މާލޭގައި ފިހާރައެއްގެ ސޭޓަކަށް ތޫނު އެއްޗަކުން ހަމަލަދީ ބިރުދައްކައި ފޭރެން މަސައްކަތްކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:15ގައި ހިނގި އެ ހާދިސާގައި ހ. ވައިލެޓް ގޯޅީގައި ހުރި ލަނޑުދަނޑި ފިހާރައިގައި އިން ފިރިހެން ސޭޓަކަށް ދެ މީހަކު ވެގެން ހަމަލަދީ ފޭރެން މަސައްކަތް ކުރި ނަމަވެސް އެއްވެސް އެއްޗެއް ފިހާރައިން ގެންގޮސްފައި ނުވާ ކަމަށެވެ. އަދި ސޭޓަށް ލިބުނު ކުދި ޒަޚަމްތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ހޯދާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ފިހާރަ އަށް ވަދެ ފޭރެން ކުރި މަސައްކަތް ކާމިޔާބުނުވީ އެ ވަގުތު އެ ފިހާރަ އަށް ވަން، އެ ފިހާރާގައި މަސައްކަތް ކުރާ ބިދޭސީ މީހަކު ވަނުމާ ގުޅިގެންނެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ. ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ.

މާލޭގައި ފިހާރަތަކުގައި ތިބޭ ސޭޓުންނަށް ބިރުދައްކާ ދޭތެރެދޭތެރެއިން ފޭރެ އެވެ. އަދި ގިނަ ފަހަރަށް ފޭރެން މަސައްކަތް ކޮށްފައި ވަނީ އަންހެން ސޭޓުން ތިބޭ ފިހާރަތަކުން ނެވެ.