ޕެންޝަން ސުކީމުން ފައިސާ ނެގުމުގެ ފުރުސަތު ހުޅުވާލައިފި ނަމަ އެ ސްކީމުން ފައިދާ ލިބޭނެ ގޮތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ގެއްލި އުމުރުން ދުވަސްވާއިރަށް ޕެންޝަންގެ ގޮތުގައި ލިބޭ މިންވަރު ކުޑަވެގެން ދާނެ ކަމަށް ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ބުނެފި އެވެ.

ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މަޖިލީހަށް ހުށައަޅާ އަދި މިހާރު ބަހުސް ކުރަމުންދާ ބިލްގައި މުއައްޒިފުންގެ މުސާރަ އިން ޕެންޝަނަށް ކަނޑާ ފައިސާ ނެގުމުގެ އިހްތިޔާރު ކޮންމެ މީހަކަށް އޮންނަން ވާނެ ކަމަށާއި ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ނެގޭނީ ހައްޖަށް ދިއުމަށާއި ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށާއި މަތީ ތައުލީމު ހާސިލުކުރުމަށާއި ގެދޮރު އިމާރާތް ކުރުމަށް އަދި އަމިއްލަ ވިޔަފާރިއެއް ފެށުމަށް ކަމަށް ބުނެފައިވެ އެވެ.


އެކަމަށް ރައްދުދެއްވައި ރާއްޖޭގެ މާކެޓް ކުރިއަރުވާ ރެގިއުލޭޓްކުރާ ސީއެމްޑީއޭ އިން ބުނީ އެގޮތަށް ފައިސާ ނެގޭނެ ފުރުސަތު ހުޅުވާލައިފި ނަމަ 65 އަހަރުވާންވާ އިރަށް ރިޓަޔާމަންޓް ޕެންޝަން ސްކީމުން ލިބޭ މިންވަރު އަސާސީ ޕެންޝަނަށް ވުރެ މަދުވާ މީހުންގެ އަދަދު އިތުރުވެ ސަރުކާރުން އަސާސީ ޕެންޝަނަށް ކުރަން ޖެހޭ ހަރަދު އިންތިހާއަށް އިތުރުވެގެންދާނެ ކަމަށެވެ.

"ޕެންޝަނާ ބެހޭ ޤާނޫނަށް މިހާރު ހުށަހަޅާފައިވާ އިސްލާހުތައް ގެނެސްފި ނަމަ. ޕެންޝަންގެ ނިޒާމަށް ގެނެސްފައިވާ ހަރުދަނާ އިސްލާހުތަކުގެ ބާރުކެނޑި، ކުރިން އޮތް ހާލަތަށް ޕެންޝަނުގެ ނިޒާމު އިއާދަވެގެންދާނެ އެވެ. ފަސްދޮޅަށް ފަސް އަހަރުވުމުގެ ކުރިން މެންބަރުންނަށް އެކިއެކި ބޭނުމުގައި ސްކީމުން ފައިސާ ނެގުމަށް ފުރުސަތު ދިނުމަކީ ދައުލަތުގެ ބަޖެޓުން އާންމުކޮށް އިޖްތިމާއީ ކަންކަމަށް ވަކި އުސޫލެއް ނެތި ހޭދަކުރުމުގެ ނިޒާމަށް ރުޖޫއަވުމަށް ދެވޭ ފުރުސަތެކެވެ. ބޭސްފަރުވާއާއި ބޯހިޔާވަހިކަމާއި ތައްލީމް ފަދަ ހިދްމަތްތައް ހަރުދަނާ ނިޒާމެއްގެ ދަށުން ފޯރުކޮށްދިނުމަށް ޓަކައި އެކަށީގެންވާ ޤާނޫނީ އަދި އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ޓަކައި، ކަމާ ބެހޭ އިދާރާތަކުން މަސައްކަތްކުރަމުން އެބަގެންދޭ،" ސީއެމްޑީއޭ އިން ބުންޏެވެ.

ސީއެމްޑީއޭ އިން ބުނީ ޕެންޝަން ސްކީމުން އެހެނިހެން ހޭދަތަކަށް ފައިސާ ނެގުމުގެ ފުރުސަތު ދިނުމަކީ އިޖްތިމާއީ ހިދްމަތްތައް ހަރުދަނާ އުސޫލުތަކެއްގެ ދަށުން ފޯރުކޮށްދިނުމަށް އެޅޭ ހުރަހެއް ކަމަށެވެ. އަދި ރިޓަޔާމަންޓް ޕެންޝަން ސްކީމްއިން މެންބަރުންނަށް އަނބުރާ ފައިސާ ނެގޭނެ ގިނަ ފުރުސަތުތައް ހޯދައިދިނުމުގެ ބަދަލުގައި ޕެންޝަން ފަންޑް މެދުވެރިކޮށް ދިވެހި ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީ އަށް ކުރެވިދާނެ އިންވެސްޓްމަންޓްތަކާ މެދު ވިސްނައި ސަރުކާރުން ޕްރައިވެޓް ސެކްޓާ ތަރައްގީ ކުރުމަށް ޓަކައި ގިނަ މަޝްރޫއޫތައް ހޯދުމަށް މަސައްކަތްކޮށްގެން ނޫނީ މިވަގުތު ދިވެހިރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ބަލިމަޑުކަމުން ސަލާމަތްވުމަށް އިތުރު ހުރަސްތަކެއް އެޅިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސީއެމްޑީއޭ އިން ބުންޏެވެ.

"ދެ ހާސް ނުވަ ވަނަ އަހަރު ޕެންޝަނާ ބެހޭ ޤާނޫނުން ގެނެވިފައިވާ ނިޒާމަކީ ވަރަށް އާ ނިޒާމެކެވެ. މިނިޒާމު އެކުލަވާލައި، ހަރުދަނާ ކުރުމުގެ މަރުހަލާގައި އުޅޭ މި ދަނޑިވަޅުގައި ޤާނޫނުގައި ކަނޑައަޅާފައިވާ ނިޒާމު ބަދަލުވެގެންދާނޭ ގޮތަށް އިސްލާހުތައް ހުށަހެޅުމަކީ ޕެންޝަން ނިޒާމާ މެދު މެންބަރުން ކުރާ އިތުބާރު ކުޑަވެ، ކުރިމަގުގައި މެންބަރުންނަށް ލިބޭނެ ޕެންޝަނާ މެދު އޮންނަ ޔަގީން ކަމަށް ހީނަރުކަމެއް އަންނާނެކަމެއް." ސީއެމްޑީއޭ އިން ބުންޏެވެ.