނާ ކުރުމަށް ހުސްވި އަހަރު ފަސް ބިލަކަށް ކޮމެންޓު ކުރެވިފައިވާ ކަމަށް ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި ދިރިއުޅޭ ތަންތަން ކުއްޔަށް ދޫކުރުމުގެ ބިލާއި އެއްވެ އުޅުމުގެ މިނިވަންކަމުގެ ބިލާއި ޖިންސީ ފުރައްސާރަކުރުން މަނާކުރާ ބިލާއި ޖިނާއީ އިޖްރާތުގެ ބިލްގެ އިތުރުން އިންޑަސްޓްރިއަލް ރިލޭޝަންސް އެކްޓްގެ ޑްރާފްޓް ހިމެނެ އެވެ.
އެޗްއާރްސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޢަޒުރާ ވިދާޅުވީ އިގްތިސާދީ އަދި އިޖްތިމާއީ ހައްގުތައް ގެއްލެން މެދުވެރިވެފައިވާ ކަމަށް އެ ކޮމިޝަނަށް ފާހަގަ ކުރެވިފައި ވަނީ ބަޖެޓްގެ ދަތިކަން ހުރުމާއި އަދި ޒިންމާ އަދާކުރަން ޖެހޭ ފަރާތްތަކަށް އެ ފަރާތްތަކުގެ ޒިންމާ އޮޅުންފިލާފައި ނެތުމުގެ ސަބަބުން ކަމަށެވެ.
"އިގްތިސާދީ އަދި އިޖްތިމާއީ ހައްގުތައް ގެއްލުން. މީގެ ދަށުން އެކަށީގެންވާ ބަޖެޓެއް ކަމާ ބެހޭ އިދާރާތަކަށް ލިބިފައި ނުވާކަން ސަބަބުތަކެއްގެ ގޮތުގައި ފާހަގަކުރެވޭ. ހަރުދަނާ ނިޒާމެއް ގާއިމުވެފައި ނެތުމުން ކަރަންޓުގެ ހިދުމަތުން ބައެއް ރަށްރަށުގެ ރައްޔިތުން ގިނަ ދުވަސްތަކެއް ވަންދެން މަހްރޫމް ވަމުން ދިއުމާއި. މިކަމާ ގުޅިގެން ސިއްހީ މަރުކަޒުތަކާއި ސްކޫލްތަކާއި ކޯޓަތަކުގެ ހިދުމަތުން ރައްޔިތުން މަހްރޫމް ވަމުންދާތީ ހުށަހަޅާފައިވާ މައްސަކަތައް ހިމެނޭ" ކަމަށާއި އަދި "ކުނި ނައްތާލާނޭ ނިޒާމެއް ރަށްރަށުގައި ނެތުމުންނާއި ވަކި މިންވަރަށް ވުރެ ކައިރީގައި ފައިބަގްލާސްގެ މަސައްކަތް ކުރަމުންދާތީ، ރައްޔިތުންގެ ސިއްހަތަށް ތަފާތު ގެއްލުންތައް ވެގެން ދިއުމާއި ލާމަރުކަޒީ އުސޫލުން މި ހިދުމަތް ފޯރުކޮށްދޭން ޖެހޭ އިދާރަތަކަށް އެބައެއްގެ ދައުރު އެބަޔަކަށް ފުރިހަމައަށް އެނގިފައި ނުވާތީ އާއި އަދި އެކަމަށް ބޭނުންވާ ބަޖެޓް ލިބިފައި ނެތުމުގެ ސަބަބުން މެދުވެރިވެފައިވާ މައްސަލަތައް ފާހަގަ ކުރެވޭ" ކަމަށް ޢަޒުރާ ވިދާޅުވި އެވެ.
އިންސާނީ ހައްގުތަކާ ބެހޭ މުއައްސަސާގެ ހުސްވި އަހަރުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާ ރަނގަޅުފެންވަރުގެ ސިއްހީ ހިދުމަތް ލިބި ދިނުމުގެ ހައްގުގެ ތެރެއިން ފާހަގަ ކުރެވޭ މައްސަލަތަކުގެ ތެރޭގައި ސިއްހީ ހިދުމަތް ލިބިދިނުމާ ގުޅުން ހުރި 60 މައްސަލައެއް ހުށަހެޅިފައިވާ އިރު އޭގެ ތެރެއިން 42 މައްސަލައަކީ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީންނަށް އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމަށް ބުނެ ގައިދީންނާއި އެމީހުންގެ އާއިލާތަކުން ހުށަހަޅާފައިވާ ޝަކުވާތަކެވެ. އަދި އޭގެ ތެރޭގައި ދިގު މުއްދަތަކަށް ބޭސްފަރުވާ ކުރަން ޖެހޭ ފަރާތްތަކާއި ހާއްސަ އެހީއަށް ބޭނުންވާ ބަލި މީހުންނާއި ނަފްސާނީ ބަލި މީހުންނާއި ރާއްޖެ އިން ބޭރުން ބޭސްފަރުވާ ކުރުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާ ބަލި މީހުންގެ ބޭސްފަރުވާއާއި ކޮންމެހެން އޮޕަރޭޝަން ކުރަން ޖެހޭ ފަރާތްތަކަށް ފަރުވާލިބުން ލަސްވުމާއި އެކި ބަލިތަކަށް ބޭނުންވާ ބޭސް ނުލިބުމާއި އެ ކަންކަން ހަމަޖައްސައި ދިނުމުގައި ޖަލު ބަލަހައްޓާ ފަރާތްތަކުގެ އިހްމާލުން ފަރުވާދިނުން ލަސްވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ފާހަގަކޮށްފައިވެ އެވެ.
