ފުލުހުންނަށް ނޭންގި ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ފުލުހުންގެ ނަންތައް ހިމަނާފައިވާ ކަމަށް ފުލުސް އޮފީހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ހަސަން ހަނީފް މިއަދު ވިދާޅުވީ ފުލުހުންނަށް ނޭންގި އެކި ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީ ކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެގޮތަށް ކަންތަށް ނުކުރުމަށް ސިޔާސީ ޕާޓީތަކަށް ހަނީފު ވަނީ ގޮވާލާފަ އެވެ. ނަމަވެސް އެ މައްސަލަ އެއްވެސް ފަރާތަކަށް ފުލުހުން ހުށަހެޅި ކަން އެނގިފައެއްނުވެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް އަބުދުﷲ ރިޔާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެސިސްޓެންޓް ކޮމިޝަނާ އޮޕް ޕޮލިސް އަލީ ރަޝީދުގެ ނަން އޭނާއަށް ނޭންގި ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ކަމަށެވެ.
ހަނީފް ވަނީ ފުލުހެއްގެ ނަން ސިޔާސީ އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައި އޮއްތޯ ބެލުމަށް އިލްތިމާސްކޮށްފަ އެވެ.

ފުލުހުންގެ ގާނޫނުގެ 69 މާއްދާގެ (ނ) ގައި ބުނެފައި ވަނީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުން، ނުވަތަ އެއްވެސް ސިޔާސީ ޕާޓީއެއްގެ ހަރަކާތެއްގެ އަމަލީ ގޮތުން ބައިވެރިވުން ނުވަތަ އެއްވެސް ސިޔާސީ ޕާޓީއަކަށް މާލީ ހޭދަކުރުމަކީ ފުލުހުންނަށް މަނާކަމެކެވެ.

ފުލުހުންގެ ނަންތައް ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމަނާފައިވާ ކަމަށް ފުލުހުން ބުނެފައި މި ވަނީ 10000 މެންބަރުން ހަމަނުވާ ޕާޓީތައް އުވޭގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައި އޮތުމުން ޕާޓީތަކަށް މެންބަރުން އިތުރު ކުރުމަށް މާލެއާއި އަތޮޅުތަކުގައި ސިޔާސީ ޕާޓީތަކުން ކެމްޕެއިންތަކެއް ހިންގާފައިވަނިކޮށެވެ. އިލެކްޝަންސް އިން އިއްޔެ ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ބައެއް ސިޔާސީ ޕާޓީތަކުގެ ފޯމުތަކުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.