ދިހަ ފަރާތެއްގެ މައްޗަށް ހަ ކޯޓު އަމުރެއް ނެރެދިނުމަށް އެދި އެމްބީސީން އަނެއްކާވެސް މަދަނީ ކޯޓަށް މައްސަލަ ހުށަހަޅައި އެވެ.


ވީޓީވީގައި މިއަދު އެމްބީސީން ބޭއްވި ނިއުސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަވަމުން އެމްބީސީގެ އާ ގާނޫނީ ވަކީލު، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ މި ފަހަރު ދައުވާ ކޮށްފައި ވާނީ ތަފާތު 10 ފަރާތެއްގެ މައްޗައް ހަ އަމުރެއް ނެރެދިނުމަށް ކަމަށެވެ.


އެމްބީސީން އަލުން މައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ހަފުތާގަ އެވެ.  މި މައްސަލަ މަދަނީ ކޯޓަށް ބަލައިގަތީ މިއަދު އެވެ.  


އެމްބީސީގެ އާ ދައުވާގައި ފުރަތަމަ އެދިފައިވަނީ ދިވެހި ރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް (އެމްއެންބީސީ ވަން އާއި ރާއްޖެ ރޭޑިއޯ)  ހިންގުމަށް މާލޭ މުނިސިޕަލްޓީންނާއި ކުރީގެ އެޓޯލްސް ޑިވެލޮޕްމަންޓް (މިހާރުގެ މިނިސްޓްރީ އޮފް ހޯމްއެފެއާޒް) އިން ދޫކޮށްފައިވާ ބިންތަކަކީ އެމްބީސީގެ ނަމަށް ބަދަލު ކޮށްދިނުމަށް ދައުލަތައް އަމުރުކޮށްދިނުމަށެވެ.


ކޯޓު އަމުރު ނެރުމަށް އެދިފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި އެމްއެންބީސީ ނަމުގައި ހުރި އެ ކުންފުނިން ހިފާއްޓާފައިވާ ފިކުރީ އަދި ތަބީއީ މުދަލަކީ އެމްބީސީގެ މުދާ ކަމުގައި ހަމަޖައްސައިދިނުމަށް އަމުރުކޮށްދިނުމަށް ވެސް އެދިފައިވެ އެވެ.


ކޯޓުން ނެރެދިނުމަށް އެދިފައިވާ ތިންވަނަ އަމުރަކީ ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވިސްގެ ޑިރެކްޓަރުން ފިޔަވައި ހުރިހާ މުވައްޒަފުން އެމްބީސީގެ މުވައްޒަފުން ކަމުގައި ކަނޑައަޅައިދިނުމަށެވެ.


ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަމް މޯލްޑިވިސްގެ ޕްރެކްއެންސީއަކީވެސް އެމްބީސީގެ ފްރެކުއެންސީ ކަމަށް ބަދަލު ކޮށްދިނުމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސްގެ މައްޗަށް އަމުރެއް ނެރެދިނުމަށް ވެސް އެ ދައުވާގައި ވެއެވެ.


ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޒަން މޯލްޑިވްސް ގައި ބޭނުންކުރާ ހުރިހާ ވެހިކަލްތަކާއި، ފަރުނީޗަރާއި، އާލާތްތަކާއި، ދައުލަތުގެ ބަޖެޓުން ދީފައިވާ ފައިސާއާއި، ލިބެމުންދިޔަ ނަފާއާއި، ދިވެހިރާއްޖޭގެ އާޑާއި ޓެލެވިޒަން މޯލްޑިވްސް ނުވަތަ އެމްއެންބީސީ ވަން އާއި ރާއްޖޭޖެ ރޭޑިއޯގެ އަރުޝީފު ނުވަތަ އާކައިވްސް ތަކަކީ އެމްބީސީގެ ތަކެތި ކަމުގައި ކަނޑައަޅައި ދިނުމަށް އެދިފައިވަނީ ފަސްވަނަ އަމުރެއްގެ ގޮތުގައި އެވެ.


ހަ ވަނައަށް ނެރެދިނުމަށް އެދިފައިވާ އަމުރަކީ އެމްބީސީ ހިންގުމަށް ދަތިވާނޭ ފަދައިން ސަރުކާރުން ނުވަތަ އެނޫންވެސް މުއައްސަސާއަކުން އިހުމާލުން ނުވަތަ ގަސްދުގައި ނަވަތަ އެނޫންވެސް ގޮތަކަށް ކޮށްފައިވާ ނުވަތަ ހިންގާފައިވާ ކަންތައްތައް ވަގުތުން ވަގުތަށް ހުއްޓުވާލުމަށެވެ.


މީގެ ކުރިން އެމްބީސީގެ މުދާ ހޯދުމަށް ކަމަށްބުނެ ކޯޓަށް ގޮސްފައިވަނީ ޑރ. ހަސަން ސައީދާއި ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ލޯފާމް ރާއްޖެ ޗެމްބަރުގެ ފަރާތުންނެވެ.


އެމްބީސީން މި މައްސަލައިގައި ފުރަތަމަ ދައުވާ ކުރީ ފިނޭންސް މިނިސްޓްރީގެ މައްޗަށެވެ.


ނަމަ ވެސް މަދަނީ ކޯޓުގައިޝަރީއަތް ހިންގުމަށް ފަހު ނެރުނު ހުކުމުގައި ބުނަނީ އެމްއެންބީސީގެ މައްޗަށް ދައުވާ ނުކޮށް ފިނޭންސް މިނިސްޓްރީގެ މައްޗަށް ދައުވާ ލިބޭ ގޮތަށް މައްސަލަ ކުރިޔަށް ގެންދެވެން ނެތް ކަމަށެވެ.