ހަމަ އެހެންމެ އަތޮޅުތަކުގަ އާއި މާލޭގައިވާ ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ ފެންވަރު ދަށްވުމާއި އެކަންކަން ބަލަހައްޓަން ތިބި ފަރާތްތަކުގެ ފެންވަރު ދައްވުމާއި ޑޮކްޓަރުންނާއި ހާއްސަ މީހުން ނެތުމާއި ކަންކަމަށް ބޭނުންވާ އާލަތްތައް ނެތުމުން ނުވަތަ ހަލާކުވުމުގެ ސަބަބުން އާސަންދައާއި އެންސްޕާގެ ހިދުމަތްތަކާ ގުޅިގެން ވެސް މައްސަލަތަކުގެ ޝަކުވާތައް ރިޕޯޓުގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ހިދުމަތުގެ ފެންވަރު ދައްވުމާއި ހިދުމަތް ނުލިބޭ ކަމަށް ބުނެ ރަށްރަށުގެ ހެލްތު ޕޯސްޓްތައް ރައްޔިތުން ނުކުމެ ބަންދުކުރުމުގެ ސަބަބުން ސިއްހީ ހިދުމަތް މެދުކެނޑި ބޮޑެތި ހަރަދުތައް ކޮށްގެން އެހެން ރަށްރަށަށް ސިއްހީ ހިދުމަތް ހޯދުމަށް ދާން ޖެހޭ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަތައް ވެސް އެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ އިތުރު މައްސލަތަކުގެ ތެރޭގައި ފުލުހުންނާ ގުޅޭ ބައެއް މައްސަލަތަކާއި ޖުޑިޝަރީއާ ގުޅޭ މައްސަލަތަކާއި ހުސްވި އަހަރު ފެބްރުއަރީ މަހު ރާއްޖޭގެ ވެރިކަން ބަދަލުވުމާ ގުޅިގެން ހިނގި އެކިއެކި ހަމަނުޖެހުންތަކާ ގުޅޭ މައްސަލަތައް ހިމެނެ އެވެ.
އެޗްއާރުސީއެމްގެ ރައީސް ފާހަގަކުރެއްވި ގޮތުގައި އެކޮމިޝަނުން މަސައްކަތް ކުރަމުން ގެންދާ އިރު ބައެއްފަހަރު މައުލޫމާތު ހޯދުމުގައި ދައުލަތާއި އަދި ޝަކުވާ ހުށަހަޅާފަރާތުގެ އެއްބާރުލުން ވެސް ލިބުމުގައި އުނދަގޫތަކެއް ހުރިކަމަށެވެ. އެގޮތުން މައްސަލަ ހުށަހަޅާ ފަރާތުން މައްސަލަ ހުށަހެޅުމަށް ފަހު މައުލޫމާތު ދިނުމުގައި އެއްބާރުލުން ނުދިނުމާއި ސަރުކާރުގެ ބައެއް ދާއިރާތަކުން ހޯދަން ޖެހޭ ލިޔެކިޔުންތައް ލިބުމުގައި ބޭނުންވާ ހަލުއިމިނާ އެއްވަރަށް އެފަދަ ތަކެތި ލިބުމުގައި ލަސްވާކަން ފާހަގަ ކުރެއްވި އެވެ. އަދި ހަމަ އެހެންމެ ކުރީ އަހަރާ ހިލާފަށް ހުސްވި އަހަރަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ވަރަށް ހަލަބޮލިކޮށް ގޮސްފައިވާ އަހަރެއް ކަމުން ވޭތުވެ ދިޔަ އަހަރުގައި މައްސަލަތައް ގިނަވެފައި އުނދަގޫ ކަމަށް ވެސް އަޒުރާ ފާހަގަ ކުރެއްވި އެވެ. އެގޮތުން ސިޔާސީ ޕްރެޝަރުތަކާ ހެދި މައްސަލަތައް ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ހުރިކަން ވެސް ފާހަގަ ކުރަށްވާފައިވެ އެވެ.