14 Mar 2013, 11:03
ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ޖެޓްކްރާފްޓް އެއާބަސް އޭ320ގެ ހާއްސަ ދެ ދަތުރު މިޑް ޓާމް ބަންދާ ގުޅިގެން އައްޑުއަށް ކުރުމަށް ނިންމާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.
އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު މިއަދު ސަން އޮންލައިނަށް ވިދާޅުވީ މިޑްޓާމް ބަންދާ ގުޅިގެން މޯލްޑިވިއަންގެ ބޮޑު ބޯޓުގެ ދަތުރުތަށް ގަމަށް ކުރުމަށް ނިންމާފައިވަނީ މިމަހުގެ 22 ވަނަ ދުވަހާއި 29 ވަނަ ދުވަހު ކަމަށެވެ.
"އެއީ ސުކޫލް ޗުއްޓީއާ ދިމާކޮށް ގަމަށް ދާން ބޭނުންވާ ފަރާތްތަކަށް ފަސޭހަ މަގެއް ހޯދައިދިނުމުގެގޮތުން އިންތިޒާމް ކުރިކަމެއް" ނަޝާތު ވިދާޅުވިއެވެ.
ނަޝާތު ވިދާޅުވީ އެ ދެ ދަތުރުގެ ޓިކެޓް މިހާރު ވިއްކަމުންދާއިރު ޓިކެޓުގެ އަގަކީ ކޮޅަކަށް އެންމެ 999 ރުފިޔާ ކަމަށެވެ.
މޯލްޑިވިއަންގެެ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކުންފުނިން ކުރިން މުޅިންވެސް ބޭނުން ކުރަމުންއައީ، އެކުންފުނީގެ ބައިނަލްއަގްވާމީ ދަތުރު ތަކަށް ހާއްސަ ކޮށްގެން ނެވެ. އެގޮތުން އެ އެއާކްރާފްޓް މިހާރުވެސް ދަނީ އިންޑިއާގެ މުންބާއީ އާއި ޗެންނާއީގެ އިތުރުން ބަނގްލަދޭޝްގެ ޑާކާ އަށް ދަތުރުތަށް ކުރަމުންނެވެ. އެބޯޓަކީ 152 ސީޓުގެ ބޯޓެކެވެ. އޭގެތެރޭގައި ހިމެނެނީ 14 ބިޒްނަސް ސީޓާއި 138 އިކޮނޮމީ ސީޓެވެ.