ޔުއެފާ ޗެމްޕިއަންސްލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ޖަރުމަނުގެ ބަޔާން މިޔުނިކާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ ދެލަނޑު ސުންލަނޑުން މޮޅުވުމާ އެކު ވެސް އަވޭ ގޯލްގެ ތަފާތުން އާސެނަލް ޗެމްޕިއަންސް ލީގުން ކަޓައިފި އެވެ.

މިޔުނިކްގައި ރޭކުޅުނު މެޗުގެ ތިން ވަނަ މިނިޓުގައި އާސެނަލްއަށް މެޗުގެ ކުރި ހޯދައިދިނީ އޮލިވަ ގިރޫޑް އެވެ. އަދި ހިތްވަރާ އެކު ކުޅެމުން ދިޔަ އާސެނަލްގެ ޒުވާން ޓީމުން ވަނީ މިޔުނިކްގެ އެތައް ހާސް ސަޕޯޓަރުންގެ ކުރިމަތީގައި ވަރުގަދައަށް ޑިފެންސްކޮށް އަދި ބަޔާންގެ ގޯލަށް ނުރައްކާ ތެރި ހަމަލާތަކެއް ވެސް އުފައްދައިފަ އެވެ. އެގޮތުން މެޗުގެ 86 ވަނަ މިނިޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް ކުއާޓާ ފައިނަލާ އެންމެ ލަނޑެއް ކައިރިއަށް ޖައްސާލަ ދިނީ ލޯރެންޓް ކޮސީލްނީ އެވެ. އެހެން ނަމަވެސް އާސެނަލްއަށް އޮތް ރަށުން ބޭރުގައި ކާމިޔާބު ކުރާންޖެހޭ އިތުރު އެއްގޯލްގެ ދަރަނީގެ ސަބަބުން ދޭއް ސުމަކުން މޮޅުވެ ދެ ލެގްގެ އެގްރިގޭޓް ނަތީޖާ 3-3 އެއްވަރުވީ ނަމަވެސް "އަވޭގޯލް" ރޫލްގެ ސަބަބުން އެ ޓީމަށް ޖެހުނީ ޗެމްޕިއަންސް ލީގަށް އަލްވަދާއު ކިޔާންށެވެ. އަދި ބަޔާން އިން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފަ އެވެ.

ރޭގެ މެޗަކީ ޗެމްޕިއަންސް ލީގުގައި މިސީޒަންގައި ބާޔާންގެ ފަރާތުން އެންމެ ދަށް ކުޅުމެއް ފެނިގެން ދިޔަވެސް މެޗެވެ. އެހެން ނަމަވެސް އެޓީމުން ވަނީ އާސެނަލްގެ ގޯލަށް ވެސް އެތައް ބައިވަރު ހަމަލާތަކެއް ފޮނުވާލާފަ އެވެ. އާސެނަލްގެ ކީޕަރު ލޫކާޒް ފަބިއަންސްކީ ވަނީ ރޭގެ މެޗުގައި ފާހަގަ ކޮށްލެވޭފަދަ ނުރައްކާތެރި ބޯޅަތަކެއް ދިފާއު ކޮށްފަ އެވެ.

ރޭގެ މެޗުން މޮޅުވި ނަމަވެސް އާސެނަލް ޗެމްޕިއަންސް ލީގާ އަލްވަދާއު ކިޔަން ޖެހުމުން ވިލާތުގެ ކުލަބު ފެންވަރުގެ އެންމެ ޝަރަފް ވެރި މުބާރާތުގައި މިހާރު އިނގިރޭސި ވިލާތުގެ އެއްވެސް ޓީމެއް ނެތެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ސްޕެއިންގެ މަލާގާ އާއި ޕޯޗްގީޒުގެ ޕޯޓޯ ކުޅުނު މެޗު ދެލަނޑު ސުންލަނޑުން ޕޯޓޯ ބަލިކޮށް އެގްރިގޭޓް ނަތީޖާ ދޭއް އެކަކުން ކާމިޔާބު ކޮށް މަލާގާވެސް ވަނީ މުބާރާތުގެ ގަދަ އަށަކުން ޖާގައެއް ކަށަވަރު ކޮށްފަ އެވެ.