14 Mar 2013, 10:01
ތޫނިސް (މާޗް 14): ތޫނިސްގައި އެކުލަވާލި އައު ސަރުކާރަށް އެގައުމުގެ ޕާލަމެންޓްގެ އިތުބާރުއޮތް ކަމަށް ފާސްކޮށްފި އެވެ.
ހަ ޕާޓީއެއް ގުޅިގެން އެކުލަވާލި މިކޯލިޝަން ސަރުކާރުގައި އިސްކޮށް ޙަރަކާތްތެރިވަނީ އެ ގައުމުގެ އިސްލާމީ ފިކުރުގެ ޕާޓީއެއް ކަމަށްވާ އިސްލާމިކް ނަހްޒާ މޫމެންޓް އެވެ. މިއީ ތޫނިސްގައި މިދިޔަ އަހަރު އިންތިޚާބުކުރި ޕާލަމެންޓްގައި އެންމެ ގިނަ ގޮނޑި ހޯދާފައިވާ ޕާޓީ އެވެ. އައު ސަރުކާރުގެ ބޮޑުވަޒީރަކީ އިސްލާމިކް ނަހްޒާ މޫމެންޓްގެ ތަޖްރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށްވާ ޢަލީ އަލްޢުރައްޔިޟެވެ. އޭނާ އަކީ މިދިޔަ މަހު ތޫނިސްގައި އިސްތިއުފާ ދިން ހައްމާދީ އަލްޖިބާލީގެ ސަރުކާރުގެ ދާޚިލީ ވަޒީރެވެ.
ތޫނިސްގެ އައު ސަރުކާރަށް އެ ގައުމުގެ ޕާލަމެންޓްގެ އިތުބާރު އޮތް ކަމަށް ފާސްކުރުމާ ގުޅިގެން އެސަރުކާރުގެ ބޮޑުވަޒީރު ޢަލީ އަލްޢުރައިޟް އާއި އޭނާގެ ކެބިނެޓް ވަނީ ރައީސް ޑރ. މުންސިފް އަލް މަރްޒޫޤީގެ ކުރިފުޅުމަތީގައި އިއްޔެ ހަވީރުގެ ވަގުތެއްގައި ގާނޫނީ ހުވާކުރައްވާފަ އެވެ.
ތޫނިސްގެ ރައީސް ވިދާޅުވީ އައު ސަރުކާރުގެ އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ވާންޖެހޭނީ ތޫނިސްގެ އިގްތިސާދު ހަރުދަނާކޮށް ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަނޅު ކުރުމަށް މަސައްކަތް ކުރުމުގެ އިތުރުން ތޫނިސްގައި އުފެދިފައިވާ ސިޔާސީ ގަޑުބަޑުތައް ޙައްލުކޮށް ގައުމުގައި އަމަން އަމާންކަން ޤާއިމް ކުރުން ކަމުގަ އެވެ.
ދެހާސް އެގާރަ ވަނަ އަހަރުގެ ޢަރަބި ރަބީޢުގައި ބައެއް އަރަބި ގައުމުތަކަށް އައި ރައްޔިތުންގެ އިންޤިލާބުތަކުގައި އެންމެ ފުރަތަމަ ވެރިކަން ފޮރޮޅާލައި ޑިމޮކްރަސީގެ އުސޫލުތައް ތަޢާރަފް ކުރި ގައުމަކީ ތޫނިސް އެވެ. ނަމަވެސް މިބޮޑު ބަދަލާ އެކު ތޫނިސްއަށް ވަނީ ސިޔާސީ ހަމަނުޖެހުންތަކާއި ސަލާމަތީ ބޮޑެތި މައްސަލަތައް ކުރިމަތިވެފަ އެވެ.
ތޫނިސްގެ އިދިކޮޅު ސިޔާސީ ލީޑަރެއް ކަމަށްވާ ޝުކްރީ ބިލްޢީދު، ގޮތްނޭންގޭ ފަރާތަކުން ދިން ބަޑީގެ ޙަމަލާއެއްގައި މިދިޔަ ޖަނަވަރީ މަހުގެ ފަހުކޮޅު އަވަހާރަ ކޮށްލުމާގުޅިގެން އެގައުމުގެ މަސްރަޙް ވަނީ ކުރިޔަށްވުރެ ވެސް ބޮޑަށް ގަޑުބަޑުވެފަ އެވެ. ކުރީގެ ބޮޑުވަޒީރު ޙައްމާދީ އަލްޖިބާލީ އާއި އޭނާގެ ސަރުކާރު އިސްތިއުފާދޭން ޖެހުނީ މިފަދަ ބޮޑެތި ޖަރީމާތައް ތޫނިސްގައި ހިންގަމުން ގެންދާއިރު އެގައުމުގައި އަމްނު އަމާންކަން ޤާއިމްކުރުމުގައި އެސަރުކާރު ނާކާމިޔާބު ވެފައިވާ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން އެސަރުކާރުގެ ގިނަވަޒީރުންތަކެއް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. (އަލްޖަޒީރާ)