އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ ބިލާ ގުޅޭ ގޮތުން ދައްކަމުންދާ ވާހަކައަކީ ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށް ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ދިޓީވީ އިން ރޭ ގެނެސްދިން "ހަބަރު ތެރެއިން" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހަސަން ވިދާޅުވީ ސިޔާސީ ޕާޓީތައް އުވާލާފައިނުވާ ކަމަށާއި އޭގެ ބަދަލުގައި ބައެއް ޕާޓީތައް ދަފްތަރުން އުނިކުރީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ ވާހަކައަކީ ދެކޮޅުނު ޖެހޭ ވާހަކައެއް ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ވާހަކަތައް ސިފަކުރައްވަމުން ހަސަން ވިދާޅުވީ އެ ވާހަކަތަކަކީ "ދެމަފިރިއަކަށް އާއިލާއާ ބެހޭ ކޯޓުން ކައިވެނީގެ ސެޓްފިކެޓް ބާތިލްވީކަން އެންގުމާ އެކު، އަދި ވެސް ކައިވެނި ސައްހަ ކަމަށް" ބުނުން ފަދަ ކަމެއްގެ ކަމަށެވެ.

"ކޮމިޝަންގެ ވާހަކަ ދެކޮޅު ޖެހޭ މަންޒަރެއް ނުފެނޭ. އެއްކޮޅުން ޕާޓީގެ ދަފްތަރުން އުނިކޮށްފި. ހަމައެއާ އެކު ޕާޓީގެ ހަރަކާތްތައް އިންތިޒާމުކޮށްގެން ޖަމާއަތެއްގެ ސިފައިގައި ކުރުމަށް މަގު ތަނަވަސް ވެގެނެއް ނުދޭ. ޕާޓީ ތަމްސީލްކުރާ މެމްބަރުންގެ ހައިސިއްޔަތު އެބަ ގެއްލޭ. ޕާޓީ ތަމްސީލްކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބެން ޖެހޭ ފުރުސަތުތަކެއް ގެއްލިގެންދޭ. ދައުލަތުގެ މާލިއްޔަތުންދޭ އެހީތެރިކަމެއް ނުލިބޭ." ޑރ. ހަސަން ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމާ އެކު، ސިޔާސީ ޕާޓީތަކާ ބެހޭ ބިލް ވަނީ ގާނޫނަކަށް ވެފަ އެވެ. އެ ގާނޫނުގައިވާ ގޮތުން 10،000 މެމްބަރުން ހަމަނުވާ ހުރިހާ ސިޔާސީ ޕާޓީއެއް އުވާލެވޭނެ އެވެ.

ޕާޓީތައް އުވާލުމުގައި މައްސަލާގައި ދެބަސްވުންތަކެއް ހުރި އިރު، އިލެކްޝަންސް ކޮމިޝަނުން އިއްޔެ، އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ވަނީ އާކޮށްފަ އެވެ. އާ ދަފްތަރުގައި އެކޮމިޝަނުން ހިމަނާފައި ވަނީ ފަސް ސިޔާސީ ޕާޓީއެކެވެ. އެއީ އެމްޑީޕީ، ޕީޕީއެމް، ޑީއާރުޕީ، ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އެވެ.

ރޭގެ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

ޑރ. ހަސަން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ސިޔާސީ ޕާޓީތަކުގެ ބިލާއި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުގެ ބިލް ފާސްކުރުމުގައި ކަންތައް ކޮށްފައި ވަނީ ވަރަށް ޒިންމާދާރުކަން ކުޑަ އަދި ހުދުމުހުތާރު ގޮތަކަށް ކަމަށެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާދާރުކަން ކުޑަ ކަން. އެއްވެސް ކަހަލަ ގާނޫނީ އަސާސެއް އުސޫލެއް ނެތި، ޑެމޮކްރަޓިކް މުޖުތަމައެއްގައި އަމަލުނުކުރާ ގޮތަށް، ވަރަށް ހުދުމުހުތާރު ގޮތަކަށް ސިޔާސީ ޕާޓީތަކުގެ ބިލާއި އިމްތިޔާޒުގެ ބިލް އެ ފާސް ކުރީ،" ހަސަން ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލްގެ ސަބަބުން 10،000 މީހުން ހަމަނުވާ ޕާޓީތަކަށް ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މަސައްކަތް ނުކުރެވޭނެ ކަމަށް ބުނެފައިވާ އިރު، އެކަމުގެ ސަބަބުން ގިނަ ރައްޔިތުންތަކެއް ސިޔާސީ ކަންކަމުގައި ބައިވެރިވުމުގެ ހައްގުން މަހުރޫމްވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ބިލް މަޖިލީހުން އެންމެ ފުރަތަމަ ފާސްކޮށްފައި ވަނީ ނިމިގެންދިޔަ ދައުރުގަ އެވެ. އެ ފާސްކުރުމަށް ފަހު ތަސްދީގުކުރަން ފޮނުވުމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ބިލް މަޖިލީހަށް އަނބުރާ ފޮނުއްވާލައްވާފަ އެވެ.

ނަމަވެސް މަޖިލީސް އަލަށް ފެށިގެން މިއައި ދައުރުގައި މަޖިލީހުން ވަނީ ތަސްދީގު ކުރެއްވުމަށް ރައީސްއަށް މަޖުބޫރުވެލައްވާ ގޮތަށް ބިލް އޮތް ގޮތަށް އަލުން ފާސްކޮށްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހާރު މިބިލް ތަސްދީގުކޮށްފައިވީ ނަމަވެސް، އެ ގާނޫނުގައިވާ ބައެއް ނުކުތާތަކުގެ މައްސަލަ ބަންޑާރަ ނައިބު ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ.