ސޯލް (މާޗް 14): ކޮރެޔާ ހަނގުރާމަ ނިމުމަކަށް ގެނައި ސުލްހައިގެ ވަގުތީ އެއްބަސްވުން އުވާލިކަން އުތުރުކޮރެޔާ އިޢްލާންކުރުމާ ގުޅިގެން އެކަމާ މެދު ކަންބޮޑުވާކަން ދެކުނު ކޮރެޔާ ހާމަކޮށްފި އެވެ.

ދެކުނު ކޮރެޔާގެ ޚާރިޖިއްޔާ އިން މިއަދު ނެރުނު ބަޔާނެއް ބުނެފައި ވަނީ އުތުރުކޮރެޔާގެ މިނިންމުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ހަރުކަށި ނިންމުމެއް ކަމަށާއި މިކަމުގެ ސަބަބުން ކޮރެޔަން ޕެނިންސިއުލާ ނުރައްކަލުގެ ތެރެއަށް ވެއްޓިގެން ހިނގައިދާނެ ކަމުގަ އެވެ. ކޮރެޔާ ހަނގުރާމަ ނިމުމަކަށް ގެނައި ސުލްހައިގެ ވަގުތީ އެއްބަސްވުން އުވާލިކަން އުތުރުކޮރެޔާ އިޢްލާން ކުރުމާ ގުޅިގެން އެމެރިކާ ވެސް ވަނީ ކަންބޮޑުވާކަން ހާމަކޮށްފަ އެވެ. ޗައިނާ ވަނީ މަސްރަޙް ހޫނު ނުކުރުމަށް ދެކޮރެޔާއަށް ވެސް އިލްތިމާސް ކޮށްފަ އެވެ. އުތުރުކޮރެޔާ އާއި ދެކުނު ކޮރެޔާގެ ދެމެދު 1950 ން 1953 ށް ހިނގި ހަނގުރާމަ ނިމުމަކަށް ގެނައުމަށް 1953ގައި އެ ދެ ގައުމުން ސޮއިކުރި ސުލްޙައިގެ ވަގުތީ އެއްބަސްވުން އުވާލައި އެއަށް ޢަމަލުނުކުރާނެކަން އެގައުމުން އިޢްލާންކޮށްފައި ވަނީ އިއްޔެ އެވެ.

ދެކޮރެޔާގެ ގެނައުމަށް 1953ގައި ދެކޮރެޔާގެ މެދުގައި ޤާއިމްކޮށްފައި ވަނީ ސުލްހައިގެ ވަގުތީ އެއްބަސްވުމެކެވެ. ދާއިމީ ސުލްޙައިގެ މުއާހަދާއެއް މިހާތަނަށް ވެސް އެ ދެ ގައުމުގެ ދެމެދުގައި ކުރެވިފައެއް ނުވެ އެވެ. މިއެއްބަސްވުން އުވާލިކަން އިޢްލާންކުރަމުން އުތުރު ކޮރެޔާގެ ހަތިޔާރުއެޅި ބާރުތަކާ ބެހޭ ވުޒާރާގެ ތަރްޖަމާން އިއްޔެ ވިދާޅުވީ 1953ގައި ދެކޮރެޔާގެ ދެމެދުގައި ގާއިމްކޮށްފައިވާ ވަގުތީ ސުލްޙައިގެ އެއްބަސްވުމަކީ މިހާރު ނެތް އެއްޗެއް ކަމުގަ އެވެ. މި އެއްބަސްވުންއުވާލާނެކަން މިދިޔަ ހަފްތާގައި އުތުރުކޮރެޔާ ވަނީ އިޢްލާންކޮށްފަ އެވެ.

މި މުޢާހަދާ އުވާލަން ޖެހުނީ ދެކުނު ކޮރެޔާ އާއި އެމެރިކާ ގުޅިގެން ކުރިޔަށްގެންދާ ހަނގުރާމައިގެ ތަމްރީންތަކުގެ ސަބަބުން ކަމަށް އުތުރުކޮރެޔާ ބުނެފައިވެ އެވެ. ދެކުނު ކޮރެޔާ އާއި އެމެރިކާ ގުޅިގެން ކުރިޔަށްގެންދާ ޢަސްކަރީ ތަމްރީންތައް ފަށާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. މިޢަސްކަރީ ތަމްރީންތައް ކުރިޔަށް ގެންދާ ނަމަ ޢަސްކަރީ ރައްދު ދޭނެކަމުގެ އިންޒާރު ވެސް އުތުރުކޮރެޔާ ވަނީ ދީފަ އެވެ. (ނޫސްއެޖެންސީތައް)