މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު ކަމަށް، ރައްޔިތުންގެ މަޖިލީހުން ހޮވި ހއ. ދިއްދޫ އާލިޔާ، މުހައްމަދު އަސްލަމާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު މަސްއޫލިއްޔަތު ހަވާލުކޮށްފި އެވެ.

އަސްލަމް ބްރޯޑްކާސްޓިން ކޮމިޝަނަށް އިންތިހާބުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ޖަލްސާގައި 59 ވޯޓުގެ އަޣުލަބިއްޔަތަކާ އެކު އެވެ.

އަސްލަމް އެކޮމިޝަނަށް އައްޔަން ކުރެއްވުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުުލްޖުމްހޫރިއްޔާ އަސްލަމަށް މަގާމުގެ ލިއުން ދެއްވުމާ ގުޅިގެން، އަސްލަމް އިއްޔެ ވަނީ ކޮމިޝަނަށް ވަޑައިގެން މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވަޑައިގެންފަ އެވެ.

ބްރޯޑްކާސްޓިން މީޑިއާގެ ދާއިރާ އިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ އަސްލަމް ވަނީ، ދިޓީވީގައި ހަބަރު ކިޔުމާއި ޕޮލިޓިކްސް އެންޑް ކަރަންޓް އެފެއާސް ޕްރޮގްރާމްތައް ހުށަހަޅައިދިނުމުގެ އިތުރުން މާކެޓިން މަސައްކަތުގައި ވެސް ހަރަކާތްތެރިވެފަ އެވެ. މީގެ އިތުރުން ޣިޔާސުއްދީން ސްކޫލާއި ދަރުމަވަންތަ ސްކޫލްގައި ކޮލިފައިޑް ސެކަންޑަރީ ޓީޗަރެއްގެ މަގާމާއި ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލްގެ މާގާމުގެ ވެސް އަސްލަމް ފުރުއްވާފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ ކޮމިޝަނުގެ މެންބަރުކަމުންނާއި ރައީސްކަމުން ބަދުރު ނަސީރު 29 ޖުލައި 2012ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެެވެ.